މިސްކިތުގެ ޖަމާއަތަށް މުސްކުޅިންނާއި ކުޑަކުދިން ނުދިޔުމަށް އިލްތިމާސްކޮށްފި

ސެޕްޓެމްބަރ 1، 2017: މާލެގައި ބޮޑު ޖަމާއަތުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެންނަ މީހުންނާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ޖަމާއަތަށް ނޭރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ރާއްޖެއިން މިހާރު ކޮވިޑް19 ފެނިފައިވުމާއެކު އިތުރަށް ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ސަލާމަތީ ފިޔަވަޅެއް ކަމަށެވެ.

އެގޮތުން ކޮވިޑް19ގެ އަލާމާތްތައް ކަމުގައިވާ ހުން އައުމާއި، ރޯގާ ޖެހުމާއި، ކެއްސާ ކިނބިހި އަޅާ މީހުންނާއި، ކަރަންޓީން ކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން، އާންމުން އެއްވެ އުޅޭ ޖަމާއަތްތަކުގެ ތެރެއަށް ނުކުމެ ނޫޅުމަށާއި، މިސްކިތުގެ ޖަމާއަތަށް ނުދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން މިސްކިތުގެ ޖަމާއަތަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހާޒިރުނުވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިފަދަ ހާލަތްތަކުގައި ޖަމާއަތުގައި ބައިވެރިނުވުމަކީ އިސްލާމްދީން ބާރުއަޅާފައިވާ ކަމެއް ކަމަށެވެ.

އެގޮތުން ފިޔާ ލޮނުމެދު ފަދަ ވަސްގަދަ އެއްޗެހި ކައިގެން މިސްކިތުގެ ޖަމާއަތަށް ދިއުންް ދީނުގައި މަނާކޮށްފައި ވާއިރު، ކޮވިޑް19 ފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތެއް ފެންނަ ފަރާތްތަކުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

"މާތްﷲގެ އިރާދަފުޅާއެކު މިފަދަ ނުރައްކާތެރި ބައްޔެއްގެ އަލާމާތްތައް ފެންނަ ހިނދު، ތިބާ މިސްކިތުގެ ޖަމާއަތުން އެއްކިބާވެ ކުރާ ނަމާދަށް، ތިބާ ފުރިހަމަ ސިއްހަތުގައި ވީހިނދު މިސްކިތުގެ ޖަމާއަތުގައި ކުރާ ނަމާދަށް ލިބޭ ފުރިހަމަ ސަވާބު ލިބިގެން ދާނެއެވެ." ބަޔާނުގައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިވަގުތު މާޔުސްނުވެ، ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲ އަށް ވަކީލުކޮށް ދުއާކުރުމަށް ނަސޭހަތްތެރިވެފައެވެ.

ޗައިނާގެ ވުހާންއިން ފެތުރެން ފެށި ކޮވިޑް-19 މިހާރު ރާއްޖެއިންވެސް ވަނީ ފެނިފައެވެ. ކޮވިޑް -19 ޖެހިފަިއވާ ދެމީހުން ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެއާއެކު އެ ރިސޯޓުގެ ލެވެލް އޮރެންޖަށް މަތިކޮށް، ރިސޯޓަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ކުރަމުން އަންނަ ޤުނޫތު ނާޒިލާ މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާގޮތަށް މިނިސްޓްރީން ވަނީ ނިންމައިފަައެވެ.

comment ކޮމެންޓް