އިންޓަނެޓުގެ އަގު ކުޑަކުރަން އެބަ މަޝްވަރާ ކުރެވޭ: އުރީދޫ

އުރީދޫގެ ބޯޑު --- ސަން ފޮޓޯ: ފަޔާޒު މޫސާ

އިންޓަނެޓުގެ އަގު ހެޔޮ ކުރުމާ ގުޅޭގޮތުން ސަރުކާރާއެކު މަޝްވަރާ ކުރެވޭކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލެއްގެ ޖަވާބުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން އެ ކުންފުންޏާއެކު މަޝްވަރާ ކުރި ކަމަށާއި އަދިވެސް އެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

"ކިހާވަރަކަށްތޯ ކުޑަ ކުރެވޭނީ، އެ މިވަގުތު ދަންނަވާލަން ދަތި،" ނަޖީބް ހާން ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރުމުން އޭގެ އަސަރު ކުންފުނީގެ ފައިދާ އަށް ކުރާނެ ކަމަށާއި ހިއްސާދާރުންނަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރަށް ދައްކާ ޓެކްސް އާއި ލައިސަންސް ފީ އަށް އޭގެ އަސަރު ކުރާނެ. ޑިވިޑެންޑަށްވެސް އޭގެ އަސަރު ކުރާނެ. އަޅުގަނޑުމެން މަސައްކަތްކުރަނީ ރަނގަޅު ހުށަހެޅުންތަކެއް ސަރުކާރަށް ހުށަހަޅައިގެން އަގު ކުޑަކޮށް ކުންފުންޏަށް ކުރާނެ އަސަރު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށް،" ނަޖީބް ހާން ވިދާޅުވި އެވެ.

ރާއްޖޭގައި ޓެލެކޮމްގެ ހިދުމަތް ދޭން އުރީދޫ އިން ފެށީ 2005 ވަނަ އަހަރު އެވެ. ފަނަރަ އަަހަރުގެ ތެރޭގައި އެކުންފުނިން ވަނީ ހިދުމަތްތައް ފުޅާކޮށް ފަހުގެ ޓެކްނޮލަޖީގެ ހިދުމަތްތައް ރާއްޖެއަށް ތައާރަފު ކޮށްފަ އެވެ.

comment ކޮމެންޓް