ޖުމްހޫރީ މައިދާނާ އެކު މާލޭގެ ހުރިހާ ޕާކްތަކެއް އާންމުންނަށް ބަންދުކޮށްފި

ޖުމްހޫރީ މައިދާން: ކޮރޯނާ ވައިރަހާ އެކު އެ މައިދާން ދެން އާންމުންނަށް ބަންދުވާނެ -- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިގެން ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ޖުމްހޫރީ މައިދާން ހިމެނޭ ގޮތުން މާލޭގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކުރަން ނިންމައިފި އެވެ.

އެތަންތަން ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން ޖުމްހޫރީ މައިދާނާއި، ސަލްޓަންޕާކް އަދި މާލޭގެ ހުރިހާ ޕާކްތަކެއް އާންމުންނަށް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

އެތަންތަން ބަންދުކުރަން ނިންމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކޮށްފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ހަފްތާ ބަންދާ ދިމާކޮށް، ގިނަ އަދަދެއްގެ ބިދޭސީން ވެސް މާލޭގައި ހުންނަ ޕާކްތަކަށް ޒިޔާރަތްކޮށް ހަދަ އެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ އަށް މީހަކު ފެނިފައިވާ އިރު، އެ ވައިރަސް އިތުރަށް ފެތުރިގެން ނުދިޔުމަށް ހާއްސަ ފިޔަވަޅުތަކެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އަޅައިފަ އެވެ.

އެގޮތުން ރިސޯޓްތަކާއި ސަފާރީތަކުން، މީހުން އުޅޭ ރަށްރަށަށް ޓޫރިސްޓުން އެކްސްކާޝަންއަށް ގެންދިޔުމާއި ރަށްރަށުގެ ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުން ރިސޯޓްތަކަށާއި ސަފާރީތަކަށް ގެންދިޔުން ހުއްޓާލަން ވެސް އެޗްޕީއޭއިން މިރޭ ވަނީ އަންގައިފަ އެވެ. އަދި ސްކޫލްތައް ހުޅުވުން ވެސް މި މަގުގެ 22 ވަނަ ދުވަހަށް ވަނީ ލަސްކޮށްފަ އެވެ.

މީގެ އިތުރުން، ރޯގާ ޖެހިފައިވާ މީހުންނާއި ކުޑަކުދިން އަދި މުސްކުޅިން މިސްކިތުގެ ޖަމާއަތްތަކަށް ނުދިޔުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިސްކިތްތަކުގެ ކާޕެޓްތައް ވެސް އަންނަނީ ބަދަލުކުރަމުންނެވެ. އަދި މާދަމާގެ ހުކުރު ހުތުބާ އާއި ނަމާދު ވީހާވެސް ކުރުކުރުމަށް މިނިސްޓްރީން މިހާރު ވަނީ އިމާމުންނަށް އިރުޝާދު ދީފަ އެވެ.

ރައީސް ސޯލިހުވެސް މިއަދު ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ ކޮރޯނާވައިރަސް ފެތުރިގެން ނުދިޔުމަށް ފަރުދީ ފެންވަރުގެ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށާއި އެއްވުންތަކާއި ހަފްލާތައް ނުބޭއްވުން އަދި މީހުން އެއްވާ ތަންތަނަށް ނުދިޔުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.

ރާއްޖެއިން އެވައިރަސް ފެނުފައިވަނީ، ރިސޯޓްތަކަށް އައި ޓޫރިސްޓުންގެ ގައިންނާއި އެ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ކިބައިންނެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެ އެވެ.

comment ކޮމެންޓް