"ދަ ބާނިން ޓްރެއިން"ގެ ރީމޭކެއް!

"ދަ ބާނިން ޓްރެއިން" ގެ ޕޯސްޓަރެއް...

ނަވާރަ ސަތޭކަ ހަތްދިހަ ފަސް ވަނަ އަހަރު ސިނަމާތަކުގައި ބޮޑު ކާމީޔާބީއެއް ހޯދި ފިލްމު "ދަ ބާނިން ޓްރެއިން"ގެ ރީމޭކެއް ހަދަން ނިންމައިފި އެވެ.

ސާޅީސް އަހަރު ފަހުން އެ ފިލްމުގެ ރީމޭކެއް ހަދަން ނިންމީ އަސްލު ފިލްމު ޑައިރެކްޓްކުރި ރަވީ ޗޯޕުޅާގެ ދަރިފުލޫ ޖޫނޯ ޗޯޕްޅާ އެވެ. އޭނާ އާއެކު އެ މަސައްކަތުގައި އެކްޓަރު ޖެކީ ބަގްނާނީ ވެސް ބައިވެރިވެ އެވެ.

ރީމޭކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭން އުޅޭކަން އެންގި ނަމަވެސް ފިލްމާ ބެހޭ މާގިނަ ތަފްސީލްތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެހެން ކަމުން ފިލްމުގެ ކާސްޓުން ފައިނަލް ކުރި ކަމެއް ނުކުރާކަމެއް ވެސް އަދި ނޭނގެ އެވެ. އަދި ފިލްމު ޑައިރެކްޓްކުރަނީ ކޮން ފަރާތަކުން ކަމެއް ވެސް ނޭނގެ އެވެ.

ޖޫނޯ ވަނީ މީގެ ކުރިން ވެސް އޭނާގެ ކާފަ ބީއާރް ޗޯޕްޅާ ޑައިރެކްޓްކުރި ފިލްމު "ޕަތީ ޕަތްނީ އޯރު"ގެ ރީމޭކެއް ވެސް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ގެނެސްދީފަ އެވެ.

"ދަ ބާނިން ޓްރެއިން" އަކީ ގިނަ ބަޔަކަށް ކަމުގޮސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ވެސް ހޯދި ފިލްމެކެވެ. އެ ފިލްމުގައި ދައްކުވައިދެނީ ސުޕަ އެކްސްޕްރެސް ކިޔާ ރޭލެއްގެ ހިދުމަތް އިފުތިތާހުކޮށް، ނިއު ދިއްލީން މުމްބާއީ އަށް ކުރާ ދަތުރެއްގެ ތެރޭގައި އޭގައި އަލިފާން ރޯވުމުން ހިނގާ ހާދިސާތަކެކެވެ.

އޭރު އެ ފިލްމު ރިލީޒްކުރެވުނީ ބޮލީވުޑްގައި ތިބި އެންމެ ވަރުގަދަ ކާސްޓަކާ ވެސް އެކުގަ އެވެ. "ދަ ބާނިން ޓްރެއިން" އިން ފެނިގެން ދިޔައީ ދަރުމެންދުރާ އާއި ނީޓޫ ސިންގް އާއި ޕަރްވީން ބާބީ އަދި ހެމާ މާލިބީގެ އިތުރުން ޖީތެންދުރާ އާއި ވިނޯދު ކަންާ ފަދަ ކުޅަދާނަ ތަރިންގެ ހުނަރުވެރި އެކްޓިންނެވެ.

comment ކޮމެންޓް