ދިވެހި ބަހުގެ ސިޔާސަތެއް އެކުލަވާލައި، އާންމުންގެ ހިޔާލަށް ހުޅުވާލައިފި

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ބަހަށް ދެވޭ ސަމާލުކަން އިތުރުކޮށް ބަސް ދެމެހެއްޓުމަށްޓަކައި ދިވެހި ބަހުގެ އެކެޑަމީއިން ދިވެހި ބަހުގެ ގައުމީ ސިޔާސަތެއް އެކުލަވާލުމަށް ޑްރާފްޓެއް ތައްޔާރުކޮށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެކެޑަމީން ބުނެފައިވަނި މިއަދުން ފެށިގެން ސިޔާސަތަށް އާންމުންގެ އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ދިވެހި ބަހުގެ ގައުމީ ސިޔާސަތުގެ ވަކި ވަކި މާއްދާތަކަށް ގެންނަން ފެންނަ އިސްލާހާއި މުޅި ސިޔާސަތަށް ގެންނަން ފެންނަ އިސްލާހުގެ ހިޔާލުވެސް ހުށަހެޅިދާނެ ކަމަށް އެ އެކެޑަމީން ވަނީ ބުނެފަ އެވެ.

އެކެޑަމީން ބުނެފައިވަނީ އެ ސިޔާސަތަށް ހިޔާލާއި އިސްލާހު ހުށަހެޅުުމުގެ ސުންގަޑިއަކީ މިމަހުގެ 19 ވަަނަ ދުވަސް ކަމަށެވެ.

ބަހުގެ ގައުމީ ސިޔާސަތުގައި ބުނެފައިވަނީ ދިވެހި ބަސް ކުރިއަރުވައި ހިމާޔަތްކޮށް ދެމެހެއްޓުމުގައި ތަފާތު އެކި ހުރަސްތައް ދަނީ ކުރިމަތިވަމުން ކަމަށެވެ. އެހެންކަމުން އެފަދަ ހުރަސްތައް ގިރާކޮށް، ދިވެހި ބަހަކީ ޒަމާނަށް ފެތޭ، ޒުވާނުންނަށް ކަމުދާ، އެންމެން ގަޔާވާ އަދި އޭގެ ބޭނުން ކޮންމެހެން ކުރަން ޖެހޭ ފަދަ ބަހެއްގެ ގޮތުގައި ހެދުމަކީ ގައުމީ އެއްބައިވަންތަކަމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމެއް ކަމަށް ސިޔާސަތުގައި ބުނެފައިވެ އެވެ.

އެ ސިޔާސަތު އެކުލަވާލާނީ ފަސް އަހަރުގެ މުއްދަތަށެވެ. އަދި އެ ސިޔާސަތު ތަންފީޒުކުރެވޭ މިންވަރު ދެނެގަނެ، މޮނިޓާކުރުމުގެ ނިޒާމެއް ގާއިމުކުރަން ޖެހޭނެ ކަމަށް އެ ސިޔާސަތުގައި ބުނެފައިވެ އެވެ.

ބަހުގެ ސިޔާސަތުގައި މައިގަނޑު 11 ބައެއް ހިމެނެ އެވެ. ތަފާތު ބައިތަކަށް ބަހާލެވިފައިވާ 11 ސިޔާސަތުގައި އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ ދިވެހި ބަސް ދެމެހެއްޓުމުގައި ސަރުކާރުން ކުރާނެ މަސައްކަތުގެ މައްޗަށެވެ. އެގޮތުން ރައީސް އޮފީހާއި ދައުލަތުގެ ވުޒާރާތްތަކާއި ކޮމިޝަންތަކުން، ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތަކަށް އިސްކަންދޭން ޖެހޭނެ ކަމަށް އެ ސިޔާސަތުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ދިވެހި ބަސް އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ބޭނުންކުރުމަށް އިސްކަން ދިނުމަށްވެސް އެ އިސްލާހުގައި ވަނީ ބުނެފަ އެވެ.

އެ ސިޔާސަތުގައި މީޑިއާ އާއި ދިވެހި ބަހާ އޮތް ގުޅުމަށްވެސް ވަނީ ބަލާފަ އެވެ. އެގޮތުން މީޑިއާތަކަކީ ދިވެހި ބަސް ފަތުރައި، އާންމުކުރުމުގައި އެންމެ ރިވެތި ގޮތްތައް އިހުތިޔާރުކުރާ އަދި ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުންކުރާ ބަޔަކަށް ހެދުމަށް ސިޔާސަތުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ސިޔާސަތުގައި ރާއްޖޭގެ ސިޔާސީ ޕާޓީތައްވެސް ޝާމިލުވެ އެވެ. އޭގެއިތުރުން އެ ސިޔާސަތުގައި ހިމެނެނީ:

  • ޒަމާނީ ފަންނީ އަދި ތައުލީމީ އެކި ވަސީލަތްތައް ދިވެހި ބަހުން ތައްޔާރުކޮށް އާންމުވުން
  • ދިވެހި ބަހަކީ ފަންނިއްޔާތުގައި ދިވެހިން އެންމެ ބޮޑަށް ބޭނުންކުރާ ބަހެއްގެ ގޮތުގައި ވުން
  • ޒަމާނީ ފެންވަރަށް ދިވެހި ބަހުގެ ރަދީފުތައް އުފައްދައި، ޝާއިއުކޮށް، ބަހަވީ މާފާނުތައް އުފައްދައި، ބަސް ތަރައްގީވުން
  • ތާނަ އަކުރާއި ބޮޑުއަކުރު ލިޔުން ދިރުވައި އާލާކުރުމާއެކު އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާސިލުވުން
comment ކޮމެންޓް