ގަނާގެ ޝިކާރައަށްވި ކުއްޖަކަށް އިންސްޓަގްރާމުން ލޯބި

ސްކޫލު ކުދިންތަކެއް ގަނާކޮށްފައިވާ އުމުރުން 13 އަހަރުގެ ކެލަމް މޭނިން --- ފޮޓޯ : އެމްއެސްއެން

ފޮތް ކިޔުމަށް އޮތް ލޯބީގެ ސަބަބުން ސްކޫލު ކުދީންތަކެއް ގަނާކުރި 13 އަހަރުގެ ފިރިހެން ކުއްޖަކަށް އިންސްޓަގްރާމުގެ އެތައް ލައްކަ ބައެއްގެ ލޯތްބާއި ތަރުހީބު ލިބެން ފަށައިފި އެވެ.

އިރުއުތުރު އިންގްލެންޑް ސަރަހައްދަކަށް ނިސްބަތްވާ 13 އަހަރުގެ ކެލަމް މޭނިން އަށް އޭނާގެ ކްލާސްމޭޓުންތަކެއް ވަނީ ގަނާކޮށްފަ އެވެ.

އާއިލާގެ މީހުން ލޯބިން ގޮވާ ނަން ކަމަށްވާ ކޭލް ވަނީ އޭނާ ފޮތްކިޔުމަށް ހުރި ލޯތްބެއްގެ ސަބަބުން ހާއްސަ އިންސްޓަގްރާމް އެކައުންޓެއް ދާދި ފަހުން ހުޅުވާފަ އެވެ. ކޭލް އަށް ކަމުދާ ފޮތްތައް ރިވިއުކުރުމަށް ޓަކައި ހަދާފައިވާ އެކައުންޓުގެ ވާހަކަ ކްލާސްކުދިންނަށް އެނގުމުން އޭނާއަށް އެތައް ބައެއް ވަނީ ގަނާކޮށްފަ އެވެ.

ކޭލްގެ ދިފާއުގައި ނިކުތީ އޭނާގެ ދައްތަ އެލީސް ލޭންޑްރެތު އެވެ. އެލީސް ވަނީ ކަންތައް ވެގެން ދިޔަ ގޮތް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި އޭނާގެ އެކުވެރީން ގާތު، ކެލަމް އަށް ކޮންމެވެސް ވަރެއްގެ ސަޕޯޓިން މެސެޖެއް ދިނުމަށް އެލީސް އެދުނެވެ.

ކަންތައް ވެގެން ދިޔައީ އެލީސް ހީކުރިގޮތަށްވުރެ މާބޮޑަށް ވެސް ރަނގަޅަށެވެ. އެލީސްގެ ޕޯސްޓް ވައިރަލްވެ ކުއްލިއަކަށް އެތައް ބައެއްގެ ލޯބި ކެލަމްއަށް ލިބެން ފެށި އެވެ. އެގޮތުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކެލަމްގެ ފޮލޮވަރުންގެ އަދަދު 361،000 އަށްވުރެ މައްޗަށް އެރި އެވެ.

އެތައް ހާސް ބައެއް އޭނާއަށް ސަޕޯޓުކޮށް މެސެޖުކޮށްފައި ވެސްވެ އެވެ. އެލީސް ބުނީ ކެލަމްގެ ޑައިރެކްޓް މެސެޖުތަކުގައި 15،000 އަށްވުރެ މެސެޖު އެބަހުރި ކަމަށެވެ.

ކެލަމް ދަނީ މިހާރު އިންސްޓަގްރާމްގައި އޭނާގެ އެކައުންޓް އަޕްޑޭޓް ކުރަމުންނެވެ. އެގޮތުން މިހާރު 24 ވާހަކައެއްގެ ޕޯސްޓު ކެލަމް ވަނީކޮށްފަ އެވެ.

comment ކޮމެންޓް