އިންތިހާބު ފަސްކުރަން ޖެހިއްޖެ ނަމަ، އިދިކޮޅުގެ ތާއީދު ލިބޭނެ: އަދުރޭ

އަދުރޭ: އިންތިޚާބު ފަސްކުރަން ޖެހިއްޖެ ނަމަ، އިދިކޮޅުގެ ތާއީދު ލިބޭނެކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19ގެ ނުރައްކާ މިހާރު ރާއްޖޭގައި އޮތުމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހޭ ހާލަތަކަށް ގޮސްފި ނަމަ، އެކަމަށް އިިދިކޮޅު ކޯލިޝަންގެ ތާއީދު ލިބޭނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތިން ރިސޯޓަކުން ކޮރޯނާއަށް މިހާތަނަށް އަށް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއާކު ބައެއް ފަރާތްތަކުން އަންނަނީ، އަންނަ މަހު ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލްކޮށްފައިވާ ކައުންސިލް އިންތިހާބު ފަސްކުުރުމަށް ގޮވާލަމުންނެވެ.

އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބު ފަސް ކުރަން ޖެހޭ ފަދަ ހާލަތަކަށް ރާއްޖެ ގޮސްފައިވާކަން އަދި މިހާތަނަށް ހާމަކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއް އައިސްފި ނަމަ އެކަމަށް ޕީޕީއެމް އަދި ޕީއެންސީން ތާއީދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދު ވެސް އިސްކަން ދޭނީ ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އެހެން ވިދާޅުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ، އިންތިހާބު ފަސްކުުރުމަށް ޕާޓީތަކާ މަޝްވަރާ ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެއީ ސިޔާސީ ކަމެއް ކަމަށެވެ.

ސިޔާސީ ކަމެއްގައި ސަރުކާރާ އެކު އިދިކޮޅުން މަޝްވަރާ ކުރާނީ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމުން ކަމަށް ކޯލިޝަނުން ނިންމާފައިވާ ކަމަށެވެ.

އިއްޔެގެ ޖަލްސާގައި މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ މަޖިލިސް މެމްބަރުން ވަނީ ވަރަށް ބޮޑަށް އިންތިހާބު ފަސްކުުރުމާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ.

އެއާއެކު މިފަދަ ހައްސާސީ ދަނޑިވަޅެއްގައި ސިޔާސީ އެޖެންޑާ ކުރިއަށް ނެރޭ ކަމަށް ބުނެ، އެމްޑިޕީ އަދި އާދަމް ޝަރީފުގެ ވާހަކަތަކަށް އާންމުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، އިންތިހާބު ލަސްކުރަން ޖެހޭ ފަދަ ހާލަތެއް އަދި އައިސްފައި ނުވާ ކަމަށާއި ކޮމިޝަންގެ އެއްވެސް މެމްބަރަކު ވެސް އިންތިހާބު ލަސް ކުރަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ، އިންތިހާބެއް ލަސްކުރުމުގެ ގާނޫނީ ބާރެއް އެ ކޮމިޝަނަށް ލިބިފައިވާ ނުވާ ކަމަށާއި އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނެވޭނީ ކޯޓުން ކަމަށެވެ. އިންތިހާބު ފަސްކުރަން ޖެހިއްޖެ ނަމަ އިތުރަށް 30 މިލިިއަނެއްހާ ރުފިޔާ ބޭނުންވާނެ ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކަލާ އެކު ޕާޓީތަކުން ވަނީ ކެމްޕެއިން ހަރަކާތްތައް ވެސް މެދުކަނޑާލާފަ އެވެ.

comment ކޮމެންޓް