ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާއި އެހެނިހެން މައްސަލަތައް ހުށަހެޅޭ ނިސްބަތް 2017 ވަނަ އަހަރުން ފެށިގެން އިތުރުވަމުން އަންނަކަމަށާއި، އެހެން ނަމަވެސް މައްސަލަތައް ހުށަހެޅޭ ނިސްބަތަށް ބަލާއިރު، ކޭސްތައް މެނޭޖުކުރުމަށް އެކަށީގެންވާ އަދަދަކަށް ކޭސްވޯކަރުންނާއި ސުޕަވައިޒަރުން ފެމިލީ ސަޕޯޓް އެންޑް ސޯޝަލް ސާވިސް ޑިޕާޓްމަންޓުގައި ނެތްކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެދިގެން، އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ 2018 އިން 2019 ވަނަ އަހަރުގެ ނިޔަލަށް އެ ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ޕާފޯމަންސް އޮޑިޓެއް ހަދައިފަ އެވެ.
މިހާރު އާންމުކޮށްފައިވާ އެ އޮޑިޓުގައި ބުނެފައި ވަނީ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ޖެންޑާ މިނިސްޓްރީއަށް ކުޑަކުދިންނާ ގުޅޭ އެކި ބާވަތުގެ 2953 މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 1915 މައްސަލަ އަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް މި މައްސަލަތައް ބެލުމަށް މިނިސްޓްރީގައި ތިބީ 16 ކޭސްވާކަރުންނާއި އެންމެ ސުޕަވައިޒަރެއް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. އެއީ އެވްރެޖުކޮށް ކޮންމެ ކޭސްވޯކަރަކަށް 76 ކޭސް އެވެ.
އޮޑިޓުގައި ހުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ތިން ކޭސްވޯކަރަކު އަންނަނީ 100 އަށް ވުރެ ގިނަ ކޭސް ބަލަމުންނެވެ. އަދި ހަ ކޭސްވޯކަރަކު އަންނަނީ 80 އަށްވުރެ ގިނަ މައްސަލަ ބަލަމުންނެވެ.
އަތޮޅު ތަކުގައި ގާއިމުކޮށްފައިވާ ސެންޓަރުތަކުގެ ކޭސް ލޯޑު މިނިސްޓްރީން ބަލަހައްޓަމުން ނުދާތީ އެ ހިސާބުތައް އޮޑިޓުގައި ހިމަނާފައެއް ނުވެއެވެ.
މިނިސްޓްރީން ބުނެފައި ވަނީ ކޭސް ލޯޑާ އެކަށީގެންވާ އަދަދަށް މުވައްޒަފުން އިތުރުކުރެވިފައި ނުވަނީ ފަންނީ މުވައްޒަފުން ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ.
އެގޮތުން، ސޯޝަލްވޯކް އަކީ ވަކި ދާއިރާތަކަކުން ތައުލީމް ހާސިލް ކުރުމަށް ފަހު، ހެލްތު މިނިސްޓްރީގެ އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓަރީ ވެގެން ނޫނީ ކުރެވޭ މަސައްކަތަކަށް ނުވާތީ ސޯޝަލްވޯކުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ އަދަދު މަދުކަމަށް ބުނެފައިވެ އެވެ.
ޖެންޑާ އިން ބުނީ ތަކުރާރުކޮށް އިއުލާންކޮށްގެން ވެސް، ހޯދަން ބޭނުންވާ އަދަދަށް ވެސް ކޭސްވޯކަރުންނާއި ސުޕަވައިޒަރުން ކުރިމަތި ނުލާކަމާއި، ވަޒީފާއަށް ހޮވޭ ފަރާތްތަކުގެ ތެރެއިންވެސް، ޕްރޮބޭޝަން ހަމަވުމާ ހަމައަށް ދެމި ތިބެނީ ނިސްބަތުން މަދު އަދަދެއްގެ މުވައްޒަފުން ކަމަށެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހާ ހަމައަށް 13 ކޭސްވޯކަރުންނާއި ދެ ސުޕަވައިޒަރުންގެ ހުސް މަގާމު މިނިސްޓްރީގައި ހުރިކަން ރިކޯޑުތަކުން ދައްކަ އެވެ.
ކޭސްވޯކަރުންނަށް އެކަށީގެންވާ އަދަދަށްވުރެ ގިނައިން ކޭސް ހަވާލުކުރުމުގެ ސަބަބުން ކޭސްތަކަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން ނުދެވި، މަސައްކަތުގެ ފެންވަރު ދަށްވެފައިވާ ކަމަށް ސުޕަވައިޒަރުން ވަނީ އޮޑިޓަރުންނަށް މައުލޫމާތު ދީފަ އެވެ.
ކޭސްވޯކަރުންނަކީ ޖަޒްބާތީ އަދި ނަފްސާނީ ގޮތުން ބުރަ މާހައުލެއްގައި މަސައްކަތްކުރާ ބަޔަކަށް ވުމުން އެކަމުގެ ނުރަނގަޅު އަސަރު އަމިއްލަ ދިރިއުޅުމަށް ކުރާކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.
އަމިއްލަ ނަފްސަށް އަޅާލާނެ ވަގުތު ނުލިބޭ ކަމަށް ސާވޭގައި ބައިވެރިވި 80 ޕަސެންޓު ކޯސްވޯކަރުން ބުނެފައިވެ އެވެ. އަދި އޮޑިޓުގައި ބައިވެރިވި 93 ޕަސެންޓު ކޭސްވޯކަރުން ބުނެފައި ވަނީ ކުރާ މަސައްކަތާ އަޅާބަލާއިރު އެކަށީގެންވާ މުސާރައެއް ނުލިބޭ ކަމަށެވެ.