އާންމުކޮށް އެކްސްޕޯތައް ބާއްވަނީ ވަކި ދާއިރާއަކަށް އަމާޒުކޮށްގެންނެވެ. ނަމަވެސް، ދަރުބާރު ގޭގައި މިހާރު ކުރިއަށްދާ، ބިޒްނަސް އެކްސްޕޯ ތަފާތުވާ ސަބަބަކީ، މިއީ ހުރިހާ ދާއިރާއަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެކްސްޕޯއަކަށް ވާތީ އެވެ.
އާދީއްދަ ދުވަހު ދަރުބާރުގޭގައި ބިޒްނަސް އެކްސްޕޯ ފެށީ 60 އަށް ވުރެ ގިނަ ކުންފުންޏާއެކު އެވެ. ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކާ ވެސް އެކު އެވެ. ވަކި ދާއިރާއެއް ވެސް ކިޔާނެ ކަމެއް ނެތެވެ. އެއާލައިންތަކާއި މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކެވެ. އިންޝުއަރެންސް ކުންފުނިތަކާއި ހޯލްސޭލް ދާއިރާގެ ކުންފުނިތަކެވެ.
ބިޒްނަސް އެކްސްޕޯ އިންތިޒާމު ކުރާ އޯކާ މީޑިއާ ގުރޫޕުގެ މެނޭޖަރު އަހްމަދު ނާސިރު ވިދާޅުވި ގޮތުގައި މިއީ ކުދި ވިޔަފާރިތަކާ ބޮޑެތި ވިޔަފާރިތައް އެއް ތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކޮށްލެވޭނެ އެންމެ ރަނގަޅު ޕްލެޓްފޯމު ކަމަށެވެ.
ގިނަ ދާއިރާތަކެއްގައި ހަރަކާތްތެރިވާ ކުންފުނިތައް މި އެކްސްޕޯގައި ބައިވެރިވިއިރު، ނާސިރު ވިދާޅުވީ ހުރިހާ ކުންފުނިތައް ވެސް ހުންނަނީ ކޮންމެވެސް ގޮތަކުން އެއް ކުންފުނި އަނެއް ކުންފުންޏާ ގުޅިފައި ކަމަށެވެ.
"ކޮންމެ ކުންފުންޏަކީ ވެސް އެހެން ކުންފުންޏެއްގެ ކަސްޓަމަރެއް. އަމާޒަކީ މި ކުންފުނިތައް ނެޓްވޯކް ކޮށްލާނެ ޕްލެޓްފޯމެއް ގާއިމުކޮށްދީ، ކުންފުނިތައް ކަނެކްޓު ކޮށްދިނުން." ނާސިރު ވިދާޅުވި އެވެ.
ބިޒްނަސް އެކްސްޕޯގެ ތެރެއިން ހަތަރު ދާއިރާއަކަށް ހާއްސަ ސަމިޓުތަކެއް ކުރިއަށްގެންދެ އެވެ. އެއީ؛
- މޯލްޑިވްސް ވިމެންސް ސަމިޓް.
- މޯލްޑިވްސް ޓޫރިޒަމް ޕްރޮފެޝަނަލްސް ސަމިޓް.
- މޯލްޑިވްސް އޮންޓްރޮޕްރެނާސް ސަމިޓު.
- މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ.
ވިމެންސް ސަމިޓުގައި މައިގަނޑު ގޮތެއްގައި ގެނެސްދެނީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ކާމިޔާބު އަދި ތަޖުރިބާކާރު އަންހެނުންގެ ވާހަކަތަކެވެ. ކާމިޔާބަށް ވާސިލުވުމުގައި އެމީހުންނަށް ދިމާވި ދަތިތަކާއި އެ ދަތިތަކުން އަރައިގަތް ގޮތަށް އަލިއަޅުވާލާނެ އެވެ.
ޓޫރިޒަމް ޕްރޮފެޝަނަލްސް ސަމިޓުގައި ފަތުރުވެރިކަމުގެ ދާއިރާ މިހާރު އޮތް ހާލަތާއި ކުރިމަގު އޮންނާނެ ގޮތުގެ ތަސައްވުރެއް ގެނެސްދޭނެ އެވެ.
އޮންޓްރޮޕްރެނާސް ސަމިޓުގައި ގެނެސްދޭނީ ދާއިރާގައި ކާމިޔާބު ހަ ފަރާތެއް، ސުމަކުން ފެށިގެން ކާމިޔާބީއަށް ވާސިލުވި ގޮތުގެ ވާހަކަ އެވެ.
އެންމެ ފަހު ސަމިޓެއްގެ ގޮތުން ބާއްވާ ފައިނޭންސް ޕްރޮފެޝަލްސް ސަމިޓަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފައިނޭންސް އިންޑަސްޓްރީ (މަފީ)އާއި ގުޅިގެން ބާއްވާ ސަމިޓެކެވެ. މި ސަމިޓުގައި ކުންފުނިތަކަށް މާލީ އެހީ ހޯދާނެ ގޮތާ ބެހޭގޮތުން ތަޖުރިބާކާރުން މައުލޫމާތު ހިއްސާ ކުރައްވާނެ އެވެ.
ނާސިރު ވިދާޅުވީ މި ސަމިޓުތަކުގައި ވާހަކަ ދައްކަވާނީ އެ ދާއިރާތަކުގެ ތަޖުރިބާކާރުން ކަމަށާއި އެހެންކަމުން މިއީ އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށް މުހިންމު ސަމިޓުތަކަކަށް ވެގެންދާނެ ކަމަށެވެ.
"މި ސަމިޓުތައް ޔުނިވާސިޓީތަކުގައި ކިޔަވާ ކުދިންނަށް ވެސް ވަރަށް މުހިންމު ވާނެ. އެ ކުއްޖަކު ކިޔަވާ ދާއިރާއެއްގެ ތަޖުރިބާކާރުންގެ ތަޖުރިބާތައް ނޮލެޖަށް އެޑްކޮށްލަން ވަރަށް ރަނގަޅު ފުރުސަތެއް މިއީ." ނާސިރު ވިދާޅުވި އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ބިޒްނަސް އެކްސްޕޯ ފެންނަނީ ވަރަށް ވެސް ކުލަގަދަ ކޮށެވެ. ނާޝިރު ވިދާޅުވި ފަދައިން 60 އަށްވުރެ ގިނަ ކުންފުނިތަކުގެ ސްޓޭންޑުތަކުން ދަރުބާރުގޭގެ ހަތަރު މާލަން އޮތީ ފުރާލާފަ އެވެ.
"އަޅުގަނޑުމެން އެކްސްޕެކްޓު ކުރަން 3،000 އަށްވުރެ ގިނަ މީހުން ބިޒްނަސް އެކްސްޕޯއަށް ވިޒިޓު ކުރާނެ ކަމަށް." ނާސިރު ވިދާޅުވި އެވެ.