ރާއްޖޭގެ ހުރިހާ ރައްޔިތުން އިންޝުއާ ކުރުމުގެ މަޝްރޫއު އެލައިޑާ ހަވާލުކުރަން ނިންމައިފި

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ޔުނިވާސަލް އިންޝުއަރެންސްގެ ހިދުމަތްދިނުމަށް އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެލައިޑް އިންޝުއަރެންސާ ހަވާލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސްގެ ޓެންޑާ ބޯޑުގެ ޑިރެކްޓާ ސާމީ އަގީލް މިއަދު ވިދާޅުވީ ޔުނިވާސަލް އިންޝުއަރެންސްގެ ހިދުމަތްދޭން ޝައުގުވެރިކަން ފާޅުކުރި ތިން ކުންފުނީގެ ތެރެއިން އެލައިޑް އިންޝުއަރެންސަށް އެ ފުރުސަތުދޭން ނިންމީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދެނީ އެ ކުންފުނިން ކަމަށްވާތީ ކަމަށެވެ. އަދި ވިދާޅުވީ އަނެއް ދެ ކުންފުނިން ހުށަހެޅީ މައުލޫމާތު ވެސް ފުރިހަމަނުކޮށް ކަމަށެވެ.

"ދެން ހުށަހެޅުއްވި ބޭފުޅުން އެބަ ހުންނެވި ބައެއް މައުލޫމާތުތައް ފުރިހަމަ ނުކޮށް. އެލައިޑުން ހުންނެވީ އެ ހުރިހާ މައުލޫމާތުތަކެއް ވެސް ފުރިހަމަ ކޮށްފައި. އެހެންވީމަޔާއި އެކު އެގޮތަށް މި ނިންމީ،" 720 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓް އެވޯޑު ކުރި ގޮތާ ބެހޭ ގޮތުން އަގީލް ވިދާޅުވީ އެވެ.

ސަރުކާރުގެ 40 ޕަސެންޓާއި އިންޝުއާ ހިދުމަތްދޭ ފަރާތުގެ 60 ޕަސެންޓް ހިއްސާވެގެން އަންނަ އަހަރު ހިންގަން ނިންމާފައިވާ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމަށް އޮކްޓޯބަރު މަހު ކުރި އިއުލާނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އެލައިޑްގެ އިތުރުން ސްރީ ލަންކާ އިންޝުއަރެންސް އަދި އަމާނާތަކަފުލް އިންނެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުން އިންޝުއާ ކުރުމަށް އެލައިޑާ ހަވާލުކުރީ ކިހާވަރަކަށް ކަމެއް އޭނާ ވިދާޅެއްނުވި އެވެ. ވިދާޅުވީ އެކަމަށް "ނެގޯޝިއޭޓް" ކުރާނީ ކަމަށެވެ.

އޮކްޓޯމްބަރު 20 ވަނަ ދުވަހު ސަރުކާރުން ކުރި އިއުލާނުގައި ބުނެފައި ވަނީ ޔުނިވާޝަލް އިންޝުއަރެންސަށް ދައްކަން ޖެހޭ ޕްރީމިއަމް ސަރުކާރުން ދައްކާ އިރު ބިލިން އާއި ކްލެއިމްސް ކަންތައްތައް ކުރަން ޖެހެނީ ހޮސްޕިޓަލުންނާއި ޚިދުމަތް ދޭ ފަރާތަކުން ކަމަށެވެ.

އެ ސްކީމުން ރާއްޖޭން ފަރުވާ ނުދެވޭ ބަލިތަކަށް ބޭރުން ބޭސްކުރެވޭ އިރު ބޭސިކް އިންޝުއަރެންސަކުން ލިބޭ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު