އަހުގައި އައި ދާނިޔަލް ފެނުމުން ލިބުނު ސިހުމާއެކު އަތުގައިވާހާ ސާމާނުތައް އަތުން ދޫވެ އެކި ދިމާލަށް ވިހުރުވިގެން ދިޔައެވެ. ހަވާދުގެ ސާމާނުތަކާއި މޭވާތަކާއި ގޮދަންފުށް ކޮތަޅެވެ.
"މަރިޔަމް. އަހަރެންދެކެ ހާދަ ބިރެކޭ ތިގަންނަނީ. އަހަންނާއި ވައްތަރުވަނީ ފުރޭތައަކާތަ؟ "ދާނިޔަލް ކުޑަކޮށް ހިނިތުންވެލިއެވެ. އަހުން ފައިބާފައި ބިންމައްޗަށް އުކިފައިހުރި ސާމާނުތައް ނަގާދޭން އުޅުނެވެ.
"ނޫން ނޫން މާތް ސާހިބާ.....އަޅުގަނޑު...އަމިއްލައަށް..." މަރިޔަމް ހާސްކަމާއެކު ކަކޫމައްޗަށް ތިރިވަމުން ބޯ ގުދުކޮށްލިއެވެ. އަދަބު އަދާކުރިއެވެ.
"ހާލުގައި ޖެހިފައިވާ ކުދިންނަށް އެހީވުމަކީ އަހަރެންގެ ވާޖިބެއް..." ދާނިޔަލް ކޮތަޅުތައް މަރިޔަމް އަތަށް ދިއްކޮށްލިއެވެ.
މަރިޔަމް ދެލޯ ބޮޑުކޮށްލިގޮތުން ދެލޯވެސް ފުންމައިލަފާނެ ކަހަލައެވެ. މަރިޔަމްއަށް ވީގޮތް ފެނި ދާނިޔަލްގެ ތުންފަތަށް މާނަވީ ހިނިތުންވުމެއްވެރި ވިއެވެ. އޭނައަށް މަރިޔަމްގެ ހިތުގެ އިހުސާސްތައް ރޭކާލައިފިއެވެ. ހިތާމައަކީ މިފަދަ ގުޅުމަކަށް އޭނަގެ ބައްޕާފުޅު ހުއްދަނުދެއްވާނެ ކަމެވެ. އޭނައަކީ ރަސްކަލެއްގެ ދަރިކަލެކެވެ. މަރިޔަމްއަކީ ބައްޕަގެ އިސް އޮފިސަރަކަށް ބޮޑުބޭބެ ކިޔާ ޔަތީމު ކުއްޖެކެވެ. މަރިޔަމްއާއިމެދު ހަމްދަރުދީ އުފެދި އެހިތުގައިވާ އެއްޗެއް އޮޅުން ފިލުވާ ސީދާ ޖަވާބެއްދޭން އޭނަގެ ޟަމީރު އޭނައަށް އެންގިއެވެ. ދެ ފިކުރެއްގައި ހުރެ ދާނިޔަލް އަސްދުއްވާލައިފިއެވެ. މަރިޔަމް މޭގައި އަތް އަޅާލައިގެން ހުރެ ގޭގެ އޮޅިގަނޑު ހުރަސްކޮށް އެތެރެއަށް ވަދެއްޖެއެވެ. ފިނި ނޭވާއެއްލިއެވެ. އޭނަގެ ބަސްނާހާ ހިތަށް ވިސްނައިދޭނީ ކިހިނެއްހެއްޔެވެ؟ އޭނައަށް ދާނިޔަލް ފެނުމުން އެވާ ގޮތްގޮތް އެއީ ލޯބި ކަމުގައި އެއްބަސްވާކަށް ބޭނުމެއްވެސް ނޫނެވެ. ނަމަވެސް ކުޑައިރުއްސުރެ ދާނިޔަލްއާއެކު ކުޅެން އުޅެ އުޅެ ހިތުގައި އެހެން ކަހަލަ އިހުސާސްތަކެއް ހޭލައިގެންފިއެވެ. އެކީގައި މޭވާއާއި މަދުތައް ބިންނަން ގަސްތަކަށް އަރާ އަސްދުއްވުން އަދި ކުޅިވަރު ކުޅެން އުޅުނު ހަނދާންތައް ދުވަހަކު ހިތުން ނުފިލާނެއެވެ.
މަރިޔަމް ގެއަށް ވަދެފައި މަސައްކަތް ކުރާ ހިތް ނުވެފައި ދޮރުއަށީގައި އިށީދެލައިގެން ފުން ޚިޔާލެއްގައި އިނެވެ. އިރުގެ އަލި ފަނޑުވަމުންގޮސް އަލިކަމުގެ މައްޗަށް އަނދިރިކަން ކުރި ހޯދައިފިއެވެ. ބޮޑުބޭބެގެ އަންހެނުން ފްލޯރާ ބައްތިތައް ދިއްލުމުން އޮރެންޖް އައްޔަކުން ގޭތެރެއަށް އަލިކަން ފާއްދާލައިފިއެވެ. ފްލޯރާ އެއްޗެހި ކިޔައިގެންފާނެތީ މަރިޔަމް ކަންނެތްވެފައި ހުރެވެސް ރޮށި ފިހަންވެގެން ފުށްގަނޑު މޮޑުނެވެ. ފަތްތަކާއި ހާބްސްތަކެއް އެއްކޮށްލުމަށްފަހު ރޮށި ތަވައަށް ލުމުން މީރުވަހެއް ތަނުގައި ހިފައިލިއެވެ.
"ދަރިފުޅާ މަރްޔަމް...."ބޮޑުބޭބެގެ އަންހެނުން ފްލޯރާ ތިރި ގޮނޑިއެއްގައި އިށީނދެ ފައި ދަމާލިއެވެ." ބޮޑުދައިތަ ވާހަކައެއް ދައްކާލަން އެބައޮތް...."
"ލައްބަ....." މަރިޔަމް ހިނިތުންވެލިއެވެ.
"ބޮޑުބޭބެ ބޭނުންވަނީ މަރިޔަމް މީހަކާއި އިންނަން....." ފްލޯރާ ބުނެލީ މަޑުންނެވެ. އޭނަ ހިތުން މިދެވުނީ މަރިޔަމް އުފަލުން ނަށާނެ ފަދަ ޚަބަރެކެވެ. މަރިޔަމް ހާސްވިވަރުން އަތް ތަވާގައި ޖެހި ފިހުނެވެ. އޭނަ އަތްދަމައިގަތެވެ.
"ނޫން މީހަކާއި އިންނާކަށް އަދި ބޭނުމެއްނޫން. ބޮޑުދައިތާ..."
"ކީއްތަވީ. އެއީ ސިފައިންގެ ކުއްޖެކޭ. ރީތި އަޚުލާގު ރަގަޅު ޒުވާނެއް. މަރިޔަމްއާއި އެކަށީގެންވާފަދަ ފިރިއެއް މަރިޔަމްއަށްޓަކާ ބޮޑުބޭބެ ހޯދީ." ފްލޯރާ ހިތްހަމަނުޖެހޭގޮތްވިއެވެ. އޭނަގެ އަމިއްލަ ދަރިފުޅުވެސް ގޮތްދޫނުކޮށް ލޯބިވެރިޔާއާއެކު ފިލައިގެން ގޮސް ކައިވެނި ކުރީއެވެ. މިހާރު ދެދަރިން ލިބުނު ފަހުން ފިރިމީހާގެ އަނިޔާވެރިކަމާއިހެދި ނޫޅެވިގެން އައިސް އިންނަނީ މާމަގެ ގާތުގައެވެ. ފްލޯރާ ހުރީ އެހާ ފަސޭހައިން މާފުުދޭގޮތަކަށް ނޫނެވެ.
"ތިކަމާ ވިސްނާނަން..." މަރިޔަމް އިސްޖެހިއެވެ. ފްލޯރާ ހިތްހަމަނުޖެހުނު ކަން އެނގުމުން އިތުރަށް ޖަދަލުކުރާކަށް ނުކެރުނެވެ. އޭނަ ބަލާބޮޑުކުރި ދެމަފިރިންގެ މޫނުމަތީ ކޮޅުފައިން ޖަހާފައި ދިޔުމަށްވުރެ ނުރުހޭ މީހަކާއި ކައިވެނި ކުރަންޖެހުނަސް އޭނަ ކުރާނެއެވެ.
"އަތްވެސް ތި ހަލާކުކޮށްލީނު. އެބައަންނަން ހާކާލާނެ ބޭސްކޮޅެއް ހިފައިގެން...." ފްލޯރާ ތެދުވެގެން ދާން ހިނގައިގަތުމުން މަރިޔަމް މޫނު ހަދައިގެން އިރުކޮޅެއްވާންދެން އިނެވެ.
މަރިޔަމް އެނދަށް އެރީ ކުޑަކޮށް ކާލައިގެންނެވެ. ރޭގަނޑުގެ ތަފާތު އަޑުތަކުން މާހައުލު ގުގުމާފައެވެ. ކުދި ކުދި ސޫފިން ފެށިގެން ކުއްތާތަކުގެ ގޮވުމުގެ އަޑެވެ. ދޭތެރެއަކުން ދޫންޏެއް ލަވަ ޖަހައިލާ އަޑުން ހިތަށް ހަމަޖެހުންވެސް ލިބެއެވެ. ކިޑިކީއިން ބަލައިލާއިރު ތަރިތައް އުޑުގައި ވިދާ ބަބުޅާތަން ފެނެއެވެ. އެނދުގައި ސަލީބުގައި ހިފަހައްޓައިގެން ދުޢާކޮށްލަ ކޮށްލާއިންއިރު ކަރުނަތައް ނުހިފެހެއްޓެއެވެ. އޭނައާއި އެކަށީގެންނުވާ ވަރުގެ ހުވަފެންތަކެއް ދެކެ އަދި ލޮލުން ކަރުނަ މި އަންނަނީ ހަމަ އެންމެ މީހަކަށްޓަކާހެއްޔެވެ؟ މަރިޔަމް އޭނަގެ ހިތަށް ވިސްނާދޭން ތަކުރާރުކޮށް މަސައްކަތް ކުރިއެވެ.
***
" މަރިޔަމް ތިޔަކޮށްދިން ހެޔޮކަމުގެ ބަދަލު ދޭނެ ގޮތެއް މަށަކަށް ނުވިސްނޭ. އަހަރެން ހުރީ މާޔޫސްވެ މޮޔަވާން ކައިރިވެފައި............." ލާވަން މަރިޔަމްއާއި އެއް ހަމައެއްގައި ހިނގަމުން ދިޔައެވެ.
"ސާހިބާ ލޫސީއަށް ފިނިފެންމަލެއް ދެއްވި ދުވަހުން ފެށިގެން ސަހިބާގެ ހިތްޕުޅުގައިވާ އެއްޗެއް އަޅުގަނޑަށް ދެނެގަނެވިއްޖެ. ސާހިބާ ލޫސީއާއި ވަކިން އުޅުއްވަން ޖެހިއްޖެއްޔާ ހޭބުއްދި ފިލައި ދިޔުމަކީ ހަމަ ވެދާނެކަމެއް. ސާހިބާ މެހުމާނަކަށް ވީމަ އަޅުގަނޑަށް ވެވޭނެ އެންމެ ރަގަޅަކަށް މެހުމާންދާރީ އަދާކުރަނަން. ހަލަބު އަހުލުވެރިންނަކީ މެހުމާންދާރީ އަދާކުރުމުގައި ދެވަނައެއް ނެތް ބަޔެއް. ކަމުގެ ބާވަތުން މިއީ އަޅުގަނޑަށްވެސް ނުރައްކާ ހުރި ކަމެއް އެކަމަކު ސާހިބާއަށްޓަކާ އަޅުގަނޑު ބަގީޗާއަށް މިދަނީ........." މަރިޔަމްގެ މޫނުގެ ހަމުން ފާއްދާލާފައިވާ މަޑު މަޑު ރަތްކަމާއި ލަދުރަކި ކަމުން އޭނަގެ ރީތިކަން އިތުރުކޮށްދެއެވެ.
"މަރިޔަމްގެ އިހުސާންތެރިކަން މުޅި އުމުރަށް ހަދާން ނައްތައެއް ނުލާނަން. އެކަމަކު ލޫސީ އަހަންނާއި އަނގައިން ބުނާނެތަ؟.." ލާވަން ފުން ނޭވައެއް ދޫކޮށްލަމުން ފިނިވެފައިވާ ދެއަތްތިލަ އުނގުޅައިލިއެވެ.
"އަޅުގަނޑަކަށް ނޭގޭ. އަޅުގަނޑު މިހިރީ ތި ދެބޭފުޅުން ބައްދަލުކޮށްދޭން. ސާހިބާގެ އަތްޕުޅުގައި އެހެން ކަންތައް އޮތީ........" މަރިޔަމް ހީލިއެވެ.
"އެންމެ ފަހުން ބަގީޗާއިން ދިމާވިއިރުވެސް އަހަރެން ހޭނެތުނީ. ކިހިނެއް އަހަރެން ހަދާނީ؟ކިހިނެއް އަހަރެން އަނގައިން ބުނާނީ...... " ލާވަން ކަންބޮޑުވިއެވެ.
މަރިޔަމްގެ ފިޔަވަޅުތައް ވިނަގަނޑުމަތީ ތަތްލިހެން ހީވިއެވެ.
"ވީއިރު ބަގީޗާއަށް ވަޑައިގަތުމުގެ މާނައެއް ނެތް....."
"އެއީ ކީއްވެ؟ ބަގީޗާއަށް ނުދާންވީ ކީއްވެ" ލާވަން ހައިރާންކަމާއެކު މަރިޔަމްގެ މޫނަށް ނަޒަރު ހުއްޓާލައިފިއެވެ.
"ސާހިބާއަށް އެކަމަނާއާއި ވާހަކަފުޅު ދެއްކެވޭ ވަރު ނުވަންޏާ އެތަނަށް ވަޑައިގަތުމުގެ ބޭނުންފުޅަަކީ ކޮބާ؟ "
"މަރިޔަމް. ތިގޮތަށް ސަމާސާ ނުކުރޭ. އަހަރެން ހާސްކޮށްލައިފި. އެންމެ ރަގަޅު. އަހަރެން ލޫސީއާއި އަނގައިން ބުނާނަން. އުފާވެއްޖެތަ؟ ......."
"ނޫން ޝެހެޒާދާ ލާވަން. އެހެން ދުވަހަކުން ދާނީ. މިހާރު އިރުއޮއްސި އަނދިރިވަނީ. ލޫސީއަށް ވީގޮތެއް ނޭގިގެން ގަނޑުވަރުގެ އެންމެން އުޅޭނެ. ކުށްވެރިވާނީވެސް މި ނިކަމެތި ޚާދިމާ......އެހެން ފަހަރަކުން ދާނީ....." މަރިޔަމް އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅިއެވެ.
"ނޫން ނޫން މަރިޔަމް ތިހެން ނަހަދާ. ތިހާ ހަރުކަށި ރަހުމެއްނެތް މީހަކަށް ނުވޭ......" ޝެހެޒާދާ ލާވަން ގެ މޫނުގެ ކުލަވަރު އޮއްސި ދެރަވީވަރު ފެނުމުން މަރިޔަމްގެ ހިތަށް ހަމްދަރުދީވަނެވެ. ހަގީގަތުގައިވެސް މި ދެލޯބިވެރިންގެ ހިތް ވަނީ އެކަކު އަނެކަކަށްޓަކާ ދީވާނާވެފައިތާއެވެ. ހަލަބާއި އައުޒާޒް ކިއްލާގެ ވެރިންގެ ދަރިންނަށް ވީމަ މި ކައިވެނި ނުކުރެވެންވީ ސަބަބެއް ނެތެވެ. އޭނައަށް ނާކާމިޔާބު ވިޔަސް މި ދެލޯބިވެރިން ގުޅުވަން އޭނަ ފަރުބަދައިން ހިލަތައްވެސް ކަނޑާނެއެވެ.
"އެންމެ ރަގަޅު. ހިންގަވާ......" މަރިޔަމް ހިނިތުންވެލިއެވެ.
ބޮޑެތި ގަސްތަކާއި މޭވާގަސްތަކުން ހިޔާއަޅާފައި ހިތްގައިމު ހަލަބު ބަގީޗާ އާއި ހަމަޔަށް ޝެހެޒާދާ ލަވާންއާއި މަރިޔަމް ފޯރައިފިއެވެ. އަސުރުން ތިރިވެ ހިޔަނިތައް ދިގުވާން ފަށައިފިއެވެ. އިރުގެ އަލިކަން ކޮންމެވެސް ވަރަކަށް ފަނޑުވެ ފަޒާ ފިނިވެލިއެވެ. ދޫނިތައް އެކި ރާގަށް ލަވަކިޔަމުން ގަސްތަކުގެ ތެރެއިން މިނިވަންކަމާއެކު އުދުހޭއިރު ކުދިކުދި މުގޮށި މީދާތައްވެސް ގޮފިތަކުގެތެރެއިން ފުންމަ ފުންމާފައި އުޅެއެވެ. ރަތާއި އޮރެންޖް ރީދޫ އަދި ފިޔާތޮށިން ފެށިފަދަ މުއްސަދި ކުލަތަކުގެ މާތައް ފަރިވެ ފޮޅިފައިވާއިރު ހިތްތަކުގެ ފަރުވާއެކެވެ.
"މިއީ ކުރިން ހިތަށް ފިނިކަން ގެނެސްދޭ މަންޒަރު ނަމަވެސް މިހާރު މިއިން އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުލިބޭ. އަހަރެން މިއީ އަހަރެންގެ ލޫސީ ހިތްހަމަޖައްސައިދޭން ހުރި އެހީތެރިޔާ. މަގޭ ހިތުގެ ހަމަޖެހުން ގެއްލިފައިވަނިކޮށް އެކުވެރިޔާއަށް އެހީއެއް ވެވޭނެތަ؟ މިއީ ކޮންފަދަ އިމްތިހާނެއް. އަދި ލޫސީއަށްޓަކާ މިކުރަން އުޅޭ ކަންތައްތަކުން ނިކުންނާނެ ނަތީޖާއެއް ނޭގި މިކަމަށް އެހީވުމަކީ މަށަށް ކުރެވޭ ކުށެއްބާ. ރަސްގެފާނަށް އެނގިވަޑައިގެންފިއްޔާ ވާނެގޮތެއްވެސް ނޭގޭ. އެންމެ ކުރިން މި ލޯބީގެ އަލިފާނުގައި އަނދާ އަޅިއަށްވާނެ މީހަކީ އަހަރެން ކަން ނޭގޭ.. އެކަމަކު ލޫސީއަށްޓަކާ ގުރުބާންވެސް ވެދާނަން. ލާވަން އެކަންޏެއް ނޫން އަހަރެންވެސް ލޫސީދެކެ ލޯބިވޭ ސަބަބަކީ................." މަރިޔަމް ހިތާހިތުން ކިޔާލަމުން ހިންދިރުވައިލިއެވެ. ތެމިފައިވާ ވިނަތަކުގެ މަތިން ދިގު ހެދުން ކޮށިކުރަމުން ހިނގަމުން ދިޔައިރު އޭނަގެ ޚިޔާލުގައިވީ އެހެން ސޫރައެކެވެ.
ދާނިޔަލް ލޯބިވާ ކޮންމެ މީހެއްދެކެ އޭނަވެސް ލޯބިވާނެއެވެ. އެހެންނޫނަސް ލޫސީއަކީ އޭނަގެ އެންމެ ގާތް ލޯބިވާ އެކުވެރިޔާއެވެ.
ލޫސީ ބަގީޗާތެރޭގައިވާ ފެންގަނޑެއްގެ ކައިރީގައި އަނެއް ފަރާތަށް އެނބުރިގެން ހުރިއިރު ޕަރީއެއްފަދައެވެ. ހުދުކުލައިގެ ހެދުން ފައި ތަނބިކަށްޓާއި ހަމަޔަށް އޮތްއިރު އަތުގައި ލޭސް އަޅާފައެވެ. އިސްތަށިގަނޑުގައި ހެދުމާއި ގުޅޭ ތާޖެކެވެ. އަތުގައި ފިނިފެންމަލެކެވެ. ލާވަންއަށް ބަލަން ހުރެވުނީ އަސަރާއެކުގައެވެ. އެރީތި އަންހެންކުއްޖާގެ ޖާދޫގައި ޖެހި ދުނިޔޭގެ އެެހެން ހުރިހާކަމެއް ހަނދާންނެތި އެ ރީތިކަމުގެ އަސީރަކަަށް ވެއްޖެއެވެ. ހިތް އަވަސްވެ ދެއަތް ފިނިވެއްޖެއެވެ.
"އަޅުގަނޑު ލޫސީ ސިއްސުވާލާނަން..." މަރިޔަމް ވިނަތަކުގެ މަތީގައި ބޮޑުވާ އިނގިލީގެ ކުރި ޖައްސަމުން މަޑުމަޑުން ކުރިއަށް ދިޔައެވެ.
"ނޫން. ލޫސީ ބިރުގެންފާނެ. އެހެން ނަހަދާ.." ލާވަން އެދުނެވެ.
"ހަމަޖެހިވަޑައިގަންނަވާ...." މަރިޔަމް މަޑުމަޑުން ކިޔައިލިއެވެ.
މަރިޔަމް ލޫސީއާ އަރާހަމަވެފައި ކުއްލިއަކަށް ލޮލުގައި އަތް އެޅިއެވެ. ލޫސީ އެ އަތުގައި ހިފަހައްޓާލަމުން ކާކުހެއްޔޭ ކިތާފައި ސުވާލުކުރުމުން މަރިޔަމް އަޑުނުވީއްލާ ހެމުން ދިޔައެވެ. ލޫސީ އަތްތިލަ ނައްޓުވަން މަސައްކަތްކޮށް ކޮށް ކާމިޔާބުވާގޮތެއް ނުވިއެވެ. ނާޒުކްކަމުން މަލެކޭތަފާތެއް ނެތެވެ.
"އެބަތަދުވޭ. ދޫކޮށްބަލަ..." ލޫސީ ބުނެލިއެވެ. ލާވަންގެ ހިތަށް ތަދުވެ މަރިޔަމްއަށް އިޝާރާތުން އެންގީ އެކަން ހުއްޓާލުމަށެވެ. ނަމަވެސް މަރިޔަމް ބޯ ހޫރާލީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. ލާނެތް ހިންޏަކާއެކުގައެވެ.
"މަރިޔަމް. ތިހާ ރަހުމް ކުޑަ މީހަކަށް ނުވޭ..." ލާވަން ކައިރިއަށް ޖެހިލާފައި ތަންކޮޅެއް ބާރަށް ބުނެލުުމުން މަރިޔަމް ހީގަނެފައި އަތް ނެގިއެވެ. ލޫސީވެސް އެނބުރި ބަލައިލިއެވެ. އޭރު މަރިޔަމް ގެ އަތް ޖެހުނު ހިސާބު އެއްކޮށް ރަތްވެފައެވެ. ލޮލުގައި ފެނެވެ. "މަރިޔަމް. ވަރަށް ތަދުވެއްޖެ އިނގޭ......"
"މީހުންނަށް އަނިޔާކޮށްފައި މަރިޔަމްގެ ހިތަށް ހަމަޖެހުން ލިބެނީ ދޯ....." ލޫސީ ޝަކުވާކުރިއެވެ.
މަރިޔަމް ގުދުވެގެން އޮވެ ހެނީއެވެ.
ލާވަންއާއި ލޫސީގެ ނަޒަރު ބައްދަލުވުމާއެކު ދެހިތްވެސް އެއްފަހަރާ ހުއްޓިފައި ވިންދު ޖަހަންފެށީ އެކީގައެވެ، ލޯތްބާއި ކުލުނުން ފުރިފައިވާ އަސަރުގަދަ ބެލުމަކުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީ އެވެ. އަނގައިން ނުބުންޏަސް ހިމޭންކަމުގެ ބަސްމޮށުމުން ކިތަންމެ ވާހަކައެއް ދެކެވިއްޖެއެވެ. ލާވަންގެ ރީތި ދެލޮލަށް ބަަލަން އިރުކޮޅެއް ވުމުން ލޫސީގެ ލޮލުން ފެން އަންނަގޮތްވިއެވެ. ލަދުރަކި ހީލުމަކާއެކު އޭނަ އިސްޖެހިއްޖެއެވެ.
"ސާހިބާގެ ފެހި ދެލޯފުޅުން މީހުންގެ ހިތްތައް ކަތިލައްވާތީ އަޅުގަނޑު ދެލޯ ފުޅުގައި އަތް އެޅީ. އެކަމަކު އަޅުގަނޑަށް މާފުކުރައްވާ..................." މަރިޔަމް ހުނުން ހުއްޓާލާފައި ސީރިޔަސްވިއެވެ.
"އަަހަރެންގެ ލޮލުން މީހުން ކަތިލެވޭތަ؟ " ލޫސީ މައުސޫމްގޮތަކަށް ދެލޯ ބޮޑުކޮށްލިއެވެ. އެ ލޮލަށް ގަސްތަކުގެ ހިޔަނި އެޅިފައިވާފަދައެވެ. ފެހިކުލައިގެވެސް އެންމެ ރީތި ކުލަ އެލޮލުގައި އެބަވެއޭ ލާވަންގެ ހިތަށް އެރިއެވެ. ހަރަކާތްކޮށްލާގޮތުން އެ ލޮލުގެ ކުލަ ކޮންމެވެސް ވަރަކަށް ބަދަލުވެއެވެ. ބައެއްފަހަރަށް ގަދަވެއެވެ. ފެހިގެ ހުރިހާ ރީިތި ކުލައެއް އެ ލޮލަށް ޖަމާވެފައެވެ.
"އެންމެ ކުރިން ހިތް ކަތިލެވުނު މީހާ މިހިރީ ސާހިބާގެ ކުރިފުޅުމަތީ....." މަރިޔަމް ހީލާފައި ކިޔައިލިއެވެ.
"އަހަރެންގެ ހިތް ޒަޚަމްކޮށްލާފައިވެސް ގާތިލު އެކަމާއި ދެކޮޅު ހަދަނީނު މަރިޔަމް...." ލާވަން ހިތްވަރުކޮށްލާފައި ލޫސީއާއި ގާތަށް ޖެހުނެވެ.
"މްމްމް. އަޅުގަނޑު އެބަ އަންނަން މަދުކޮޅަކާއި ބެރީސްކޮޅެއް ބިނދެލައިގެން..ތި ދެބޭފުޅުން ހިތްޕުޅުގައިވާހާ އުދާހެއް ބޭރުކޮށްލައްވާ. އޭރުން ހިތްޕުޅަށް ހަމަޖެހިވަޑައިގަތުން ލިބި މިރޭ އަރާމުކޮށް އަވަހާރަފުޅު ލެއްޕެވޭނެ.........." މަރިޔަމް ލާނެތް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ދެކުދިންނަށް ފުރުސަތުދީފައި އެއްފަރާތަކަށް ހިނގައިގެންފިއެވެ. އެހެން ބަޔަކަށް ފެނިދާނެތީ އެންމެ ހާސްވަނީވެސް އޭނައެވެ. މީހުންގެ ނަޒަރުން ސަލާމަތްވުމަށް އެދި ދުޢާކޮށްލަމުން ސަލީބުގެ ނިޝާން މޭގައި އަތުން ކުރަހައިލިއެވެ.
ލާވަންއާއި ލޫސީ އިރުކޮޅެއްވާންދެން ވާހަކަދައްކާލަން ތިއްބެވެ. ލޫސީ ލަދުން ހަލާކުވޭވޭ ހުރުމުން ލޯބި އެ ލަފުޒު ދޫމައްޗަށް ގެންނާންވެސް ލައުން ޖެހިލުންވިއެވެ. އެހާ އަަވަހަށް ލޯބީގެ ޚިޔާލު ފައުޅުކޮށްފިއްޔާ ލޫސީ އޭނައާއި ދެން ބައްދަލުވާން އިންކާރުވެސް ކޮށްފާނެއެވެ. އަދި ކެތްކޮށްލާނީއެވެ. އެހެންވެ ބޮޑަށް ދެކެވުނީ ހަގުރާމައިގެ ވާހަކަތަކެވެ. ލޫސީ ލާވަން ގާތު އެދުނީ ބައްޕާފުޅަށް ނަސްރު ލިބުން އެދި ދުޢާކޮށްދިނުމަށެވެ. މަރިޔަމް ޓުކުރިއެއްގައި ބެރީސްތަކާއި މޭވާތައް ބިނދެގެން އަންނަތަން ފެނި ލާވަން ގެ ލޮލުން މޮޅިވެރިކަން ފެނުނެވެ. ވަކިވުމުގެ ވަގުތު ކުޑަތަންވަނީއެވެ.
"މިހާުރު އިރުއޮއްސެނީ. މާދަންވެސް މި މަގާމުގައި އަޅުގަނޑު އިންތިޒާރުކުރަނަން. އަޅުގަނޑުގެ ހިތް ހަލާކު ނުކުރައްޗޭ ރީތި ރީތި ލޫސީ..." ލާވަން އަސަރާއެކު ބުނެލިއެވެ.
"ކްރައިސްޓްގެ އޯގާވެރިކަމާއެކު ސަލާމަތުން ދުނިޔޭގައި ލަހައްޓަވައިފިއްޔާ އަޅުގަނޑު ބައްދަލުކުރާނަން......" ލޫސީ ބުނެލީ ލަދުރަކިގޮތަކަށް އިސްޖަހައިލަމުންނެވެ. އަދި އޭނަ އަތުގައި އޮތް ފަށުވި ރުމާ ލާވަންއަށް ދިއްކޮށްލައިފިއެވެ. ލާވަން އޭގައި ހިފަހައްޓަމުން މޫނުގައި ޖައްސައިލިއިރު ދުވަނީ ލުއި ލުއި އަތަރެއްގެ ވަހެވެ. ލާވަންއަށް ދެލޯ މަރައިލެވުނެވެ.
"އަޅުގަނޑު މަތިން ހަދާން ނައްތާނުލައްވައްޗޭ..." ލޫސީ އަނެއް ފަރާތަށް އެނބުރުނެެވެ.
މަރިޔަމްއާއި ލޫސީ ލޯމަތިން ނިވާވުމުން ލާވަން ރުމާލުގައި ބޮސްދީފައި އޭނަލައިގެން ހުރި ހެދުމުގެ ޖީބަށް ރުމާލައިފިއެވެ. އޭރު ޖަޒުބާތުގެ އަސަރުގައި ޖެހި ދެލޯ ތެމިއްޖެއެވެ.
މަރިޔަމްއާއި ލޫސީ ހިނގާފައިގޮސް ގަނޑުވަރާއި ކައިރިވީއިރު ފެންނަ ކޮންމެ ސިފައިންގެ މީހަކު ސެލިއުޓްދިނެވެ. ލޫސީގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ފިޔާތޮށިކުލައެވެ. އެތައް ދުވަހެއްގެ ފަހުން މިލާފައިވާ މޫނު ފަރިވެ ފޮޅިއްޖެއެވެ.
ދެކުދިން އެކަނިވުމުން މަރިޔަމް ލޫސީ ގާތު އޭނައަށް ކައިވެނީގެ ހުށަހެޅުމެއް ލިބުނު ވާހަކަ ބުނެލިއެވެ. ބޮޑުބޭބެމެންގެ އިހުސާންތެރިކަމުގެ ބަދަލުގައި އެކަމާއި ދެކޮޅު ހެދުމަކީ ކުރަން އެންމެ ރަގަޅުކަމެއްތޯ ސުވާލުކުރިއެވެ. ލޫސީގެ ޅަކަމާއި ތަޖުރިބާ މަދުކަމުން އެހާ ރަގަޅު ޚިޔާލެއް ނުވެސް ދެވޭނެކަން މަރިޔަމްއަށް އެނގެއެވެ. ނަމަވެސް އެންމެ ގާތް އެކުވެރިޔާއާއި ހުރިހާ ވާހަކަތަކެއް ހިއްސާކުރުމަކީ އޭނަގެ އާދައެކެވެ. ލޫސީ އިނީ އެކަމާ ކަންބޮޑުވެފައެވެ. މަރިޔަމްގެ ހިތުގައި ދާނިޔާލްއަށްޓަކާ ޚާއްސަކަމެއް ހުންނަކަން ފާހަގަކުރެވި އޭނަގެ ފަހަރިއަކަށް މަރިޔަމް ވާނެނަމައޭ ހިތަށް އަރައެވެ. ނަމަވެސް އެފަދަ ވާހަކައެއް އިސްވެ އޭނަގެ ބޭބެ ގާތު ދައްކާކަށް ނުކެރޭނެއެވެ. މަރިޔަމްގެ ހިތަށް ކުރާނެ އަސަރު ލޫސީއަށް މިހާރު އިހުސާސް ކުރެވެން ފަށައިފިއެވެ. ލޫސީ ބުނީ ބޮޑުދައިތަ ގާތު އަދި ވަގުތުދޭން ބުނުމަށެވެ. ކައިވެންޏެއް ނުކޮށް ލަސްވެގެން އުޅޭކަށް އަދި ނުޖެހޭ ނޫންހެއްޔެވެ؟
ޖެހިގެން އައި ދުވަހު ޝެހެޒާދީ ލޫސީ އެކުވެރި ކުދިންނާވެސް ބައްދަލުކޮށް ސައިގެ ޖާފަތެއްވެސް ދިނެވެ. ގަނޑުވަރުގެ ކޮޓަރިއެއްގެ ތެރޭ ސައިބޮއި ނަށައިލާ ސަކަރާތް ޖެހުމުގައި އުޅުމަށްފަހު އެކުދިން ވަކިވެގެން އެކުއްޖެއްގެ ގެއަށް ހިނގައްޖެއެވެ. މަރިޔަމްއާއި ލޫސީ ކޮޓަރިތެރޭ ގައި މަޝްވަރާ ކުރަން ތިބީ ލާވަންއާއި ބައްދަލުކުރަން ދާނެ ގޮތަކާއިމެދުގައެވެ. މީހަކަށް ޝައްކު ނުވާނެހެން އުޅުން ބަހައްޓަން ޖެހެއެވެ. ބޮޑުބޭބެ ޔޫހަންނާވެސް ލޫސީއާއި ބައްދަލުކުރައްވަން ވަޑައިގަތެވެ. ލޫސީ އެދުނީ ހެޔޮ ދުޢާއަށެވެ.
***
މުސްލިމުން ޝާމް ކަރައިގެ އެކި ބިންތައް ފަތަހަ ކުރަމުން އަންނަތަން ފެނި ރޫމީންގެ ރަސްގެފާނު ހެރިކްލަޔަސް ވެސް ބިރުގަނެ އޭނަގެ ދަށުގައިވާ ރޫމީންނަށް މަދަދު ފޮނުވައެވެ. މުސްލިމުން ހުއްޓުވާލުމަކީ އެއްވެސް ބަޔަކަށް ކުރެވުނު ކަމަކަށްނުވިއެވެ. ޔަރުމޫކް ހަގުރާމައިގާ އެންމެ ވިހިހާސް މުޖާހިދުންނާއި ދިހަލައްކަ ރޫމީން ކުރިމަތިލިއެވެ. މުސްލިމުންނަށް މާތްﷲ ނަސްރުދެއްވިއެވެ. އެންމެފަހުން ޝާމްކަރައިގެ ގަންސްރޭން ފަތަހަ ކުރުމަށްފަހު މުޖާހިދުންގެ އަމާޒަކަށްވީ ހަލަބުއެވެ. މިޒަމާނުގެ ނަމުން ނަމަ އެލެއްޕޯއެވެ. މުސްލިމުން ގަންސްރޭން ފަތަހަކުރުމުން ހަލަބުގެ އަހުލުވެރިންގެ ހިތްތަކަށް އިންތިހާއަށް ބިރުވެރިކަން ވަނެވެ.
ޔޫގަންނާއާއި ޔޫހަންނާއާއި ދެބޭފުޅުންގެ ބައްޕައަކީ ހަލަބުގެ ފަރުބަދަތަކުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް އޭނަގެ ދަނޑުތަކާއި ބިންތައް މިލްކުކޮށްފައިވާ ކުޅަދާނަ ރަސްކަލެކެވެ. އެއްވެސް ފަރާތެއްގެ ބާރުފޯރުވުމެއްނެތި އެތައް އަހަރެއްވާންދެން އޭނަ ވެރިކަންކުރެއްވިއެވެ. އޭނަ ރޫމީ ދައުލަތާއި ވަކިވުމަށްފަހުވެސް އޭނައާއި ދެކޮޅަށް ލަޝްކަރެއް ފޮނުވަން ހެރިކްލަޔަސް ޖެހިލުންވީ އޭނަ ރަސްކަން ވަރުގަދަކުރުމާއި ތަދުބީރުތަކުންނެވެ. ނުލަފާ ޖައްބާރުކަމުންނެވެ. ސުލްހަ މަސަލަސްކަމަށްޓަކާ ހެރިކްލަޔަސް އަށް ޖެހުނީ ކެތްތެރިވާާށެވެ. ޚުދު ހެރިކްލަޔަސް ވެސް އޭނަދެކެ ބިރުގަނެއެވެ. އެ ރަސްގެފާނު ނިޔާވުމަށްފަހު އޭނަގެ ދަރިކަލުން ޔޫގަންނާ ރަސްކަމަށް އިސްވެ ވަޑައިގަތެވެ. މުއްސަދި ރަސްކަލަކަށް ވުމުގެ އިތުރުން ހަގުރާމައިގާ ކުޅަދާނަ ޖެހިލުން ކުޑަ ރަސްކަލެއްގެ ގޮތުގައި އޭނަ މަޝްހޫރުވިއެވެ. ޔޫގަންނާގެ ކޮއްކޮ ޔޫހަންނާ ފާދިރީއަކަށްވެ ވެރިކަމުގެ ހުރިހާ ބާރެއް ބޭބޭފުޅަށް ދެއްވިއެވެ. އެދުވަސްވަރު އެންމެ އިލްމު ލިބިފައިވާ އެއް ބޭކަލަކީ ޔޫހަންނާއެވެ.
އަރަބިން ގަންސްރޭން ފަތަހަ ކުރުމަށްފަހު ހަލަބްއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ކަނޑީގެ ބާރުގައި އަލްއަވަސިމް އަދި ޖިޒީދޭގޮތަށް ގަންސްރޭން ފަތަހަ ކުރުމަށްފަހު އަރަބި ގާފިލާ ފުރާތަށް މިސްރާބު ޖެހިކަން އެނގުމާއެކު ޔޫހަންނާވަނީ އޭނަގެ ބޭބޭފުޅާއި ބައްދަލުކުރައްވާފައެވެ.
" އަޅުގަނޑު ބޭބެއާއި އެކަނި ބައްދަލުކޮށް މަޝްވަރާކޮށްލަން ބޭނުން. އަޅުގަނޑުގެ ޚިޔާލު ފައުޅުކޮށް އެނގި ހުރިސިއްރެއް ކިޔާދީ އަދި ބޭބެގެ ޚިޔާލާއި ސިއްރުތައްވެސް އެނގުމަށް...."
"އެންމެ ރަގަޅު....." ޔޫގަންނާ އެއްބަސްވެ ވަޑައިގެންނެވިއެވެ.
***
ޒައިތޫންގެ ކޮޓަރީގެ ބޮޑު އެނދުގައި އޮށޯވެލައިގެން އޮތްއިރު މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ހުމާއި އުޅޭތާ ދެތިން ދުވަސްވުމުގެ ސަބަބުން ބޭސްވެރިޔަކު ޒައިތޫން ދެކެލަން އައެވެ. ބޯން ބޭހެއް ދީފައި އަތާއި ފައި އަދި ނިތްކުރީގައި ފިނި ފިނި ކެލާ ހާކާލަދިނުމުން ހުން ވިހެލައިފިއެވެ. ދާނިޔަލް މަންމަގެ އަތުގައި ހިފަހައްޓާލައިގެން އިނެވެ. އެހާ ބަލިވެއޮވެފައިވެސް މަންމަ އެކި ވާހަކަތައް ދައްކަމުންގޮސް އަވަހަށް ކައިވެންޏެއްކުރަން ބާރު އެޅިއެވެ. ދާނިޔަލްގެ މޫނުމަތިން ހާސްކަން ފެނުނެވެ.
"ދަރިފުޅު އަމިއްލައަށް ނުހޯދަންޏާ މަންމަގެ އެކުވެރިންގެ ތެރެއިން ކޮންމެވެސް މީހެއްގެ އަންހެންދަރިއަކު ހޯދާނީ. އިއްޒަތްތެރިންގެ އަންހެންދަރިންތައް އެތިބެނީ ދަރިފުޅުގެ އިޝާރާތަށް ބަލަބަލާ..." ޒައިތޫން ބުންޏެވެ.
