އީޓުކުރިން ގަންނަ މުދާ ހިލޭ ހޯދުމުގެ ފުރުސަތު

"އީ ޓުކުރި" މެދުވެރިކޮށް ގަންނަ މުދާ ހިލޭ ލިބޭނެ ޕްރޮމޯޝަނެއް ---

މޯލްޑިވްސް ޕޯސްޓުގެ އޮންލައިން ޕްލެޓްފޯމު "އީ ޓުކުރި" މެދުވެރިކޮށް ގަންނަ މުދާ ހިލޭ ލިބޭނެ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.

މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ މުއްދަތުގައި އީޓުކުރި މެދުވެރިކޮށް މުދާ ގަންނަ ހުރިހާ ކަސްޓަމަރުންނަށް ވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވޭ ފަރާތް ސޯޝަލް މީޑިއާގައި އާންމު ކުރާނެ ކަމަށާއި، ނަސީބުވެރިޔާ މުދާ ގަތުމަށް ހޭދަކުރި ފައިސާ އޭނާ އަށް އަނބުރާ ލިބޭނެ ކަމަށެވެ.

އީ ޓުކުރި އަކީ އޮންލައިން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްލެޓްފޯމެކެވެ. އީޓުކުރި ޕްލެޓްފޯމުގައި ވިޔަފާރިތައް ރަޖިސްޓަރީކުރާ ހިސާބުން ފެށިގެން މުދަލުގެ މައުލޫމާތު ވެބްސައިޓަށް އަޕްލޯޑު ކުރުމާއި އިސްތިހާރުކުރުމަށްވެސް އީ-ޓުކުރި ޓީމުގެ އެހީތެރިކަން ލިބޭނެ އެވެ. މި ޕްލެޓްފޯމުގައި ހިލޭ ރަޖިސްޓަރީ ކުރެވޭނެ އެވެ.

އީ ޓުކުރި ޕްލެޓްފޯމު ޑިޒައިންކޮށްފައި ވަނީ އޮންލައިން ވިޔަފާރިއެއް ހިންގުމަށް ބޭނުންވާ މައިގަނޑު ބައިތައް ހިމަނައިގެންނެވެ.

މި ޕްލެޓްފޯމުން އިސްތިހާރު ކުރުމުގެ އިތުރުން މުދާ އުފުލުމާއި ތަންތަނަށް ގެންގޮސްދިނުމުގެ ހިދުމަތް ދެއެވެ. އަދި މި ޕްލެޓްފޯމްގައި ގާއިމްކޮށްފައިވާ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ހުރިހާ ވިޔަފާރި މުއާމަލާތްތަކަށް ރިއަލް ޓައިމްގައި ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބެއެވެ.

އީޓުކުރި ލޯކަލް އަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ އިތުރުން އީޓުކުރި އިންޓަނޭޝަނަލް މެދުވެރިކޮށް ކުރާ ވިޔަފާރިތަކަށް 25 ޕަސެންޓުގެ ޝިޕިންފީ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށައިފައެވެ. މިއީ އެމެޒޯން ފަދަ ޕްލެޓްފޯމުތަކުން ގަންނަ މުދާ ފަސޭހަކަމާއެކު ރާއްޖެ ޑެލިވަރީ ކުރުމަށް ހާއްސަ ޕްލެޓްފޯމެކެވެ.

comment ކޮމެންޓް