އަންހެނެއްގެ ކޯތާފަތް މަތީ ޖެހި މީހަކު 200 ރުފިޔާއިން ޖޫރިމަނާކޮށްފި

ލ. މާމެންދޫ -- ފޭސްބުކް ފޮޓޯ

މީގެ އަށް އަހަރު ކުރިން އަންހެނެއްގެ ކޯތާފަތް މަތީ ޖަހައި މާރާމާރީ ހިންގި ފިރިހެނަކު 200 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ މާރާމާރީގެ މައްސަލައެއްގައި ޖޫރިމަނާކޮށްފައި ވަނީ ލ. މާމެންދޫ/ ހުދުފަސް، އަހްމަދު އިނާޒު އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު އެވެ.

އޭނާއާ ދެކޮޅަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 15 ނޮވެމްބަރު 2011 ދުވަހުގެ ރޭ 8:00 އެހާކަން ހާއިރު، މާމެންދޫ ބޯޅަދަނޑުގައި އަންހެނަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި، އިނާޒް އެ އަންހެން މީހާގެ ކޯތާފަތްމަތީގައި އެއް ފަހަރު ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އެ ދައުވާއާ ގުޅިގެން ބޭއްވި އިބްތިދާއީ އަޑުއެހުމާއި، ޝަރީއަތުގެ މަޖިލީހުގައި ވެސް އިނާޒް ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ.

އެހެންކަމުން މައްސަލައިގައި އިނާޒުގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ހުކުމްކޮށްފައި ވަނީ އޭނާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށެވެ.

ކުށުގެ އުގޫބާތެއްގެ ގޮތުން އިނާޒް 200 ރުފިޔާއިން ޖޫރިމަނާކޮށް، ތިން ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ ހަލާސްކުރަން، މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ކުރެއްވި ހުކުމްގައިވެ އެވެ.

comment ކޮމެންޓް