ފިނިބުރު ޖެހުން ނުހުއްޓުނު، އެކަމަކު ގޮވަނީ ލޮކްޑައުނަށް!

މިއަދު ހަވީރު މާލޭ މަގުމަތީގައި ގުރޫޕު ހަދާފައި ސައިކަލު ބުރެއްގައި ބަޔަކު: މަގުމަތިން އަދިވެސް މީހުން މަދެއް ނުވޭ ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުގެ ނުރައްކަލުގެ ރާޅުތައް ރާއްޖޭގެ ގޮޑުދޮށަށްވެސް މި ވަނީ ބީއްސާލާފަ އެވެ. މިހާރު މީހުން ޕްޒިޓިވްވާ އަދަދު އިތުރު ނުވި ނަމަވެސް ސިއްހީ މާހިރުން ބުނާ ގޮތުން އޭގެ މާނައަކީ ބަލި ފެތުރުމުގެ ނުރައްކާ ދިޔައީއެއް ނޫނެވެ. އެ ހާލަތަށް ނުދިޔުމަށް ސަރުކާރުން މިވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. ނަމަވެެސް އެއަށް އަހަރުމެން ބޯނުލަބާ ނަމަ، ސިއްހީ މާހިރުން ދޭ އިރުޝާދުތަކުގެ ބޭނުނަކީ ކޮބާ ހެއްޔެވެ؟ އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން ކުރާ މަސައްކަތުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟

ސަރުކާރުން މިވަނީ ހަފްތާއެއްހާ ދުވަހަށް މުވައްޒަފުންނަށް ގޭގައި ތިބުމަށް ޗުއްޓިއެއް ދީފަ އެވެ. ބޭނުމަކީ، ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖްތިމާއީ ގައިދުރުކަމަށް ބާރު އެޅުމެވެ. ބަލިން ރައްކާތެރިވުމުގެ ގޮތުން ޒަރޫރީ ބޭނުމެއް ނެތިއްޔާ ބޭރަށް ނުކުމެ ނޫޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ފުލުހުން ވެސް ދަނީ އެފަދަ ފަރާތްތަކަށް ނަސޭހަތްދީ ގެއަށް ފޮނުވާލުމިގެ މަސައްކަތް ކުރަމުންނެވެ.

މިއަދު ހަވީރު މާލޭ ބޭރުމަހުން މީހުން ހޭލަމޭލާ: ގިނަ އަދަކަށް މިއަދުވެސް މީހުންވެސް ފިނިބުރަށް ނިކުތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް މާލޭގެ މަގުތަކުން އިއްޔެ ވެސް ފެނުނީ މާއުފާވެރި މަންޒަރެއް ނޫނެވެ. އެހެން ހުކުރު ދުވަސްތަކެކޭ އެއްފަދައިން މީހުން ފިނި ބުރަށް ނުކުތް މަންޒަރެވެ. މަގުމަތިން މީހުން މަދެއް ނުވެ އެވެ. ލޯބިވެރިންނާއި އަނބިދަރިން ގޮވައިގެން މީހުން ހަމަ ސައިކަލުގައި އާއި ހިނގާފައި ބުރު ޖެހުމަގަ އެވެ. ގުރޫޕު ގުރޫޕަށްވެސް ފިނި ބުރުގަ އެވެ.

ބައެއް ކަންމަތިތަކާއި ޕާކިން ޒޯންތަކުގައިވެސް ބައެއް މީހުން ތާސްކުޅުމުގަ އެވެ. ގުރޫޕު ހަދާފައި ވާހަކަ ދެއްކުމުގަ އެވެ. އާންމުކޮށް މީހުން ދާ ކަނިވާ ސަރައްހަދުގައިވެސް އެހާވަަރަށް މީހުން އައިސް ސައިކަލުތައް ޕާކްކޮށްފައި ހުއްޓެވެ.

