ރަސްދޫއިން ކިނބުލެއް ފެނިއްޖެ

އއ. ރަސްދޫއިން ފެނުުނު ކުޑަ ކިނބޫ --

އއ. ރަސްދޫއިން ދިރި ހުރި ކުޑަ ކިނބުލެއް ފެނިއްޖެ އެވެ.

ރަސްދޫ ކައުންސިލުގެ ނައިބު ރައީސް ހުސެއިން ސިމާއު "ސަން"އަށް ވިދާޅުވީ، އެ ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށުން އެ ކިނބޫ ފެނުނީ މިރޭ ގާތްގަނޑަކަށް ހަތެއް ޖަހަނިކޮށް ކަމަށެވެ. އަދި ކިނބޫ ފެނުނީ މަހަށް ގޮސްފަައި އައި ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިގުމިނުގައި ތިން ފޫޓާއި ބައި ހުރި އެ ކިނބޫ މިހާރު ވަނީ އެ ރަށު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

"އެމްއެންޑީއެފްއާ ގުޅައިގެން ދެން ކަންތައް ކުރަންވީ ގޮތް ބަލަމުން މިދަނީ،" ސިމާއު ވިދާޅުވި އެވެ.

މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކިވަރުގެ ކިނބޫ ފެނިފައިވެ އެވެ. އެގޮތުން މީގެ ދެ ހަފްތާ ކުރިން ޖުމެއިރާ ރިސޯޓުުގެ ގޮނޑުދޮށުން ހަތަރު ފޫޓުގެ ކިނބުލެއް ފެނިފައިވެ އެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު ހދ. ވައިކަރަދޫއިން މަރުވެފައި އޮތް ތިން ފޫޓުގެ ކިނބުލެއް ވަނީ ފެނިފަ އެވެ.

ކިނބުލަކީ ގާތްގަނޑަކަށް 4.5 މީޓަރަށް (15 ފޫޓު) ބޮޑުވާ އެއްޗެކެވެ. އަދި އެންމެ ބޮޑުވެފައި ހުންނަ އިރު ބަރުދަނުގައި ބައި ޓަނު ހުރެ އެވެ.

comment ކޮމެންޓް