ވޭތުވެދިޔަ ތިން އަހަރު ކޮރަޕްޝަން އިންތިހާ ދަރަޖައަށް މައްޗަށް ގޮސްފައި: މައުމޫން

ވޭތުވެ ދިޔަ ތިން އަހަރު ރާއްޖޭގައި ކޮރަޕްޝަނުގެ އަމަލުތައް އިންތިހާ ދަރަޖަ އަށް މައްޗަށް ގޮސްފައިވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަން ނައްތާލުމާއި އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން ޕީޕީއެމުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެ ޕާޓީގެ ދެ ވަނަ އާއްމު ޖަލްސާ އަށް ފޮނުއްވި ހިތޯބުގައި މައުމޫން ވިދާޅުވީ ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ވޭތުވެ ދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ކަންބޮޑުވާ ދަރަޖަ އަށް މައްޗަށް ގޮސްފައިވާ ކަމަށާއި ދުނިޔޭގެ ކޮރަޕްޝަނުގެ އިންޑެކުސްގެ 115 ވަނަގައި ރާއްޖެ އޮވެފައި މިސަރުކާރުގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި 135 ވަނަ އަށް ރާއްޖެ ފަހަތަށް ގޮސްފައިވާ ކަމަށެވެ.

މައުމޫން ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާގޮތައް ރާއްޖޭގައި ރިސްވަތު ދިނުމާއި ރިސްވަތު ހިފުމާއި ނާޖާއިޒު ފައިދާ ނަގައި އެކަންތަކަށް ހިތްވަރުދީ މަގުފަހިކޮށްދޭ ބަޔަކީ މިސަރުކާރުގެ މަތީމަގާމްތަކުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

"އެބައި މީހުން ސަރުކާރުގެ ބޮޑެތި މަސައްކަތްތަކާއި ވިޔަފާރީގެ ބޮޑެތި މުޢާމަލާތްތައް ޓެންޑަރުކުރުމެއް ނެތި ގާނުނާއި ޙިލާފަށް ހަވާލުކުރަމުން އެގެންދަނީ އެބައިމީހުންގެ ޕާޓީގެ އިސްވެރިންނާއި އެބައިމީހުންގެ ގާތްއެކުވެރިންނަށް. އަދި އެބައިމީހުންގެ ކޮޅަށް މީހުން އެނބުރުމަށް އެގެންދަނީ މިލިއަނުން މިލިއަނުން ފައިސާ ދީގެންނާއި ބިރުދައްކައިގެން،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކޮރަޕްޝަންގެ މި ނުބައި އަމަލު ހިންގަމުން ދަނީ ދީނަކަށް ގާނޫނަކަށް ބެލުމެއް ނެތި ފާޅުގައި ކަމަށާއި މިކަމުގެ ނޭދެވޭ އަސަރު އަޅުގަނޑުމެންގެ ޅަދަރިންނާއި މުޅިމުޖުތަމައުގެ އިތުރުން އިގްތިސާދަށް ވެސް ކުރާނެ ކަމަށެވެ.

"ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ގޮތުގައި ވެސް ރާއްޖެ މިހާރު ހިމެނިފައި ވަނީ ދުނިޔޭގެ ކޮރަޕްޝަނުގެ ކަންތައްތައް އެންމެ ނުބައިކޮށް ހުރި ގައުމުތަކުގެތެރޭގައި،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަނުގެ އަމަލު ނުހުއްޓުވި ކުރިއަށްދާ ނަމަ ބޭރު ގައުމުތަކުގެ މެދުގައި ރާއްޖެ އަށް ލިބިފައިވާ ރީތި ނަން ފޮހެވި، ގައުމު ފަލީހަތްވެ އަދި ބޭރު މީހުންގެ ކުރިމަތީގައި ދިވެހިންގެ އަގުވެއްޓި، އިންވެސްޓްމަންޓްތަކުން މަހްރޫމްވެގެން ދިއުމަކީ ވެސް ކައިރިކަމެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު