ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ސީއީއޯގެ މަގާމަށް ހުޅުވާލައިފި

ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެސްޑީއެފް

ސާކް ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެސްޑީއެފްގެ މެންބަރު ގައުމުތަކަށް، މި މަގާމަށް ކުރިމަތިލުވުމުގެ ފުރުސަތު ހުޅުވާލައިފާކަން އެ ފަންޑުން އަންގާފައިވާ ކަމަށެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 23 ގެ ކުރިން އެޕްލިކޭޝަން ފޯމު އެސްޑީއެފް އަށް އީމެއިލް ކުރަން ޖެހެއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތައް ބައިވެރިވާ ޖަމްއިއްޔާ، ސާކުގެ ފައިނޭންޝަލް އިންސްޓިޓިއުޝަންގެ ގޮތުގައި ހަރަކާތްތެރިވާ އެސްޑީއެފް އުފެދުނީ 2005 ވަނަ އަހަރުއެވެ. މެންބަރު ގައުމުތަކުގައި އިގްތިސޯދީ، އިޖުތިމާއީ އަދި އިންފްރާސްޓްރަކްޗާގެ މަޝްރޫއުތައް ހިންގުމަށް އެ ފަންޑުން އެހީތެރިކަން ފޯރުކޮށްދެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތަކީ ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ އިސް މަގާމެއްގައި 15 އަހަރު ހޭދަކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ. ފައިނޭންސް ނުވަތަ ވިޔަފާރި ނުވަތަ އިގްތިސާދީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަށް ހާއްސަ މި މަގާމަށް ކުރިމަތިލާ ފަރާތްތަތަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އުމުރުން 55 އަހަރު ފުރޭނެ މީހަކަށް ވެގެން ނުވާނެއެވެ.

މަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި މަހަކު ހަ ހާސް އެމެރިކާ ޑޮލަރު ލިބޭއިރު، ބޫޓާނުގައި ގާއިމްވެގެން ހުރެ އަދާކުރަން ޖެހޭ މި ވަޒީފާގެ މުއްދަތުގައި ހުރުމާއި ކެއުން އަދި އެހެން އިނާޔަތްތައް ވެސް ލިބޭނެއެވެ.

ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ސީއީއޯގެ މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ. އަލަށް ހޮވޭ ސީއީއޯ މަގާމާ ހަވާލުވާންޖެހޭނީ މި އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ.

މިހާރު އެ ފަންޑުގެ ސީއީއޯގެ މަގާމުގައި ހުންނެވީ ޑރ. ސުނިލް މޯތީވާލް އެވެ.

comment ކޮމެންޓް