100 އަހަރު ފުރުނު މާމަގެ 25 ވަނަ އުފަން ދުވަސް ފާހަގަކޮށްފި

އުމުރުން 100 އަހަރުގެ ޑޯރިސްގެ އުފަން ދުވަސް އަންނަނީ ލީޕް ދުވަހުގައި --- ފޮޓޯ : އެމްއެސްއެން

އިންގްލެންޑުގެ ސިޓީއެއް ކަމަށްވާ ޕޯޓްސްމައުތު އަށް ނިސްބަތްވާ ހޫރު މާމައެއް، ލީޕް އަހަރުގެ ދުވަސް ކަމަށްވާ ފެބްރުއަރީ 29ގައި އުފަން ވުމުގެ ސަބަބުން އޭނާގެ 25 ވަނަ އުފަންދުވަސް ފާހަގަކޮށްފި އެވެ.

ލީޕް ދުވަހަކީ ކޮންމެ ހަތަރު އަހަރުން އެއް ފަހަރު އަންނަ ދުވަހެކެވެ.

ހޫރު މާމައެއް ކަމަށްވާ ޑޯރިސް ކްލީފް އަށް ވަނީ މިއަހަރު 100 އަހަރު ފުރިފަ އެވެ. ނަމަވެސް ލީޕް ދުވަހު އުފަން ވުމުގެ ސަބަބުން އޭނާގެ އުފަން ދުވަސް އަންނާނީ ކޮންމެ ހަތަރު އަހަރުގައި އެއްފަހަރު އެވެ. އެހެންކަމުން 100 އަހަރު ފުރުނު ނަމަވެސް ލީފް ފާހަގަކުރީ އޭނާގެ 25 ވަނަ އުފަން ދުވަހެވެ.

ޑޯރިސް ދިރިއުޅެމުން ދިޔައީ ދުވަސްވީ މީހުން ބަހައްޓާ ތަނެއްގައެވެ. އަދި އޭނާގެ 25 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެތަނުގައި މަސައްކަތްކުރާ ނަރުހުން ވަނީ ހާއްސަ ޕާޓީއެއް ބާއްވާފަ އެވެ.

ރިޓަޔަރުކޮށްފައިވާ ހެއާޑްރެސާއެއް ކަމަށްވާ ޑޯރިސްއަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ޓަކައި އާއިލާއިން ވެސް ވަނީ ހާއްސަ ޕާޓީއެއް ބޭއްވުމަށް ނިންމާފަ އެވެ.

ޑޯރިސްގެ ފިރިމީހާ ސޭމް ވަނީ 1979ގައި މަރުވެފަ އެވެ. އަދި އެހާ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމަށް ހީ ނުކުރާ ކަމަށް ޑޯރިސް ބުންޏެވެ.

"އަހަރެންގެ މާމަ މަރުވެއްޖެ އޭނާގެ އުމުރުން 47 އަހަރުގައި. އަހަރެން ހިޔެއް ނުކުރަން މިހާ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމަށް. އަހަރެންގެ 98 އަހަރުގެ ކޮއްކޮއެއް ވެސް ހުރޭ،" ޑޯރުސް ބުންޏެވެ.

ޑޯރިސް ބުނާ ގޮތުގައި އޭނާގެ ދިގު އުމުރުގެ ސިއްރަކީ ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއި ގިނައިން ހިނގަން އާދަކުރުމެވެ.

comment ކޮމެންޓް