އާޓިފިޝަލްގައި މިއަދު ހަވީރު ކުޑަކުދިންނާއި މީހުންތަކެއް މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަޔަކު ގުރޫޕު ހަދައިފައި އަލިމަސްކާނިވާގައި ތާސްކުޅުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ މީހަކު މިއަދު ހަވީރު ފިނި ބުރުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ މާހިރުންގެ އިރުޝާދަށް އަމަލު ކުރި ތަނެއް ނުފެނުނެވެ. އެ ވާހަކަތައް މާ ސިރިއަސްކޮށް ދިވެހިންނަށް އަދިވެން ނެނގޭހެން ހިއެއް ނުވެ އެވެ. ގޯޅިތަކާއި މަގުތަކުން ފެނުނީ ގުރޫޕު ހަދާފައި މީހުން ސަކަރާތް ޖެހި ތަނެވެ. ކޮފީ މޭޒުތަކުންވެސް މީހުން މަދެއް ނުވި އެވެ.

އާޓިފިޝަލް ބީޗުގައިވެސް ދަރިން ގޮވައިގެން އުޅުނު މައިންބަފައިން އުޅުނެެވެ. ބައެއް މީހުން އެއްވެސް ހިޔާލެއް ފިކުރެެއް ނެތި ހަމަ އެމީހުންގެ ހިޔާލީ ދުނިޔެއަށް ގެއްލި ހަމަ ތަނެއްގައި ޖައްސާލައިގެންނެވެ. ދެ މީހަކު ކޮންމެވެސް ދުނިޔެވީ ވާހަކައެއްގަ އެވެ.

އިރުއޮއްސޭ މަންޒަރު ކިތަންމެހޭ ވެސް ރީއްޗެވެ. އެތަނަށްވެސް ގިނަ މީހުން އެއްވިތަން ފެނުނެވެ. ލޯބިވެރިޔާއެކު ސެލްފީ ނަގާލާ އިރު އޮއްސޭ މަންޒަރު ބަލާލުމުގައި އެތައް ބަޔަކު އުޅުނެވެ. އެއްބަޔަކު ފޯނުން އެ މަންޒަރު ފޮޓޯ ނަގައި ރައްކާ ކުރުމުގައި އުޅުނީ އަވަދިނެތި އެވެ.

ކަނިވާ ސަރައްހައްދުގައި ސައިކަލުތައް ޕާކްކޮށްފައި: ކޮފީބޯ ތަންތަނާއި ރެސްޓޯރެންޓުތަކަށް ދާ މީީހުން އަދިވެސް މަދެއް ނުވޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ދެތިން ދުވަސް ކުރިން އެންމެން ގޮވީ ގައުމު "ލޮކްޑައުން" އަކަށް ދިޔުމަށެވެ. ނަމަވެސް ގޭގައި މަޑުން ތިބެން ސިއްހީ މާހިރުން އެންގުމުން ވެސް، ދޭ އިރުޝާދުތަކަށް ބޯލަބާ ތަނެެއް ނުފެނެ އެވެ. އެންމެވެސް އަދިވެސް އެ އުޅެނީ ބިރެއް ނެތި ހޭލަމޭލަވުމުގަ އެވެ.

ބޭރު މަގުން ގިނަ ބަޔަކު ސައިކަލުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑަސްރިއަލް ވިލެޖްގައި މީހުން އިއްރުއޮއްސޭ މަންޒަރު ބެލުމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ނުރައްކަލުން އަރައިގެނެވޭނީ އެންމެގެވެސް އެއްބާލުމާއެކު އެވެ. އެންމެވެސް ފަރުދީ ޒިންމާ ނަގައިގެންނެވެ. އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. އެހެން ނޫނީ މި ނުރައްކާތެރި ވައިރަސް އަހަރުމެންނަށް ކުރާ ނުރައްކާ ވަރަށް ބޮޑުވެދާނެ އެވެ. ފިނި ބުރު ޖެހުން ހުއްޓާލަން ޖެހެ އެވެ. ޒަރޫރީ ބޭނުމެއް ނެތި މަގުމައްޗަށް ނުނިކުންނަން ޖެހެ އެވެ. އަޅެ އެއް ފަހަރުވެސް ގޭގައި މަޑުކޮށްލައި އެ ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ހިނގާށެވެ.

comment ކޮމެންޓް