"އިއްޒަތްތެރިއެއްގެ ދަރިއަކާ ނޫނީ ކައިވެނި ނުކުރެވޭނީތޯ މަންމާ.." ދާނިޔަލް އެހިއެވެ.
"ދަރިފުޅަކީ މި ކިއްލާގެ ރަސްގެފާނުގެ ދަރިފުޅު. މާދަން ރަސްކަލެއްގެ ގޮތުގައި ހުންނާނީ ދަރިފުޅު ވީއިރު އެމީހެއްގެ ފެންވަރު މީހަކާއި ނޫނީ ކައިވެނީގެ ގޮތުން ގުޅޭކަށް ނުވާނެ.." ޒައިތޫން ވިސްނައިދިނެވެ.
ދާނިޔަލް ޚިޔާރުކުރީ ހިމޭންކަމެވެ. އިއްޒަތްތެރި އަންހެންކުދިން ހަޔާތުގެ ބައިވެރިޔަކަށް ހޯދައިގެން ލިބޭނެ ހިތްހަމަޖެހުމެއް އޮންނާނެހެއްޔެވެ؟ އޭނަގެ ހުވަފެންތަކުގައިވަނީ ނިކަމެތި އަންހެންކުއްޖެކެވެ. ނަމަވެސް އެފަދަ ވާހަކައެއް މަންމަގެ ކަންފަތާއި ހަަމަޔަށް ފޯރުވަން އަދި ޖެހިލުންވެއެވެ.
***
ހަނދުވަރު ދޭ ހިތްގައިމު ރެއެކެވެ. ތަރިތަކުން އުޑުމަތި ބަބުޅައެވެ. ހަލަބުގެ ކިއްލާގެ ފާރުމަތީ ފޯރި މަރަމުންދާ އެތައް ގާޑުންނެއްގެ ހިޔަނި ފެންނާން ހުއްޓެވެ. މި ދުވަސްކޮޅު ސިފައިންގެ ޑިއުޓީގައި ފުދޭވަރަކަށް ގިނަ މީހުން ނިކުންނަން އަންގާފައިވަނީ މުސްލިމުން ގަންްސްރޭން ފަތަހަ ކުުރުމާއި ގުޅިގެންނެވެ.
ހަލަބަށް އިސްލާމީ މުޖަހިދުން ހަމަލާދޭން އުޅޭކަން އެނގުމުން އެންމެ މައްޗަށް ތައްޔާރުވެ މުޅި ކިއްލާވަނީ ސަމާލުކަމުގައެވެ.
ޔޫގަންނާ އީސާއީ ދީނުގެ އަރަބިން ގެންގުޅުއްވައެވެ. އެމީހުން އަރަބިން ވާހަކަދައްކާތީ އިސްލާމީ ލަޝްކަރަށް ގޮސް އުޅުނަސް އެއްވެސް ބަޔަކަށް ޝައްކެއްނުވެއެވެ. އެހެންވެ ޖާސޫސުންގެ ގޮތުގައި އެމީހުން އިސްލާމީ ލަޝްކަރުގައި އުޅެ މުޖާހިދުންގެ ޚަބަރުތައް ކޮތަރުގެ ޒަރީއާއިން އެއްތަނުން އަނެއްތަނަށް ފޮނުވައެވެ. ކޮންމެ ކިއްލާއެއްގައިވެސް އެކަހަލަ ތަމްރީނުދީފައިވާ ކޮތަރުތައް ގެންގުޅެއެވެ. އެ ސިޓީތައް އޮންނަނީ ކޮތަރުގެ ފައިގާ އަޅުވާފައެވެ. ކޮތަރުތައް އަތުލައިގަންނަން ބާޒުތައް ތަމްރީނުކޮށްފައި ފޮނުވަން ފެށުމުން ވަރަށް ގިނަ ސިއްރުތައް ހޯދެއެވެ. ޔޫގަންނާގެ ކޮތަރުތައް ގެންގުޅެނީ އޭނަގެ ޖާސޫސުންނެވެ. އެންމެ ފަހުން ކޮތަރުގެ ޒަރީއާއި އިން ލިބުނު ޚަބަރަކީ އިސްލާމީ މުޖާހިދުން ހަލަބަށް ހަމަލާދޭން އުޅޭކަމެވެ.
ޔޫގަންނާ މާ ކުރީއްސުރެ ލަޝްކަރު ތަމްރީނުކޮށް ހަތިޔާރުތައް ގުދަންކޮށް ހަގުރާމައަށް ތައްޔާރުވެފައެވެ. ޔޫގަންނާ ބޭނުންފުޅުވަނީ މައިދާނަށް ނުކުމެ ހަގުރާމަކޮށް އިސްލާމީ މުޖާހިދުން ނައްތާލުމަށެވެ.
ޔޫގަންނާގެ ގަނޑުވަރުގެ ތަނަވަސް ކޮޓަރިއެއްގެ ތެރޭގައި އޭނައާއި ލަޝްކަރުގެ އިސް އޮފިސަރުންގެ ބައްދަލުވުމަކަށް ތައްޔާރުވަމުން ދިޔައެވެ. ފާރުގައިވާ ބައްތިތަކުގެ އަލިކަމުގެ ތެރެއިން ބިންމަތީގައި އަޅާފައިވާ އަގު ބޮޑު ދޫލަ ވިދައެވެ. ކޮޓަރީގެ އެއް ފަރާތުގައި ދުނިދަނޑި ތީރު އަދި އައްޑަނަފަދަ ހަގުރާމައިގެ ސާމާނު ފުންޏަކަށް ޖަހާފައި ހުއްޓެވެ. ޔޫގަންނާ އިށީދެ ވަޑައިގެން އިންނެވީ ގޮދަޑި ޖެހި ގޮނޑިކޮޅެއްގައެވެ. އޭނަގެ އޮފިސަރުން ތިބީ އިސްޖަހައިގެންނެވެ.
"އަހަރެންގެ ކޮއްކޮ ޔޫހަންނާ ހާދަ ލަސްވެއްޖެއޭ...." ޔޫގަންނާ ވިދާޅުވިއެވެ.
ނުނިމޭ