ރައީސް މައުމޫނު ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ދައްކާ ވާހަކަތަކަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ދައްކާ ވާހަކައެއް: ތަސްމީން

10:00


ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމު ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް، ދައްކާ ވާހަކަތަކަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ދައްކާ ވާހަކައެއް ކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ނިއުޔޯކް ޓައިމްސްގައި ރައީސް މައުމޫނާ ބެހޭގޮތުން ލިޔެފައިވާ ވާހަކަ ދޮގު ކުރުމަށް ޑީއާރުޕީން އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވެސް މެންބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، އެ ވާހަކަތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް އދ.ގެ ސްޓާ ޕްރޮގްރާމްގެ ދަށުން މަސައްކަތްކުރާ ކަމަށް މިހާރުގެ ސަރުކާރުން ވާހަކަ ދައްކާއިރު އެ ފުރުސަތު ލިބިފައި ވަނީ، ކުރީގެ ސަރުކާރުން، އދ.ގެ އެންޓިކޮރަޕްޝަން މުއާހަދާގައި ބައިވެރިވެފައިވާތީ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


ތަސްމީން އަދި ވިދާޅުވީ، މިހާރުގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ވަރަށްގިނަ ކަންތައް ކުރިއަށްގެންދާ ކަމަށެވެ. އޭގެ ތެރޭގައި ބިޑިން ޕްރޮސެސްއަށް ނުބަލާ އެއްވެސް އުސޫލެއް ނެތި ގާތް ފަރާތްތަކަށް މި ސަރުކާރުން ދެމުންގެންދާ ކަމަށް ވިދާޅުވި އެވެ.


މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތެއްގެ އަބުރާއި އިއްޒަތާ ހައްގު ރައްކާތެރިކުރުމަކީ ސަރުކާރަށް ލާޒިމު ކަމެއް ކަމަށް ގާނޫނު އަސާސީ ބުނާ ކަމަށެވެ. އެހެންކަމުން ރައީސް މައުމޫނާ ބެހޭގޮތުން ނިއުޔޯކް ޓައިމްސްގައި ހަގީގަތާ ހިލާފް ވާހަކައެއް އޮތްނަމަ އެކަން ރަނގަޅުކުރުމަކީ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ގާނޫނާ ހިލާފަށް ރައީސް މައުމޫނާ މެދު އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އަލީ ވަހީދު އިންޒާރުކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު