އެއްވެ ތަކްބީރު ކިޔަމުން ނުހިނގުމަށް އިސްލާމިކް މިނިސްޓްރީއިން އެދެފި

ކ. ހުރާގައި ތަކްބީރު ކިޔަމުން ހިނގަނީ --

ކޮވިޑް-19 ވައިރަސް ފެތުރިޔަ ނުދިނުމުގެ ގޮތުން މަގުމަތީގައި އެއްވެ ތަކްބީރު ކިޔަމުން ނުހިނގުމަށް އިސްލާމިކް މިނިސްޓްރީއިން އެދެފި އެވެ.

އިސްލާމިކް މިނިސްޓްރީއިން ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ބައެއް ރަށްރަށުގައި، ކުރިން ސަގާފީ ގޮތުން ކުރަމުން އައި ކަމެއް ކަމުގައިވާ "ބޮޑު ދުމާ ހިނގުން" ނުވަތަ ޖަމާއަތެއްގައި މީހުން ތަކްބީރު ކިޔަމުން ހިނގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ކަމަކީ ސުންނަތުން ސާބިތުވާ ކަމަކަށް ނުވާތީއާއި މި ދަނޑިވަޅުގައި އެއްވެ އުޅުމަކީ ރައްކާތެރި ކަމެއް ކަމުގައި ނުވާތީ އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށް އެ ސާކިއުލާގައިވެއެވެ.

ކޮންމެ މީހަކުވެސް ފަރުޟު ފަސް ނަމާދުކޮށް، ކޮވިޑް-19ގެ ވަބާއިން ރައްކާތެރިވުމަށް ދުއާކޮށް، ދީނީ ކަންކަމަށް އިސްކަންދިނުމަށްވެސް އެ ސާކިއުލާގައި އިރުޝާދު ދީފައިވެއެވެ. އޭގެ އިތުރުން، ސިއްހީ ދާއިރާއިން އަންގާ ގޮތަކަށް ކަންކަން ކުރުމަށް އެ ސާކިއުލާގައި އެދިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީއިން މިގޮތަށް އެދިފައިވާއިރު މި ހަފްތާގެ ތެރޭގައި ކ. ހުރާގައި ވަނީ މަގުމަތީގައި ތަކްބީރު ކިޔަމުން ހިނގައިފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ތިބީ 13 މީހުންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ފަސް މީހުންނާއި ކުރަމަތި ރިސޯޓުން ދެ މީހުންނާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހުންނާއި އަނަންތަރާ ދިގު ރިސޯޓުން ދެ މީހުން އަދި އައިލެންޑް ސަފާރީ ބޯޓުން ދެ މީހުންނެވެ. އަދި މިހާތަނަށް ދިވެއްސަކު އެ ވައިރަސްއަށް ޕޮޒިޓިވްވެފައި ނުވެއެވެ.

comment ކޮމެންޓް