ނެޓްފްލިކްސްގެ ހުރިހާ ޕްރޮޑަކްޝަންތަކެއް ހުއްޓާލަނީ

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން އެންމެ ބޮޑު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސްއިން ގެނެސްދޭ ސްކްރިޕްޓެޑް ޝޯތަކާއި ފިލްމުތަކުގެ ޕްރޮޑަކްޝަން މެދުކަނޑާލައިފިއެވެ.

މިހާރުވެސް ގިނަ ބަޔަކު ލޯބިކުރާ ޝޯތަކުގެ ޝޫޓިން ކުރިއަށް ދާއިރު ނެޓްފްލިކްސްގެ ނިންމުމާއެެކު ހުރިހާ ޝޯތަކެއްގެ ޕްރޮޑަކްޝަން މެދުކެނޑިގެންދާނެއެވެ.

ނެޓްފްލިކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ސްކްރިޕްޓެޑް ޝޯތަކާއި ފިލްމުތަކުގެ ޕްރޮޑަކްޝަން، ދެ ހަފްތާއަށް މަޑުޖައްސާލުމަށް އަންގާފައިވާނެ ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ދުނިޔޭގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަށް އަންނަނީ ތަފާތު ބޮޑެތި ގެއްލުންތައް ކުރަމުންނެވެ. އެގޮތުން ފަހުގެ ތާރީހުގައި ދުނިޔޭގެ ބޮކްސް އޮފީސް ނުވެއްޓޭ ވަރަށް ވަނީ މިހާރު ބޮކްސް އޮފީހުގެ އާމްދަނީ ވެއްޓިފައެވެ.

ފިލްމު ކުންފުނިތަކުން ދަނީ އެކުންފުނިތަކުގެ ފިލްމުތައް އެޅުވުންވެސް ކެންސަލުކުރަމުންނެވެ. އެގޮތުން ޑިޒްނީއިން މިމަހު ނެރުމަށް ހަމަޖައްސާފައިވާ ލައިވް އެކްޝަން "މުލާން" ފިލްމު އެޅުވުންވެސް ވަނީ މިހާރު ލަސްކޮށްފައެވެ. އަދި އެ އަޅުވާނެ ދުވަހެއް ޑިޒްނީއިން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް