ކޮރޯނާވައިރަސް ނޫނީ ކޮވިޑް-19 ވަރަށް ބާރުމިނުގައި ފެތުރެމުން ދާތީ، ރާއްޖެއަށް ވެސް އެބަލި އައުމުގެ ފުރުސަތު ބޮޑުވެފައިވުމުން އެކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
ހެލްތް ޕްރޮޓެކްސްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ބޮޑުވެފައި ވާތީ، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
އެގޮތުން އަޅާ ފިޔަވަޅުތަކަކީ؛
- މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމްކުރުން: މި ކްލިނިކްގެ ބޭނުމަކީ ރާއްޖޭން ބޭރަށް ދަތުރު ކޮށްފައި އަންނަ ފަރާތްތައް ކޮވިޑް-19 އަށް އިތުރަށް ސްކްރީން ކުރުން.
- ފްލޫ ކްލިނިކެއް: މި ކުލިނިކް ގާއިމް ކުރަނީ ސެނަހިޔާ ހޮސްޕިޓަލުގައި. މި ކުލިނިކްގެ ބޭނުމަކީ މިހާރު ފެތުރެމުންދާ އެހެނިހެން ފްލޫތަކަށް ހާއްސަކުރުން.
އެޗްޕީއޭއިން ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަކޮށްގެން ބާއްވާ އެމަޖެންސީ ޑްރިލެއް މިއަދު ކުރި އަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިޑްރިލްގެ ބޭނުމަކީ، ގޭބީސީއެއްގައި ކޮވިޑް -19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ކަމާބެހޭ ފަރާތަކުން ކަންކުރާނެ މިސްރާބު ހާމަކޮށްދިނުމާއެކު އެފަދަ ހާލަތެއްގައި އެންމެ އެކަށޭނަ ފިޔަވަޅުތައް އެޅުމަށްޓަކައި ވެވިފައިވާ ތައްޔާރީތައް ވަރުގަދަކުރުން ކަމަށް ބަޔާނުގައިވެ އެވެ.