ސަމާ އައިލެންޑު ރިސޯޓުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އިތުރު މީހަކު އެކަހެރިކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
އެމަޖެންސީ ރެސްޕޮންސެންޓަރުން މިރޭ ދަރުބާރު ގޭގައި ބާއްވަމުން އަންނަ ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ މިހާރު އެ ރިސޯޓުން ހަތަރު މީހަކު ކޮވިޑް-19 އަށް ޓެސްޓު ކުރަމުން އަންނަ ކަމަށެވެ.
ސަމާ އައިލެންޑުގައި ޗުއްޓީ ހޭދަކުރަމުން އައި ފްރާންސްގެ ދެ ފަތުރުވެރިންގެ އިތުރުން އެ ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ޑޮކްޓަރު ވެސް ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ފަރުކޮޅުފުއްޓަށް ގެންގޮސް މޮނީޓާ ކުރަމުން އަންނަކަން މިއަދު ހެނދުނު ވަނީ ހާމަކޮށްފަ އެވެ.
އެ ރިސޯޓުގައި މަސައްކަތް ކުރާ އެހެން ތިން މުވައްޒަފުން ވެސް ކުޑަކޮށް ކެއްސާތީ، އެޗްޕީއޭގެ ލަފަޔާއެކު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެމީހުން ކޮޓަރީގައި ކަރަންޓީނު ކޮށްފައިވާ ކަމަށް އެ ރިސޯޓުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
އެ ރިސޯޓުން ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ކުރަމުން އަންނަ ފަރާތްތަކުގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެޗްޕީއޭގެ ހުއްދަ ނެތި އެ ރިސޯޓަށް މީހުން އަރާ ފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.
ސަމާ އައިލެންޑުން ބުނީ އެ ރިސޯޓަށް ރިޒަވޭޝަން ހެދުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިން އެހެން ރިސޯޓުގައި ތިބެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ޅ. ކުރެއްދޫގައި ވަޒީފާ އަދާކުރަމުން ދިޔަ ދެ ބިދޭސީއަކުން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފަ އެވެ. އެއާއެކު އެ ރިސޯޓުގެ އެލާޓް ލެވެލް ވަނީ އޮރެންޖަށް މަތިކޮށްފައެވެ. އަދި ރާއްޖެއިން ކޮވިޑް19 ފެނިފައިވާތޯ، ރާއްޖޭގެ އެލާޓް ލެވެލް ވަނީ ރީނދޫއަށް މައްޗަށް ޖައްސައިފަ އެވެ.