ޗިލީގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަތުރުވެރިޔާގެ މައުލޫމާތު ހޯދަނީ

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ވެސް ޗުއްޓީ ހޭދަ ކުރުމަށް ފަހު ޗިލީއަށް ދިޔަ މީހަކު ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާތީ، އެގައުމުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެކަން ބަލަން ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރާއްޖެއަށް ދަތުރުކުރި މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ދައުރުވަމުން އަންނަ ރިޕޯޓުތައް އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޗިލީގެ ސިއްހަތާ ބެހޭ އިދާރާ އާއި، ގައުމީ އަދި ބައިނަލްއަގުވާމީ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އެގޮތުން އެ ފަތުރުވެރިޔާގެ މައުލޫމާތާއި އޭނާ ކުރި ދަތުރުތަކުގެ ތަފްސީލް ހޯދާ ކްރޮސްޗެކް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.

ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތާ ހަވާލާދީ، ޗައިނާގެ ޝިންހުއާ ނޫސްއެޖެންސީއިން ބުނި ގޮތުގައި، އެއީ ޗިލީގައި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ.

އެއީ އެގައުމުގެ ޓަލްކާ ސިޓީގައި ހުރި 33 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ޗިލީއަށް ގޮސްފައި ވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ޔޫރަޕް މަގުން ކަމަށް ހެލްތުން ބުންޏެވެ.

އެ މީހާއަށް ފަރުވާ ދެމުންދާ ޓަލްކާ ހޮސްޕިޓަލުން ބުނި ގޮތުގައި އެ މީހާ ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ، ރާއްޖެ އަދި ސްޕެއިނަށް ދަތުރުކޮށްފަ އެވެ.

އެމީހާ ޗިލީއަށް ދިޔައީ މިދިޔަ މަހުގެ 25ގައި ކަމަށާއި ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށީ މިމަހުގެ އެކެއްގައި ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

comment ކޮމެންޓް