ރާއްޖެ ލެވަލް ރީނދޫގައި، ކޮން ފިޔަވަޅުތަކެއް؟

މުޅި ދުނިޔޭގައި ބާރު މިނުގައި ފެތުރެމުން އަންނަ ކޮވިޑް-19، ނޫނީ ކޮރޯނާވައިރަސްގެ ދެ ޕޮޒިޓިވް ކޭސް މި ވަނީ ރާއްޖެއިން ފެނިފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވީ، ޅ. ކުރެއްްދޫ ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފުންނެވެ. އެ ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވީ، މިފަހުން އެ ރަށަށް އައި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އޭނާ ރަށަށް ދިޔަފަހުން، ބައްޔަށް ޕޮޒިޓިވްކަން ވަނީ އެނގިފަ އެވެ.

ކޮރޯނާ ވައިރަސް އެމެޖެންސީ ރެސްޕޮންސް ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހިފައިވާ ދެ މީހަކު ރާއްޖެއިން ފެނުމާ އެކު، ރާއްޖޭގައި ބަލީގެ ސްޓޭޓަސް މިހާރު ވަނީ "ވައިޓް ލެވަލް"އިން "ޔެލޯ ލެވަލް" ނޫނީ ލެވަލް ރީނދޫއަށް ބަދަލުކޮށްފަ އެވެ.

ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން މިނިސްޓްރީއިން އެކުލަވާލާފައިވާ އެސްއޯޕީ ބުނާ ގޮތުގައި، ރީނދޫ ލެވަލްއަކީ ރާއްޖެއިން ބޭރުން އައި މީހަކު ބައްޔަށް ޕޮޒިޓިވްވާ ހާލަތެވެ. މި ހާލަތުގައި އަޅާނީ ކޮން ފިޔަވަޅުތަކެއް ހެއްޔެވެ؟ މި ލެވަލްގައި އަޅާނެ ފިޔަވަޅުތައް، މިނިސްޓްރީގެ އެސްއޯޕީގައި ތަފްސީލް ކޮށްފައިވެ އެވެ.

ޔެލޯ ލެވަލް - ރީނދޫ ލެވަލްގެ ފިޔަވަޅުތައް:

  • ބައެއް ރަށްރަށަށް ނޫނީ ސަރަހައްދުތަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެންގުން ދިނުން.
  • ބައެއް ރަށްރަށުން އަންނަ މީހުން ސްކްރީން ކުރުން.
  • ބައްޔަށް ޝައްކުވާ އަދި ޕޮޒިޓިވްވާ މީހުން އެކަހެރިކޮށް ހެލްތް މިނިސްޓްރީ އެލާޓަށް އައުން.
  • އާންމު ސާފުތާހިރުކަމާއި އާންމުން ބައްޔަށް ހޭލުންތެރިވެފައިވާކަން ކަށަވަރު ކުރުން.
  • ވައިރަހުގައި ހާލުބޮޑުވާ ބަލި މީހުން އެކަމަށް ހާއްސަ ފެސިލިޓީއަށް ބަދަލުކޮށް ފަރުވާ ފެށުން.
  • އާންމުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެދާނެ ކަންކަމަށް އެހީތެރިވުން.

ހެލްތް މިނިސްޓަރު އަމީން މިއަދު ވިދާޅުވި ގޮތުގައި މުޅި ރާއްޖެ ރީނދޫ ލެވަލްގައި އޮތް ނަމަވެސް، ބައްޔަށް ޕޮޒިޓިވްވި ދެ މީހުން ފެނުނު، ކުރެއްދޫ އައިލެންޑް ރިސޯޓް އޮންނާނީ ލެވަލް އޮރެންޖްގަ އެވެ. އެއީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި މީހަކަށް ބަލި ޓްރާންސްމިޓްވާ ހާލަތެވެ. ކުރެއްދޫ ރިސޯޓް އޮތީވެސް މީހުން އަރާފޭބުން މަނާކޮށް ލޮކްޑައުންގަ އެވެ.

އޮރެންޖް ލެވަލްގެ ފިޔަވަޅުތައް:

  • ކޮންމެހެން ކުރަން ޖެހޭ ސާޖަރީތައް ނޫނީ ނުކުރުން.
  • ބަލި ފެތުރޭ ސަރަހައްދުތަކުގެެ ސްކޫލްތައް ބަންދުކުރުން.
  • ކޮންމެހެން ބާއްވަން ޖެހޭ އެއްވުންތައް ނޫން އެއްވުންތައް މަނާކުރުން.
  • ކޮންމެހެން ބާއްވަން ޖެހޭ ފެރީ ދަތުރުތައް ނޫން ދަތުރުތައް ހުއްޓާލުން.
  • ރަށްރަށުގައި ކާޑުގެ ބާވަތްތަކާއި އަސާސީ އެހެނިހެން ތަކެތި ހަމަޔަށް ހުރިކަން ކަށަވަރުކުރުން.
  • ބަލީގެ އަލާމާތްތައް ފެންނަ މީހުން ގޭގައި ކަރަންޓީނުކުރުން. (ހޯމް ކަރަންޓީން)
  • ދުރާލައި ރާވައިގެން ކޭސްތަކަށް އެޓެންޑް ކުރަން ފެށުން.

މިރޭގެ ޕްރެސްކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި، ރާއްޖެ ރީނދޫ ލެވަލްގައި އޮތުމަކީ އެއްވެސް ވަރަކަށް ރައްޔިތުން ހާސްވާން ޖެހޭ ކަމެއް ނޫނެވެ. އަދި އެ ބަލި ދުނިޔޭގެ އެކި ގައުމުތަކުގައި ބާރު މިނުގައި ފެތުރޭތީ ރާއްޖެ އޮތީ، އެބަލި ކޮންމެ ވަގުތަކުވެސް އައިސްދާނެ ކަމަށް ތައްޔާރަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އާންމު ރައްޔިތުން، އާދައިގެ ދިރިއުޅުމުގެ ހާލަތުގައި އުޅެމުން ދިޔުމަށް އޭނާ އިރުޝާދު ދެއްވި އެވެ.

"މި ހާލަތުގައި އަޅަން ނުޖެހޭ ފިޔަވަޅުތައް އަޅައި، އުޅެން ނުޖެހޭ ގޮތަށް އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓާކަށް ނުޖެހޭ. އަޅުގަނޑުމެން އާންމު ދިރިއުޅުމުގައި އުޅެމުން ދާންވީ. މިކަމުން ދިރިއުޅުމަށް ބުރޫއަރާކަށް ނުޖެހޭ. ރާއްޖެއިން ކޭސްތައް ފެނުމުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ލެވަލްތަކުގައި އަމަލުކުރާނެ އުސޫލުތައް.

މިނިސްޓްރީގެ އެސްއޯޕީ ބުނާ ގޮތުގައި ކޮރޯނާގެ އެންމެ ނުރައްކާ ލެވަލް ނޫނީ ދަރަޖައަކީ ލެވަލް ރެޑް ނޫނީ ރަތް ލެވަލް އެވެ. އެ ލެވަލްގެ ވަރަށް ހަރުކަށުި ފިޔަވަޅުތައް އަޅާނެ އެވެ.

ރަތް ލެވަލް - ރަތް ލެވަލްގެ ފިޔަވަޅުތައް:

  • ސިއްހީ ހިދުމަތް ދޭ ތަންތަނުން އެމަޖެންސީ ހިދުމަތްތައް ނޫން އެހެން ހިދުމަތްތައް އެކީ މެދުކަނޑާލުން.
  • ޕަބްލިކް ދަތުރުފަތުރުތައް މެދުކަނޑާލުން.
  • ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ހުރިހާ ދަތުރުތައް ހުއްޓާލުން.
  • ކޮންމެހެން ހުޅުވާފައި ބަހައްޓަން ޖެހޭ އޮފީސްތައް ނޫން އޮފީސްތައް ބަންދުކުރުން.
  • ބަލިފެތުރޭ ރަށްރަށުގެ ސްކޫލްތައް ބަންދުކުރުން.
  • މީހުން ގޭން ބޭރަށް ނުނިކުތުމަށް އެންގުން.

މިނިސްޓަރު އަމީން އާއި އަލީ ވަހީދު ޔަގީންކަން ދެއްވި ގޮތުގައި ލެވަލް ރަތަށް ވެސް ރާއްޖެ އޮތީ ތައްޔާރަށެވެ. އެކަމަށް ޓަކައި މީހުން ތަމްރީންކޮށް ކަރަންޓީނު ފެސިލިޓީތައް ހުރީ ތައްޔާރީ ހާލަތުގަ އެވެ.

ސަރުކާރުން ދޭ ޔަގީންކަމަކީ، ރާއްޖެއަށް ފުދޭ ވަރަށް ކާޑުގެ ބާވަތްތައް ހުރިކަމެވެ. އަދި ބޭހާއި، ޕޭޝަންޓުންނަށް އެޓެންޑް ކުރާ ސިއްހީ ހިދުމަތްތެރިން ލާ، ހެޒްމެޓް ސޫޓް ވެސް ރާއްޖޭގައި ވާވަރަށް ހުރިކަމުގެ ޔަގީންކަން ސަރުކާރުންދެ އެވެ. އަދިވެސް އެތަކެތި އިތުރަށް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާ-ރާއްޖެ ސީދާ ދަތުރުތައް ހުއްޓާލުން، ޗައިނާއިން މީހުން އައުން މަނާކުރުން، ޗައިނާއިން އައިފަހުން 14 ދުވަސްނުވާ މީހުން ރާއްޖެ އެތެރެވުން މަނާކުރުން އަދި ކުރޫޒްލައިނާތައް ވެސް ރާއްޖެ އެތެރެވުން ވަނީ ހުއްޓުވައިފަ އެވެ. މީގެ އިތުރުން މިރޭ، 11:55 އިން ފެށިފެން އިޓަލީވިލާތުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ.

ބައްޔަށް ޝައްކު ވެގެން މިވަގުތުވެސް ކަރަންޓީނުކޮށްފައިވާ 10 މީހަކު އެބަތިއްބެވެ. އަދި އެމީހުންނާ ކޮންޓެކްޓުވެފައިވާ މީހުން، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާއިރު، ޝައްކުވާ ދެ މީހުން ފެނުނު، ސަމާ އައިލެންޑް ރިސޯޓްވެސް ވަނީ ލޮކްޑައުންގަ އެވެ.

comment ކޮމެންޓް