ނިރުބަވެރިޔާ - ފުރަތަމަ ބައި

އައިޝާ ނަސީމްގެ ނިރުބަވެރިޔާ--

﷽‎

ފެބްރުއަރީގެ ހިތްގައިމު ދުވަހެކެވެ. ކުދި ކުދި ސްނޯގެ އެތިކޮޅުތައް ފަޒާގައި ކަފަކޮޅުތައްހެން ވިހުރެމުން ނަށަމުންގޮސް ބިންމަތީގައި ޖެހި އެއްވެލައެވެ. މާހައުލުގައިވާ ގަދަ ފިނިކަމާއެކުވެސް އެތައް ބަޔަކު ޕާކަށް އެއްވަމުން ދިޔައީ މިއުޒިކް ޝޯއެއް ބަލައިލުމަށެވެ. މާޒިންއާއި ލޯބިވެރިޔާ މީރާ ލަންޑަނުގައި ޗުއްޓީ ހޭދަކުރާތާ ދުވަސްކޮޅެއްވެއްޖެއެވެ. އޭނަ ނިންމާފައިވަނީ މިރޭ ޚާއްސަ ގޮތަކަށް ކައިވެންޏަށް އެހުމަށެވެ. ދެމީހުން ރައްޓެހިވެގެން އުޅޭތާ ތިން އަހަރުވެފައިވާއިރު ދުނިޔޭގެ އެތަން މިތާގައި ކިތަންމެ ފަހަރު ޗުއްޓީ ހަދާލާ ޕާޓީކޮށްލާފައި ވެއެވެ. މީރާގެ އިންސްޓަގްރާމާއި އެފްބީ އަދި ވައިބާ ފަޅުފިލުވާފައިވަނީ އެދެމީހުންގެ ރީތި ފޮޓޯތަކުންނެވެ. އެތައް ލައިކްސްއާއި ކޮމެންޓްތައް ލިބިފައިވާއިރު އެތައް އަންހެންކުދިންނެއްގެ ހަސަދައިގެ އަމާޒުފަތްގަނޑަކަށް މީރާވެފައިވިއެވެ. މާޒިން ނުލިބިގެން ހިތާމަ ކުރެއެވެ. އެއީ އެންމެންގެ އައިޑަލްއެވެ. އެންމެނަށް އެންމެ ކަމުދާ މަޝްހޫރު އެއް ޖޯޑެވެ. އެހާ ގުޅެއެވެ. ތައުރީފުތައް ކޮޅުން ނުލައެވެ.

މިއުޒިކްޝޯ ތެރޭގައި ޒުވާނުން މަސްހުނިވެ ސަކަރާތް ޖެހުމުގައި ވަރުބަލިކަމެއްނެތި ތިބިއިރު ދުނިޔޭގެ އެހެން ކަމެއް ހަދާނެއް ނެތެވެ. މިއުޒިކާއި އެއްވަރަށް ހަށިތަކަށް ބާނި ލައްވަމުންދާ ޒުވާން ރީތި އަންހެންކުދިންތަކުގެ ހުނުން މިއިޒުކް ތެރެއަށް ގެނބިގެން ހިނގައިދެއެވެ. ބައެއް ޖޯޑުތައް މަސްތު ހާލަތުގައެވެ. ގައިގޯޅިކަމުގެ ހައްދެއް ނެތެވެ. އެ އުފާވެރި މެހެފިލް ރޫޅައިލީ ކުއްލިއަކަށް އެތަނަށް ވަދެގަތް އުޅަދުތަކުންނެވެ. ނުރައްކާތެރި ހަމަލާއެއްގެ އަމާޒަކަށް ވަނީކަން އެނގި ހަޅޭއްފަޅޭއް ޖަހައިގެންފާ އެކި ދިމާލަށް ދުއްވައިގަތް ޒުވާނުން ފުޑާލީ ބަރު ފުރޮޅުތަކުގެ ދަށުގައެވެ. އަދި ފިލަން ދުވިމީހުންގެ ގަޔަށް ރައިފަލްސްގެ ވަޒަންތައްވެސް އޮއްސާލައިފިއެވެ. މިހާރު މިއުޒިކްގެ ބަދަލުގައި އިވެނީ ޒަޚަމްވެފައިވާ އިންސާނުންގެ ރުއިމާއި ކުކުރުމުގެ އަޑެވެ. ބައެއް ހިތްވަރުގަދަ މީހުން ޒަޚަމްވެ ބިންމައްޗަށް ވެއްޓެމުންދާ އެކުވެރިންނަށް އެހީވުމުގައެވެ. މީރާއާއި މާޒިންވެސް އުޅަދުން ޖެހި ޒަޚަމްވި މީހުން ތެރޭ ހިމެނުނެވެ.

"މައިގޯޑް...މަގޭ ލޯބި.........." މާޒިންގެ ހިތް ފަޅައިގެންދާވަރުވިއެވެ. މީރާގެ ފިޔާތޮށިކުލަ އަރާފައިވާ މޫނު ހުދު ކަފަކޮޅެއްހެންވެ ލޮލުގެ ނޫރު ކެނޑެމުން ދިޔަގޮތުން މާޒިންގެ ހިތް ބިރުގަންނަވާލައިފިއެވެ. ކޮންމެވެސް މީހަކު އެހީވާށޭ ކިޔާފައި މާޒިންއަށް ހަޅޭއްލަވައިގަނެވުނެވެ.

"ޒިން. އަހަންނަށް ނޭވާ ނުލެވޭ... ލޮލަށް ފުސްވަނީ" މީރާ އުދަގުލުން ވާހަކަދައްކަން މަސައްކަތްކުރިއެވެ. މީރާ ތެދުކުރަން އުޅެފައިވެސް އެޚިޔާލުދޫކޮށްލިއެވެ. އެކްސިޑެންޓެއްވުމުން ލިބިފައިވާ ގެއްލުން ނޭގެނީސް ބަލިމީހާ ގުޑުވާލައިގެން ނުވާނެއެވެ.

"މީރާ. މީރާ. ޖަސްޓް ބީ ވިތް މީ އޯކޭ.....ވަރަށް އަވަހަށް އެހީ އަންނާނެ..." މާޒިން މީރާގެ ގަނޑުފެންކޮޅެއްފަދަ އަތުގައި ހިފާ ތަޅުވައިގަތެވެ. މެރެމުން ދިޔަ ލޯ ހުޅުވަން މަސައްކަތްކުރިއެވެ. އޭނަ މީރާގެ ނިތުގައި ބޮސްދިނެވެ. ލޯބިވެރިޔާގެ ހަޔާތުގެ އުއްބައްތި ނިވެމުންދާކަން އިހުސާސްވެ އަމިއްލަ ނަފުސާއިމެދުވެސް އޭނައަށް ވިސްނައެއް ނުލެވުނެވެ. އޭނަގެ ހަށިގަނޑުގައި އަޅަމުންދާ ވޭނަށްވުރެ މީރާގެ ވޭން އިހުސާސްކުރެވުނެވެ.

ކޮންމެވެސް ބަޔަކު މާޒިންއާއި މީރާއާއި ދިމާލަށް ދުވެފައި އަންނަކަން މާޒިންއަށް ކިރިޔާ ހެކަ އެޅިކަމެވެ.

"ސަން އާ ޔޫ އޯކޭ؟ " އޯގާތެރި އަޑެއް ކަންފަތުގައި ޖެހުނެވެ. ޖަވާބެއްދޭން އުޅުނަސް ތުންފަތް ހަރަކާތެއް ނުކުރިއެވެ. އެއާއެކު ހެޔަށްގޮތެއްވެ ވަށައިގެންވާހާ ތަނެއް އަނދިރިކަމުގެ ތެރެއަށް ގެނބިއްޖެއެވެ.

***

މާޒިން ހޭލެވުނުއިރު އޭނަ އޮތީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މެޝިންތަކުގެ ބީޕްއަޑާއިއެކު އޭނަގެ ގައިގާ ހޮޅިތަކާއި ފާޑުފާޑުގެ އެއްޗެހި ގުޅާފައެވެ. ބޮލަށް ބަރުވެ ހަށިގަނޑުގައި ރިހުމެއްގެ އަސަރުވިއެވެ. ތުންފަތްވެސް ހިކިފައެވެ.

"ތޭންކް ގޯޑް މަންމަގެ މާޒިން................." މަންމަ ސުކައިނާ އިނީ އޭނަގެ އަތުގައި ހިފަހައްޓާލައިގެންނެވެ.

"މަންމާ...މީރާ. އިޒް ޝީ....... " މާޒިންއަށް ވަށައިގެން ހޯދާލެވުނެވެ. ސުކައިނާގެ މޫނަށް ވެރިވި ކުލަވަރުން މާޒިންއަށް ތަރުޖަމާ ކުރެވުނީ އެންމެ އެއްޗެކެވެ. މަންމަގެ ހިމޭންކަމަކީ ޖަވާބެކެވެ.

"ޑޭމް...." މާޒިންގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

"އިސްލާމިކް ސްޓޭޓްގެ ޓެރަރިސްޓުންގެ ހަމަލާއެއްގެ ވިކްޓިމްއަކަށް މީރާވެސް ވެއްޖެ. އެކަމަކު އެ ޓެރަރިސްޓުންނަށް ކާމިޔާބެއް ނުލިބުނު. ދޭ އާ ޕްރޮބަބްލީ އިން ހެލް ރައިޓް ނައު. އެނޫން ކޮންތާކަށް އެކަހަލަ އިންސާނުން ދާނީ. އިނޮސެންޓް ފުރާނަތަކެއް ނުހައްގުގޮތުގައި ދުއްވާލީ. އުފާކޮށްލަން ތިބި ޒުވާންކުދިންތަކަކަށް ފިލުވައިލި ހަސަދައަކާއި މަންމައަށް ވައްތަރުވީ. އަހަރެމެން މުސްލިމުންނަށް ވީތީ ލަދުގަންނަ ހިސާބަށް ހިގައްޖެ......" ސުކައިނާ މާޒިންގެ ނިތްކުރީގައި ބޮސްދިނެވެ.

***

ނިރުބަވެރި ހަމަލާގެ ޚަބަރާއެކު ރައީސް އަހުމަދު މައިމޫން ދަރިންކަމަށްވާ ޖިބްރީލް އަދި އަރްސަންވެސް ވަގުތުން ލަންޑަނަށް ފުރިއެވެ. އޭރުވެސް ސުކައިނާއާއި ރާހިލްވީ ލަންޑަނުގައެވެ. މާޒިން އައިސީޔޫގައި އޮތް ދެދުވަހު އޭނަގެ ބައްޕައާއި މަންމަގެ ލޮލުން ކަރުނަ ނުހިކެއެވެ. ނޫސްތަކުގެ ފަލަސުރުޚީގައި އެނޫން ޚަބަރެއްނެތެވެ. ތިންވަނައަށް ވީ ދުވަހކު މާޒިން ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްލައިފިއެވެ. މާޒިން އޮތް ކޮޓަރިއަށް ވަދެފައި ރައީސް ގުދުވެފައި ދަރިފުޅުގެ ގައިގާ ބައްދައިލިއެވެ. މާޒިންގެ ބޭބެމެންނާއި ކޮއްކޮވެސް އޭނަގެ ހާލު އޮޅުން ފިލިވިއެވެ. ނަމަވެސް މާޒިން އޮތީ ބަސްމަދުވެފައެވެ. ދެރަވެ ރުޅިވެސް އައިސްފައެވެ. ބިއްލޫރި ދޮރުން ބޭރަށް ބަލަން އޮތްއިރު ސްނޯ ވެހޭތަން ފެނުނެވެ. އެލޯ ކަރުނުން ފުރުނެވެ.

"ދޭ ހާޓް ހާ ބޭޑްލީ....." މާޒިންގެ ހިތް އަދިވެސް މީރާ އޭނައާއި ވަކިވެ ދިޔަކަން ގަބޫލުކުރަން ތައްޔާރެއް ނޫނެވެ.

"ބީ ސްޓްރޯންގް ދަރިފުޅާ..." މައިމޫން ތަކުރާރުކޮށް ބުނަމުން އިސްތަށިގަނޑުގައި ބޮސްދިނެވެ.

***

މީރާގެ ޖަނާޒާއޮތީ އިސްލާމީ އާދަކާދައާއި އެއްގޮތްވާ ގޮތަށެވެ. ވަޅުލާން ގެންދެވުނީ އިސްލާމީ ގަބުރުސްތާނަށެވެ. ޖިބްރީލް މާޒިން އިން ފުރޮޅުލީ ގޮނޑި ދުއްވަމުންގޮސް ކޮނެފައިވާ ވަޅުގަނޑު ކައިރީ މަޑުކޮށްލިއެވެ. މާޒިންގެ ހިތް ކުދިކުދިވާ ވަރުވިއެވެ. އޭނަ މީރާއަށް ދޭން ގަތް އަނގޮޓިވެސް އޮތީ އަތުތެރޭގައެވެ. އަނިޔާވެރިން ރަހުމެއްނެތި އޭނައާއި ލޯބިވެރިޔާ އަބަދަށްޓަކާ ވަކިކޮށްފިއެވެ. މީރާ ދެން ދުވަހަކުވެސް ނާންނާނެއެވެ.

"އައި ވިލް އެވެންޖް ޔޫ. އައި ޕްރޮމިސް ބޭބީ"

"ގުޑް ބައި މައި ލަވް......" މާޒިން ފަސްމުށް ޖެހިއިރު އަތުގައި އޮތް އަގުބޮޑު ޖަވާހިރު ގަޑިވެސް ސަންދޯކު މައްޗަށް އެއްލާލައިފިއެވެ. އޭނަގެ ހަޔާތަށް ދެން ދުވަހަކު އަލިކަމެއް ނާންނާނެއެވެ. އޭނަގެ ހަޔާތުގެ ހުޅުކޮޅަކީ މީރާއެވެ. މީރާގެ ބޭބެ މަހުދީގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. މަންމައާއި ބައްޕަ ޝޮކެއްގައެވެ. ޖަވާހިރެއްފަދަ ދަރިފުޅު އަބަދަށްޓަކާ ވަކިވެދިޔައީކަމުގައި ގަބޫލުނުކުރެވިފައެވެ. އަދި އާއިލާގެ ގިނަ މެމްބަރުން ރޮމުންދާ މަންޒަރު ދެކުނު މީހެއްގެ ހިތަށް އަސަރުކުރުވާނެއެވެ.

މީރާއަކީ މުއްސަދި މަހުޖަނެއްގެ ދަރިއެކެވެ. އުޅެބޮޑުވީ ގަނޑުވަރެއްފަދަ ގެއެއްގައެވެ. ދުއްވަނީ އަގުބޮޑު ކާރެވެ. ތައުލީމު ހާސިލުކުރަމުން ދިޔައީ ޑޮކްޓަރަކަށް ވުމަށެވެ. ހެދުން އެޅުމުގައި އެހެން އަންހެންކުދިން މިސާލެއްގެ ގޮތުގައި ދެކެއެވެ. އަގުބޮޑު ސްޓައިލިޝް ހެދުމާއި ގަހަނާތަކާއި ބޫޓުތަކުން ކްލޯޒެޓް ފުރިފައެވެ. މުޅި ދުނިޔެ ކުޑަކޮށްލާފައި މީރާ އުދުހުނެވެ. ނަމަވެސް މަރުގެ ވަގުތަކީ ކޮންއިރަކު ކިހިނެއް އަންނާނެ ވަގުތެއްކަން އެނގޭނެ އެއްވެސް މަޚުލޫގެއް ބިންމައްޗަކު ނުވެއެވެ. ޒުވާންކަމާއި ސިއްހަތު އަދި އުފާވެރިކަން ހަމަވިޔަސް ދިމާވާނެ ހާދިސާއެއް އެނގެނީއެއް ނޫނެވެ. ދެރައީ މީރާއަށް ތައްޔާރު ނުވެވުނުކަމެވެ. އޭނައަށް ދެއްވިހާ ނިއުމަތްތައް ވަކިވެ ވެލީގެ ދާނުގައި އަބަދަށްޓަކާ ނިދާލަން ޖެހުނީއެވެ. ހަމައެކަނި ހަށިގަނޑު ނިވާކޮށްލަން ބޭނުންކުރި ހުދު ފޮތިގަނޑަކާއެކުގައެވެ.

***

ލަންޑަނުން މާލެ އަންނަންވެގެން ރާހިލް ފްލައިޓަށް އެރިއިރު ކޮންމެވެސް ވަރަކަށް މޫނުމަތިން ވަރުބަލިކަމުގެ އަސަރުތައް ފެނެއެވެ. ބިޒިނަސް ކްލާހުގެ ބޮޑު ސީޓުގައި ހަމަޖެހިލިތަނާ ކައިރީގައި އިށީންނަން އައީ ޒުވާން ދަތުރުވެރިއެކެވެ. އޭނަގެ މޫނަށް ބަލާފައި ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ތުނބުޅިއެވެ. އޭނަ އަތްދަބަސް ކެބިންއަށް ލުމަށްފަހު ރާހިލްއަށް ބަލާލާފައި ހިނިތުންވެލިއެވެ. ތުނބުޅި މަތިމަސް ހުރުމުން ވަގުތުން ނިރުބަވެރި އެކޭ ހިތަށް އަރާފައި ރާހިލްގެ ތަބީއަތު ޚަރާބުވާން އުޅުނެވެ. އޭނަގެ ބޭބެގެ ލޯބިވެރިޔާ ދުނިޔެއާއި އަބަދަށްޓަކާ ވަކިވެ ދިޔައީ އެފަދަ ނިރުބަވެރި ހަމަލާއެއްގައެވެ. މާޒިންވެސް ކިރިޔާ ސަލާމަތްވިކަމެވެ. ދުނިޔޭގައި ހުރިހާ ހިނދަކު އޭނަ މި ހަރުކަށި މީހުންނަށް މާފެއް ނުދޭނެއެވެ.

"އައްސަލާމް އަލައިކުމް.." އެ ޒުވާނާ އިސްވެ ސަލާމްކުރިއެވެ. ރާހިލް އަޑުއިވުނުކަމަށް ނަހަދާ ފޯނުން އެކުވެރިއަކަށް ގުޅައިގެން ވާހަކަދައްކަން ފެށީ މި ޒުވާނާގެ ފަރާތުން ސަލާމަތްވުމަށެވެ. އޭނަގެ އެކުވެރިންގެ ގޮތުގައި ކީއްކުރަން ދަންނަ މީހުންގެ ތެރޭވެސް ދީނީ މީހަކު ހުންނާކަށް ރާހިލް ނޭދެއެވެ.

ސަލާމުގެ ޚާއްސަކަމާއި އެކަމުގައި ހުރި ބަރަކާތްތެރިކަމެއް ރާހިލްއަކަށް އެނގޭނީ ކިހިނެއްހެއްޔެވެ؟ ކުޑައިރުއްސުރެ އުޅެ ބޮޑުވީ ބޭރުގެ ގައުމުތަކުގައެވެ. އޭނައަށް ދީނާއި ބެހޭގޮތުން އެނގެނީ ކުޑައިރު މާމަގެ ފަރާތުން ދަސްވި އެއްޗެކެވެ. އެވެސް ހަދާނެއްނެތެވެ. މުސްލިމެއްގެ ނަމުގައި ހުރިކަމެވެ. ސަޖިދަޖެހި ހަދާނެއް ރޯދައެއް ހިފި ހަދާނެއް ނުވެއެވެ. ދީންދެކެ ފޫހިނުވިޔަސް އޭނަ ދީނީ މީހުންނަށް ނަފްރަތުކުރެއެވެ. ދުނިޔޭގައި ލެއްވިހާ ނުބައިކަމެއްގެ އަސްލަކީ އޭނަދެކޭ ގޮތުގައި މުސްލިމް ހަރުކަށި ފިކުރުމީހުންނެވެ.

ރާހިލް ލޮލުގައި މާސްކު އަޅައިގެން ހަމަޖެހިލީ ނިދުމަށެވެ.

ނިދައިލެވުނީ ކިހާ އިރެއްވާންދެން ކަމެއް އޭނައަކަށް ނޭގުނެވެ. ސިހިފައި ހޭލެވުނުއިރު ފްލައިޓް ޓާބިއުލެންސްގައި ޖެހި ތަޅުވާވަރުން ކޮމްޕާޓްމެންޓްތައް ހުޅުވި އެއްޗެހި ބޮލަށް ފައިބައިފާނެފަދައެވެ. ބައެއް މީހުން ރޮއި ހަޅޭއްލަވަނީއެވެ. އޭނައާއި ގާތުގައި އިން ޒުވާނާގެ މޫނުމަތިން ބިރުގަތުމުގެ ކުލަވަރެއް ނުފެނުނުތާ އޭނަ އިނީ ހަމަޖެހިގެންނެވެ. ދަތުރުކުރާއިރު ސީޓުބެލްޓް އެޅުމަކީ ރާހިލްގެ އާދައެއްވެސް ނޫނެވެ. ނަމަވެސް މިއަދު ސީޓު ބެލްޓް ނައްޓާނުލާ އިނދެވުނީ އޭނައަށް އަނިޔާވާން ނެތުމުންނެވެ.

"އެއްވެސް ޑޮކްޓަރެއް އެބަ އިންނެވިތޯ؟ ޕެސެންޖަރަކު ފެއިންޓްވެގެން މިއުޅެނީ...." އެނައުންސްމެންޓެއް އައުމުން ރާހިލްގާތު އިން ޒުވާނާ ތެދުވުނެވެ. ކިޔަވައިގެންތިބޭ ތައުލީމީ މީހުންގެ ތެރެއަށްވެސް ހައްދުފަހަނަޅާ ދިޔުމުގެ ފިކުރު ވަނީތާއެވެ. ރާހިލް ނުރުހުމާއެކު އެދިމާލަށް ބަލާލައިފިއެވެ.

ކެބިންގެ ޕްރެޝާ ދަށްވެ އޮކްސިޖަން މާސްކު ތިރިވުމުން އެ ޑޮކްޓަރު މުސްކުޅި އަންހެނަކަށް މާސްކު އަޅަން އެހީތެރިވެދިނެވެ.

"ނަތިން ވިލް ހެޕެން ގޯޑް ވިލިން...." ޑޮކްޓަރ މުސްކުޅިމީހާގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ.

