އެލިޒަބެތު ވޮރެން ވެސް ރިޔާސީ ރޭހުން ވަކިވެއްޖެ

މެސެޗޫސެޓްސްގެ ސެނެޓަރު އެލިޒަބެތު ވޮރެން ވަނީ ރިޔާސީ ރޭހުން ވަކިވެފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (މާޗް 6): އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީން ސެނެޓަރު އެލިޒަބެތު ވޮރެން ވެސް ވަކިވެއްޖެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ރޭހުގައި ގިނަ ބަޔެއްގެ ތާއިދު ހޯއްދެވި ވޮރެން އެ ރޭހުން ވަކިވީ، މިދިޔަ އަންގާރަ ދުވަހު ޕްރައިމަރީގެ ވޯޓުލުން 14 ސްޓޭޓެއްގައި ބޭއްވި އިރު އޭގެ ތެރެއިން އެއްވެސް ސްޓޭޓެއް ކާމިޔާބު ނުކުރެވުމުންނެވެ.

އެ ދުވަހު އެކަމަނާގެ އަމިއްލަ ސްޓޭޓު ކަމަށްވާ މެސެޗޫސެޓްސްއިން ވެސް ވޮރެން އަށް ލިބުނީ ތިން ވަނަ އެވެ. އެ ސްޓޭޓުން ގިނަ ވޯޓުތައް ކާމިޔާބު ކުރެއްވީ ރިޔާސީ ރޭހުގައި އެންމެ ކުރީގައި އުޅުއްވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ސެނެޓަރު ބާނީ ސޭންޑާސް އެވެ.

އެ ވޯޓުތަކަށް ފަހު އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވޮރެން ވަނީ އޭނާ ދެން ތާއިދު ކުރައްވާނެ ކެންޑިޑޭޓެއް ނިންމަން ވަގުތު ބޭނުންވާ ކަމަށެވެ. އަދި ރިޔާސީ ރޭހުން ވަކިވާ އިރު އެންމެ ހިތާމަ ކުރައްވާ ކަމަކީ "ކެމްޕޭން ކުރެއްވި އިރު ދިމާވި ހުރިހާ ކުޑަ އަންހެން ކުދިންނަށް އަންހެން ރައީސަކު ފެންނަން އިތުރު އަހަރުތަކެއް ނަގާނެތީ" ކަމަށް ވިދާޅުވެފަ އެވެ.

ޑިމޮކްރެޓިކް ޕްރައިމަރީ ފެށިގެން އައީ ހަ އަންހެން ކެންޑިޑޭޓުންނާއެކު ކަމަށްވީ ނަމަވެސް މިހާރު އެ ރޭހުގައި ވާދަ ކުރައްވާ ހަމައެކަނި އަންހެން ކެންޑިޑޭޓަކީ ހަވާއީގެ ކޮންގްރެސްވުމަން ޓަލްސީ ގަބާޑް އެވެ. ނަމަވެސް އޭނާ އަބަދުވެސް އުޅުއްވަނީ ރޭހުގެ އެންމެ ފަހަތުގަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީތައް އަންނަ ޖުލައި މަހާ ޖެހެންދެން ކުރިއަށްދާނެ އެވެ. އަދި އެ މަހު ބާއްވާ ޑިމޮކްރެޓިކް ކޮންވެންޝަންގައި އެ ޕާޓީން ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުން ޔަގީން ވާނެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތިނެއްގަ އެވެ. އެ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

ގުޅޭ ޓެގު
comment ކޮމެންޓް