ނަހުލާ ބުނަނީ ސޮރީއޭ، ދެން ފިލްމު ހަދާނީ އުސޫލު ބަދަލުކުރުމުން!

ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތިމަތު ނަހުލާ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޮލިމްޕަހުގެ އުސޫލަށް ބަދަލެއް ނާންނަނީސް ދެން ފިލްމެއް ނުހަދާނެ ކަމަށް ބުނެ، "ސޮރީ" ފިލްމުގެ މަސައްކަތް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ލަސްކޮށްލައިފި އެވެ.

ނަހޫ މިހެން ބުނީ މިހާރު އޮލިމްޕަސް ދޫކުރަމުން އަންނަ އުސޫލާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މިހާރުގެ އާ އުސޫލު ބުނަނީ ފިލްމެއް އަޅުވަން އޮލިމްޕަސް ލިބޭ އެންމެ ދިގު މުއްދަތަކީ 18 ދުވަސްކަމެވެ. ހަގީގަތުގައި ރަނގަޅު ފިލްމެއް އޮލިމްޕަހުގައި އެޅުވިއްޖެ ނަމަ 18 ދުވަހަށްވުރެ ގިނަ ދުވަހަށް އެ ފިލްމު އޮލިމްޕަސް ސްކްރީނުގައި އޮވެ އެވެ.

"ސަން" އާ ވާހަކަދައްކަމުން ނަހޫ ބުނީ 18 ޝޯ އަޅުވާކަށް ފިލްމެއް ނުހަދާނެ ކަމަށާއި އަމިއްލަ ސްޓޭންޑާޑް ދަށްކޮށްލުމަށްވުރެ ފިލްމެއް ނުހެދުން ރަނގަޅުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޮލިމްޕަސް 18 ދުވަހަށް މުއްދަތަށް ދޫކުރަން ނިންމީ ކޮން މަގްސަދެއްގައި ކަމަށް ނޭނގޭ ކަމަށާއި އެކަމުގެ ސަބަބުން ފިލްމުތައް އެޅުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. ނަހޫ ބުނީ މިގޮތަށް ކަންކުރުމުން ބޮޑު އޯޑިއެންސެއް ގެއްލިގެން ގޮސް ދާއިރާ ވަޅުޖެހިގެންދާނެ ކަމަށެވެ.

"އުންމީދަކީ އެންސީއޭ އަށް މި ހެނދުނު މިސްޓޭކް ރަނގަޅުކޮށް މި އުސޫލަށް އަވަސް ބަދަލެއް ގެނެސްދެއްވުން،" މި މަހު 15ގައި ޝޫޓިން ފެށުމަށް ތައްޔާރުވެފައިވާ ފިލްމު "ސޮރީ"ގެ ޝޫޓިން މިހާރު ލަސްކޮށްލާފައިވާކަން އިއުލާންކުރަމުން ނަހުލާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ނަހުލާ ބުނީ އާ އުސޫލުތަކުގެ ސަބަބުން މިހާރު ޖެހެނީ ކުރިން ކުރަމުން އައި މަސައްކަތްތައް އޮލިމްޕަހުން ކަނޑައަޅާ ދަށް ފެންވަރަށް ވައްޓާލަން ކަމަށާއި އެ އުސޫލަކީ އެއްގޮތަކަށް ވެސް ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި ދާއިރާގެ ކުއަލިޓީ މަސައްކަތެއް ކުރާ އެކަކު ވެސް މި އުސޫލަށް އެއްބަހެއް ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނަމުން މި އަންނަނީ ތި އުސޫލު ބަދަލުކުރި އިރު އަޅުގަނޑަކަށް އެނގިފައެއް ނެތޭ. އެކަމަކު އެވާހަކަ މިނިސްޓްރީ އިން ގަބޫލެއް ނުކުރައްވާ. ވިދާޅުވީ ދާއިރާގެ ހުރިހާ ޕްރޮޑިއުސަރުންގެ ނިންމުމޭ މީ،"

ގިނަ ޕްރޮޑިއުސަރުންތަކެއް ވަނީ އެމީހުން ކަންބޮޑުވުންތައް "ސަން" އާ ހިއްސާކޮށްފަ އެވެ. އާ އުސޫލު މަޝްވަރާ ކުރެވުނު ތަނުގައި ތިބި ބައެއް ޕްރޮޑިއުސަރުން ބުނާގޮތުގައި 18 ދުވަހަށް މުއްދަތު ކުޑަނުކުރުމަށް އެދުނު ކަމަށާއި އެކަމަށް މިނިސްޓްރީ އިން ވެސް އެއްބަސްވި ކަމަށެވެ. ނަމަވެސް އޮލިމްޕަސް ދޫކުރާ އާ އުސޫލު ނުކުތްއިރު އުސޫލުގައި ބުނެފައި ވަނީ އެންމެ ގިނަ ދުވަހަށް ވެސް ފިލްމު އެޅުވުމަށް އޮލިމްޕަސް ނެގޭނީ 18 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

ނަހޫ ބުނީ އެކަމާ ގުޅިގެން ކަންބޮޑުވުންތައް ފާހަގަކޮށް އެކަން ހައްލުކޮށްދެއްވުން އެދި ސިޓީއެއް ވެސް މިނިސްޓްރީ އަށް ލާފައިވާ ކަމަށާއި އުންމީދަކީ އެ ސިޓީ ވަކި ހިސާބަކުން ހޯލްޑްނުވެ، މިނިސްޓަރުގެ އަތްޕުޅަށް އަރާނެކަށެވެ. އަދި އަވަސް ޖަވާބެއް ވެސް ލިބޭނެ ކަމަށް އެންސީއޭ އިން ފިލްމު ލީކުކޮށްލި މައްސަލާގައި ފޮނުވި ސިޓީގެ ޖަވާބު ނުލިބި އަދިވެސް އިންތިޒާރުގައި ހުރި ނަހުލާ ބުންޏެވެ.

ހަމަ ގައިމު ވެސް އޮލިމްޕަސް ދޫކުރުމުގެ އާ އުސޫލުގެ ސަބަބުން ދިވެހި ފިލްމު އިންޑަސްޓްރީ ވަޅުޖެހި ހިނގައިދާނެ ކަމުގެ ބިރު ހީވާން މިހާރު ވަނީ ފަށާފަ އެވެ. އެކަމަށް ހައްލެއް އަންނާނެ ކަމަށް ޕްރޮޑިއުސަރުން ތިބީ އުންމީދުގަ އެވެ. މޮޅު ފިލްމެއް ހެދުމަށް ބޮޑު ޚަރަދެއް ހިނގާއިރު ހަމަގައިމު ވެސް ފިލްމެއް އެޅުވުމަށް 18 ދުވަހުގެ މުހުލަތެއް ދިނުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫނެވެ.

comment ކޮމެންޓް