މިހާ ގިނަ ދަތުރުތައް ކުރިއިރުވެސް ރާހިލްއަށް މިވަރުގެ ޓާބިއުލެންސަކާއި ދިމާވެފައި ނެތުމުން ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ. އޭނަގެ އާއިލާއާއި އެކުވެރިން މަތިން ހަދާންވިއެވެ. ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅަށް ވެދާނެތޯ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނަން އާދަވެފައިވާތީ އޭނަ އެ ޚިޔާލުތައް އެއްފަރާތްކޮށްފައި އެވަގުތު ކޮޅުވެސް ހެޑްސެޓް އަޅައިގެން ލަވަޖަހަން ފެށިއެވެ. މިއުޒިކަކީ ސްޓްރެސް ފިލާކަމެއްކަމަށް އޭނަ ގަބޫލުކުރެއެވެ.

ބައިގަޑިއެއްހާއިރު ފަހުން ކެބިންތެރެ ހަމަޔަކަށް އެޅުނުއިރު ފްލައިޓްތެރެއަށް ތޫފާނެއް އަރާފައިވާ ފަދައިން އެތަން މިތަނަށް ލަގެޖްތަކާއި ކާ އެއްޗެހި އުކިފައެވެ. ހަޔެއްކަ ދަތުރުވެރިންނަށް އަނިޔާވެ އެކެއްގެ ބޯ ފަޅައިގެން ދިޔައެވެ. އެންމެންވެސް ތިބީ ހިމޭންވެފައެވެ.

ފްލައިޓު އެއާޕޯޓުގައި ޖެއްސުމުން ހުރިހާ ޕެސެންޖަރުންނަށްވެސް ހަމަޖެހުމުގެ ނޭވާ ލެވުނެވެ. ރާހިލް ވެސް ބެކްޕެކް އަޅުވާލައިގެން އަވަސްވެގަތީ މަންޒިލަށް ދިޔުމަށެވެ.

***

ނިރުބަވެރި ހަމަލާދިން ފަހުން ދެމަސް ފާއިތުވެގެން ދިޔައިރުވެސް މާޒިންގެ ހިތާމަތަކަށް ލުޔެއް ނުލިބެއެވެ. ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. މީރާގެ ހަނދާންތަކުގައެވެ. އެންމެ ދޮށީ ބޭބެ ޖިބްރީލްއަކީ ޑޮކްޓަރަކަށް ވެފައި އޭނަގެ އެކުވެރިންގެ ތެރޭ ނަފްސާނީ މޮޅު ޑޮކްޓަރުން ތިބެއެވެ. އެއިން މީހަކާއި ބައްދަލުކުރަންވެސް މާޒިން ދެކޮޅުހެދިއެވެ. އޭނަ ބުނީ އަމިއްލަ ނަފުސް ކޮންޓްރޯލް ކުރެވޭނެކަމުގައެވެ. ޑިޕްރެޝަންއަށް ނުވެއްޓޭނެ ކަމުގައެވެ.

***

ރައީސް އަހުމަދު މައިމޫންއާއި ސުކައިނާގެ ލޯތްބަކީ ޅައިރު އުފަންވެ ކުރިލާ ހެދި ބޮޑުވަމުން އައި ލޯތްބެކެވެ. މުއްސަދި އާއިލާއަށް ނިސްބަތްވާ ދެ އާއިލާގެ ދެމެދުގައި އޮތް އެކުވެރިކަން އެކުދިންވެސް ގުޅުވައިލަދިނީއެވެ. ދެމީހުން ޔޫރަޕްގައި މެޑިސިން ހަދަން އުޅުނުއިރު ސުކައިނާ ބަލިވެ އިނދެ އެކަން އެހެން އެންމެނަށް ސިއްރުކުރިއެވެ. ކޮންމެވެސް ވަރަކަށް ބަނޑުލާން ފެށުމުން އާއިލާއާއި އެކުވެރިންވެސް ހީކުރީ ސުކައިނާ ފަލަވަނީ ކަމުގައެވެ. ޖިބްރީލް ވިހެއުމަށްފަހު އެދެމީހުން ކައިވެނި ކުރިއެވެ. ޖިބްރީލްގެ އުމުރުން ހަތް އަހަރުވާންދެން އެކުވެރިއެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު އެޑޮޕްޓްކުރި ކުއްޖެއްގެ ގޮތުގައި ގެނަޔަސް ޖިބްރީލްއާއި ކޮއްކޮމެންނަށް ހަގީގަތް އެނގެއެވެ. ޖިބްރީލަށްފަހުވެސް ތިން ފިރިހެންދަރިންގެ ނަސީބު ލިބުނެވެ. ސިއްރުސިއްރުން ކިތަންމެ އުއްމީދު ކުރިޔަސް އެ ބަގީޗާގައި ރަނިކަން ކުރާނެ ޕްރިންސެސްއެއް ވުޖޫދަކަށް ނައެވެ. އަންހެންދަރިއެއްގެ އުއްމީދު ކަނޑައިލަން މަޖުބޫރުވީ ރާހިލް ލިބުމަށްފަހު މާ ބޮޑަށް ބަލިވެގެން ނުވިހާ އޮޕަރޭޝަން ކުރުމުންނެވެ. ހަތަރުބެއިންނަށް ލިބިފައިވަނީ މައިމޫންގެ ދިގު އިސްކޮޅާއި ކަސްރަތީ ހަށިގަނޑެވެ. ކޯތާފަތަށްއެޅޭ އަޑިކޮޅެވެ. އަރްސަން ފިޔަވާ އެހެން ކުދިންނަށް މައިމޫންގެ ތޫނު ދެލިކޮޅެއްފަދަ ދެލޯވެސް ވާރުތަވިއެވެ. އަރްސަންގެ އަޅި ދެލޮލަކީ މާމަ އުންމު ކުލްސޫމްގެ ފަރާތުން ވާރުތަވި ރީތި ހަދިޔާއެކެވެ.

