ޑޯޒް ހަމަނުކުރާ އެންމެނަށް ހިމަބިހި ވެކްސިން ދޭން ކެމްޕެއިނެއް ފަށައިފި

"މަވެސް ޖަހައިފިން" ނަމުގައި މިއަދު އަމީނިއްޔާ ސްކޫލުގައި ފެށި ކެމްޕެއިންގެ ތެރެއިން --- ސަން ފޮޓޯ : ފަޔާޒު މޫސާ

ރުބެއްލާ އަދި ހިމަބިހީގެ ޑޯޒް ހަމަނުކުރާ ހުރިހާ އެންމެނަށް އަމާޒުކޮށްގެން ގައުމީ ފެންވަރުގައި ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

"މަވެސް ޖަހައިފިން" ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިއަދު އެ ކެމްޕެއިން ފަށާފައި ވަނީ އަމީނިއްޔާ ސްކޫލުގަ އެވެ. އެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވާފައި ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

އެ ކެމްޕެއިންގެ ދަށުން ހިމަބިހި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައި ނުވާ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް ވެކްސިން ޖެހުމުގެ ފުރުސަތު މިއަދުން ފެށިގެން ލިބިގެންދާނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ކެމްޕެއިން އަތޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެ އެވެ.

"މަވެސް ޖަހައިފިން" ނަމުގައި ކުރިއަށްދާ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ

ވެކްސިން ޖެހުމަށް ވަކި އުމުރު ފުރައެއް އިސްތިސްނާ ނުވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ މިއަދު ފެށި ކެމްޕެއިން އަކީ ސްކޫލުތަކުގެ ދަރިވަރުންގެ އިތުރުން ވަޒީފާތަކުގައި އުޅުއްވާ ފަރާތްތަކުގެ އިތުރުން އެހެން ހުރިހާ ފަރާތްތަކަށް ވެސް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ވެކްސިން ޖެހުމުގެ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

"ވެކްސިން އަކީ އެތައް ބަލިމަޑުކަންކަމުން ރައްކާތެރިކޮށްދިނުމަށް އެންމެ މުހިއްމު އެއް ވަސީލަތް،" މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގައި އެންމެ ނުރައްކާތެރިކަން ބޮޑު ބަލިތަކަކީ މިހާރު ގައިން ގަޔަށް އަރާ ބަލިތައް ނޫން ކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުން މުހިއްމު ކަމަށެވެ. އަދި އެފަދަ ބަލިތަކުން ރައްކާތެރިވުމަށް ޓަކައި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި ކަސްރަތުކުރުން މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލިފަހުން ޖެނުއަރީ މަހުގައި ވަނީ ހިމަބިހީގެ ފުރަތަމަ ކޭސް އެއް ފެންމަތިވެފަ އެވެ. ހެލްތު މިނިސްޓްރީއިން ދާދިފަހުން އާންމުކުރި ގޮތުގައި އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 12 އަށް އަރައިފަ އެވެ.

comment ކޮމެންޓް