ހަތް އަހަރު ފަހުން ޖާބިރަށް ބޮޑުމޮހޮރާ ދީފި

އަބްދުﷲ ޖާބިރަށް ބޮޑުމޮހޮރާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން ---

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވ. ބޮޑުމޮހޮރާ 50 އަހަރަށް ކުއްޔަށް ދޭން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ ރަށް ކުއްޔަށް ދިނުމާމެދު ވަކި ގޮތެއް ނުނިންމި ހަތް އަހަރު ފާއިތުވި ފަހުން، މިއަދު ވަނީ އެރަށް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ޓުއަރިޒަމް މިނިސްޓްރީ އާއި، ޖާބިރުގެ ބޮޑު ހިއްސާއެއް އޮންނަ މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އިން ސޮއިކޮށްފައެވެ.

މެރިން ޓެކްނޮލަޖީ އަކީ ޖާބިރާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހެވެ. ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖާބިރެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޖާބިރު ވިދާޅުވީ ބޮޑުމޮހޮރާގައި "ޖާބިރު ހެޕީ ކްލަބް"ގެ ނަމުގައި ބިލިއަން ޑޮލަރުގެ ރިސޯޓެއް ތަރައްގީ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އަދި އެ ރިސޯޓު ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބެއް ގެނުވާނެ ރިސޯޓަކަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ރިސޯޓު ތަރައްގީކުރަނީ ސަރުކާރުގެ 10 ޕަސެންޓު ހިއްސާ އާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސްގެ 90 ޕަސެންޓް ހިއްސާ އޮންނަ ބޮޑުމޮހޮރާ ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑުންނެވެ.

މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އަށް 50 އަހަރަށް ބޮޑުމޮހޮރާ ދިނީ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓް ހަދާ ގޮތަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ބޮޑުމޮހޮރާގައި ތަރައްގީ ކުރާ ރިސޯޓާ ގުޅޭގޮތުން ޖާބިރު މިއަދު ވިދާޅުވީ، އެ ރިސޯޓުގައި މޫދުގެ ކުޅިވަރުތަކުގެ އިތުރުން އެހެން ކުޅިވަރުތަކަށް ހާއްސަ ތަންތަން ހުންނާނެ ކަމަށާއި، އެރަށް ތަރައްގީ ކުރާނީ އިންޓަގްރޭޓެޑް ރިސޯޓެއްގެ ކޮންސެޕްޓަށް ކަމަށެވެ.

އަދި އެ ރިސޯޓު ވެގެންދާނީ ތިމާވެއްޓާ ރަށްޓެހި ތަނަކަށް ކަމަށް ވެސް ޖާބިރު މިއަދު ވިދާޅުވިއެވެ.

ބޮޑުމޮހުރާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސީއެސްއާރު މަޝްރޫއެއް ހިންގާ ގޮތަށް މެރިން ޓެކްނޮލޮޖީޒް އަށް ދޫކުރަން ނިންމި ރަށެކެވެ.

ނަމަވެސް ރައީސް ޑރ. ވަހީދު ހުސައިން މަނިކުގެ ސަރުކާރުގައި ސީއެސްއާރް މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ދޫކުރި ރަށްތަކުގެ އެގްރިމަންޓްތަކަށް އަމަލު ނުކުރަން ނިންމައިފައެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ މެރިން ޓެކްނޮލޮޖީޒްއާ ބޮޑުމޮހޮރާ ހަވާލުކުރަން އަމުރުކޮށްފައެވެ. ނަމަވެސް އަމުރަށް އަމަލުކޮށްފައި ނުވާއިރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ކުންފުންޏަށް ބޮޑުމޮހޮރާ ކުއްޔަށް ދިނުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަން( އޭސީސީ) ވަނީ އެކަން ހުއްޓުވައިފައެވެ.

މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށެވެ. އަދި އެފަދަ އެގްރީމެންޓެއްގައި ސޮއިކުރުމަށް ސަރުކާރުގެ މައްޗަށް މަޖުބޫރު ކުރާ ނުވަތަ ލާޒިމް ކުރާ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނިކޮށް ސިވިލް ކޯޓުގެ އޭރުގެ ގާޒީ މަރިޔަމް ވަހީދު ވަނީ އެ އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް ހުކުމެއް ކުރައްވައިފަ އެވެ.

އެ މައްސަލައިގައި މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.

އެރަށާ މެދު ގޮތެއް ނުނިމި ހަތް އަހަރު އޮތުމަށްފަހު މިއަދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރެވުމާ ގުޅިގެން ޖާބިރު "ސަން" އަށް ވިދާޅުވީ އެއްބަސްވުމާ ހަމައަށް ދިޔައީ މިހާ ދުވަހު ރަށާ މެދު ގޮތެއް ނުނިންމާ އޮތުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ޖާބިރަށް ދައްކަންޖެހޭ ފައިސާ ނުހޯދާ ގޮތަށް ކަމަށެވެ.

ޖާބިރު ވިދާޅުވީ ދިވެހި ރައްޔިތުންގެ ފައިސާ އަތުލަން ބޭނުން ނުވާ ކަމަށާއި، މިހާރު ސަރުކާރާއެކު އެއްބަސްވެފައި މިވަނީ ދެ ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.

comment ކޮމެންޓް