ރައީސް މައިމޫންގެ "ސްކައި ޕެލެސް" ގައި ބޮކިތައް ދިއްލާލާފައިވާއިރު އެއިމާރާތް ރަންވިރުވާ އަޅާފަދައެވެ. ގަސްތަކުގެ މަތިން ރޭގަނޑުގެ ރާނީ ހަނދު ހިނިތުންވެލައިގެން އިނުމުން މަންޒަރު ވަކިން ފުރިހަމައެވެ. އެގެއަށް ޚާއްސަކޮށްފައިވާ ޝެފް އެރޭގެ ކެއުމަށް މެނޫ ތައްޔާރުކޮށްފައިވަނީ ފާޑު ނުކިޔޭހާ ރަހަ ރަގަޅުކޮށް ހުރިހާ ރަހަތައް ލައްވާފައެވެ. ރައީސް މައިމޫންއާއި ސުކައިނާގެ ތިން ބެއިން ގޮނޑިތަކުގައި އިށީނެވެ. ޗާންދަލިޔާގެ ރަން އަލީގައި އެތަން ފެންނަނިީ ސިހުރުވެރިކޮށެވެ. މާޒިން އެތައް ދުވަހެއްކޮށްލާފައި މިރޭ ފުރަތަމަ ފަހަރަށް އެކުވެރިއެއްގެ ދައުވަތަކަށް ކޮފީއަކަށް ދިޔަ ރެއެކެވެ. ރޭގަނޑު ކެއުން ދޫކޮށްލާފައި އެއްވެސް ކުއްޖަކު ކޮފީއަށް ދިޔުން މަނާވެފައި އޮތަސް މާޒިންއަށް ހުއްދަ ލިބުނީ ހާލަތުގެ ސަބަބުންނެވެ.

"އަސްލު ރަގަޅުވާނީ މި އިލްމުވެރިންނޭ ކިޔައިގެން އުޅޭ މީހުންގެ ފަތުވާ އަޑު ނޭހިއްޔާ. އެހެންނޫނަސް އެނގުނީމަ ދެން ބިރުވެސް ގަންނާނެތާ. ރައީސްވެސް އެފާޑުފާޑު މީހުންނަށް ޕްރޝާ ކުރައްވަބައްލަވަ. ނޫނީ ޒިންއަށް ދިމާވި ފަދަ ހިތާމަވެރި ހާދިސާއެއް އެހެން އާއިލާތަކަށްވެސް ދިމާވާނެ.. ރައީސްކަމާއި ނާއިބު ރައީސްއަކީ ދެބެންނަށް ވުމުން ނުފޫޒް އޮންނާނެ. މި ގައުމުގެ ތާރީޚުގައި އަލަށް ދެބެން ވެރިކަން މިކުރަނީ. ރައީސް މައިމޫންއާއި ނާއިބު ރައީސް ތައިމޫރުގެ ޒައާމަތުގެ ދަށުގައި މިފަހަރު ޓެރަރިޒަމްގެ މުގޫ ފޮހެލުމަކީ އެންމެ ބޮޑު އުއްމީދު......................" ސުކައިނާގެ ޖުމްލައިން މައިމޫން ހިނިތުންވެލިއެވެ.

"ޑޯންޓް ވޮރީ މައިލޭޑީ. ބިލްތައް ތަންފީޒުވަމުން ދަނީ...."

