ހައްޖު ކޯޕަރޭޝަންގެ މާޗު އުމްރާ ކެންސަލް ކޮށްފި

ދިވެހި ހައްޖާޖީން އެއާޕޯޓުން ނުކުމެގެން އަންނަނީ --- ސަން ފޮޓޯ/ އަބްދުﷲ ހަފީޒް

ކޮވިޑް 19 އާއި ގުޅިގެން ސައުދީ އަށް އުމްރާ އަށް ދިޔުން އެގައުމުގެ ސަރުކާރުން މަނާކުރުމާއެކު ހައްޖު ކޯޕަރޭޝަނުގެ މާޗު މަހުގެ އުމްރާ ކެންސަލް ކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާޗު އުމްރާ ކެންސަލް ވުމާ ގުޅިގެން އުމްރާ ވެރިން އަމަލު ކުރަންވީގޮތް އަންގާނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުގެ އިއުލާނުގައި ބުނީ މެދު އިރުމަތީގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންދާތީ، އެކަމުގެ ސަބަބުން ފެތުރިދާނެ ސިއްހީ ބޮޑު ބަލިމަޑުކަމަކުން ސަލާމަތްވުމަށް ސައުދީ ސަރުކާރުން އެގައުމަށް ދަތުރުކުރުން ވަގުތީގޮތުން މަނާކޮށްފައިވާ ކަމަށެވެ.

ސައުދީ ސަރުކާރާ ހަވާލާދީ އެ ބަޔާނުގައި ބުނީ މިއީ ސިއްހީ އިދާރާތަކާޢ ިދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފާގެ މަތިން ސައުދީ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ސައުދީ ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުމްރާއަށް މީހުން އައުން މިވަގުތަށް މަނާކުރަން ޖެހުނީ، މިދިޔަ އަހަރު ޗައިނާއިން ފެތުރެން ފެށި ކޮވިޑް-19 ވައިރަހުގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެފައި ވާތީ، ސައުދީ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތް ކުރާ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި ކަމަށެވެ. އަދި އެ ފިޔަވަޅު ދެމިގެންދާނެ ވަކި މުއްދަތެއް ވެސް ސައުދީއިން އަދި އިއުލާނެއް ނުކުރެ އެވެ. އަދި ހައްޖުގެ އަޅުކަމަށް ވިސާ ދޫކުރުމާ ގުޅޭ ގޮތުން ވެސް އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން، ބަލި ފެތުރޭ ގައުމުތަކުން ޓޫރިސްޓު ވިސާގައި މީހުން އެތެރެވުން ވެސް ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށް ވެސް ސައުދީ އަރަބިއްޔާއިން ބުންޏެވެ. އަދި މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރުން ވެސް ވަނީ މިހާރު މަނާކޮށްފަ އެވެ.

ކޮވިޑް-19 ގެ ވައިރަސް ޖެހިފައިވާ މީހަކު ސައުދީ އަރަބިއްޔާއިން އަދި ފެނިފައި ނުވި ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 82،166 މީހުންނަށް އެ ބަލި ޖެހި، 2،804 މީހަކު ވަނީ މަރުވެފަ އެވެ. އަދި 32،817 މީހަކު ވަނީ އެ ބަލިން ރަނގަޅުވެސް ވެފަ އެވެ.

އެންމެ ބޮޑަށް އެ ބަލި ފެތުރޭ ގައުމުތަކުގެ ތެރޭގައި ސައުދީއާ އަވަށްޓެރި އީރާން ހިމެނެ އެވެ. އެގޮތުން އީރާނުގައި 139 މީހަކަށް އެ ބަލި ޖެހި، 19 މީހަކު ވަނީ މަރުވެފަ އެވެ. އެކަމާ ގުޅިގެން، އީރާނާ ބޯޑަރުން ގުޅިފައިވާ ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، އެ ގައުމާ އިރާނާ ދެމެދު ކުރަމުން އައި ދަތުރުތައް މެދުކަނޑާލައިފަ އެވެ.

މިފަހުގެ ތާރީހެއްގައި ހައްޖާއި އުމްރާއަށް މީހުން އައުން ސައުދީއިން މުޅިން މަނާކުރީ، މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ކޮވިޑް-19 ވައިރަހުގެ ބާވަތެއް ކަމަށްވާ، މިޑްލްސް އީސްޓް ކޮރޯނާވައިރަސް (މާސް) ފެތުރެން ފެށުމާ ގުޅިގެން ސައުދީއިން ވިސާ ދިނުމުގެ އުސޫލުތައް ވަރަށް ހަރުކަށި ކުރި އެވެ. އެކަމަކު، ހައްޖާއި އުމްރާއަށް މީހުން އައުން މުޅިން މަނާކޮށްފައެއް ނުވެ އެވެ.

ކޮވިޑް-19 ވައިރަހުގެ ނުރައްކާ ޔޫރަޕްގައި ވެސް ބޮޑުވެފައިވާ އިރު، އިޓަލީގައި އެ ވައިރަސް ވަރަށް ބާރަށް ފެތުރޭތީ ބައެއް ސަރަހައްދުތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މާޗު އުމްރާ ކެންސަލް ވުމާ ގުޅިގެން މާދަމާ ބޭއްވުމަށް ނިންމާފައިވާ ބައްދަލުވުންވެސް ކެންސަލް ކުރެވިފައިވާ ކަމަށެވެ.

މާޗު މަހު ލިބޭ މިޑް ޓާމް ބްރޭކާ ދިމާކޮށް އާއިލާތަކާޢި ކިޔަވާކުދިން އުމްރާ އަށް ދެއެވެ. ނަމަވެސް އުމްރާ އަށް މީހުން ދިޔުން މަނާ ކުރުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ބުނީ މިއަހަރު ރާއްޖެއިން މީހުން އުމްރާ އަށް ގެންދިޔުމަށް 31 ގްރޫޕަކަށް ހުއްދަ ދީފައިވާ ކަމަށެވެ.

ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން ސައުދީ ސަރުކާރުން އެޅި ފިޔަވަޅުތަކާ ބެހޭ މައުލޫމާތު އެގައުމުގެ ރަސްމީ އިދާރާއަކުން އެ މިނިސްޓްރީއާ އަދި ހިއްސާކޮށްފައި ނުވާ ކަމަށެވެ.

comment ކޮމެންޓް