މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނީ މި ދިޔަ މަހު އެ މިނިސްޓްރީއަށް ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ އެކި ބާވަތުގެ 121 މައްސަލަ މިދިޔަ މަގު ރިޕޯޓްކުރި ކަމަށެވެ.
އޭގެ ތެރެއިން ޖިންސީ ގޯނާގެ 48 މައްސަލަ ރިޕޯޓްކޮށްފައިވާ ކަަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ 43 މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، ގަނާ އަދި ފުރައްސާރަކުރުމުގެ 4 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.
ކުދިން ހައްގުތަކުން މަހްރޫމްކުރުމުގެ 16 މައްސަލަ މިދިޔަ މަހު ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 11 މައްސަލަ، ވެކްސިން ނުދިނުމުގެ 3 މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 2 މައްސަލަ ހިމެނެއެވެ.
ދާދި ފަހުން ފާސްކުރި ކުޑަކުދިންނާ ބެހޭ އާ ގާނޫނުގެ ދަށުން ކުޑަކުދިންނަށް ވެކްސިން ނުދިނުމަކީ ކުށެކެެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 30 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 21 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 9 މައްސަލައެވެ.