"ޑޭޑް. ނޮޓް މައިލޭޑީ. ފަސްޓްލޭޑީ...." އަރްސަން ރަގަޅުކޮށްލަދިނެވެ. ބައްޕަ ވެރިކަމަށް އައުމަކީ އެއްވެސް ކުއްޖަކު އެހާ ދެކެން ބޭނުންވި ދުވަހެއްނޫނެވެ. ސިޔާސީލީޑަރުންގެ ދިރިއުޅުމުގެ ހަލަބޮލިކަމާއިއެކު މިނިވަންކަން ނިގުޅައިގަންނާނެތީއެވެ. ޕަޕަރާޒީ ފަހަތުން އުޅޭނެތީއެވެ. ބައްޕަގެ އިއްޒަތާއި ގަދަރަށްޓަކާ އުޅެންޖެހޭނީ ވަކި މިންގަނޑެއްގެ ތެރޭގައެވެ. ލަންޑަންގެ ހާދިސާއަށްފަހު ރައީސްގެ ދަރިފުޅުގެ ގޮތުގައި މާޒިން ނޫސްތަކުގެ އެންމެ ހޫނު ޚަބަރަށްވެ އެނޫން ވާހަކައެއް ނުދެކެވެއެވެ. މާޒިންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށްވެސް ނޫސްވެރިން ވަދެގަތީއެވެ. ރައީސް މައިމޫން ވެރިކަމަށް އެރިތާ އަދި މިވީ ފަސްވަރަކަށް މަސް ދުވަހެވެ. މި ދުވަސްކޮޅުގައި އަދި މާޒިންގެ އިތުރުން އެހެންކުދިން އުޅެނީ މީޑިއާތަކަށް ފިލައިގެންނެވެ. އިރުކޮޅެއްވާންދެން ސިޔާސީ ވާހަކަ ދެކެވުނެވެ.

"ރާހިލް ކޮއްކޮ އަބަދު ފޯނުގައި އިންނަކަން ފާހަގަވޭ. ކީއްބާ ތިކުރަނީ؟" ޖިބްރީލް އެހިއެވެ.

"މްމމް...." ރާހިލްއަށް ޖިބްރީލް ބުނި އެއްޗެއް އިވުނުކަމަކަށް ނުވިއެވެ.

"ދަރިފުޅާ. ކާން ނަގާނީ ބައިގަޑިއެއްހާއިރު. އާއިލީ ގުޅުން ބަދަހިކުރަން އެންމެން އެއްވާ ވަގުތަކަށް ކެއުމުގެ ގަޑި އެކަނިކަން ނޭގޭ މިވަނީ. އެކަމަކު ރާހިލް ފޯނެއްގައި....." ސުކައިނާ އޭނަގެ ހަނގު ދަރިފުޅަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.

"ޕަބްޖީގައި....ހެހެ" އަރްސަން ރާހިލްގެ ބޮލުގައި މަޑުމަޑުން ފުތްޓައްކެއް ޖެހިއެވެ. ރާހިލްގެ ސަމާލުކަން ލިބުނީ ތަދުއިހުސާސް ކުރެވުމުންނެވެ. ތަދަކީ ރާހިލްގެ ބަލިފަޔެވެ. ކުޑައިރުއްސުރެ ވޭނެއް އަޅަންޏާ އޭނަގެ ރުއިން ހުއްޓުވާލުމަކީ އެކަކަށްވެސް ފަސޭހަކަމެއްނޫނެވެ. ވެކްސިން ދީފިއްޔާ ފައި ބިންމަތީ ގަރުނެއްވިޔަސް ނުޖައްސާނެއެވެ. ހަފްތާއެއްހާ ދުވަސްވާންދެން އުރާލައިގެންނެވެ. ވެކްސިންތަކައި އިންޖެކްޝަން އަދި ތޫނު އެއްޗެއް ފެނުނަސް ރާހިލް އަނބުރައިގަންނަ ވަރުވެއެވެ. އާއިލާގެ އެންމެ ހަނގުކުއްޖާއަށް ވުމުން އޭނައަށް އެންމެންގެ ސަމާލުކަމާއި ލޯބި އެހެންކުދިންނަށް ވުރެ ބޮޑަށް ލިބެއެވެ.

"އައުޗް. ދެޓް ހާޓްސް. އާހް.........ސީރިޔަސްކޮށޭ." ރާހިލް ފްރިޖުން އައިސްޕެކެއް ނަގާފައި ބޮލުގައި ޖެއްސުމުން އެންމެން ހޭންފެށިއެވެ.

"އައިމް ސޮރީ ކުކީ.. ސިކުނޑިއަށް ލޭ އެޅޭވަރަށް މަގޭ އަތުގެ ބާރު ހުރިކަން ނުދަންނަކަން.ސީޓީ ސްކޭން ހައްދަންވީީނު....." އަރްސަން އަތުގެ އިނގިލިތަކަށް ބަލައިލީ ހައިރާންވިގޮތް ދައްކަމުންނެވެ.

"ނޯ ވޭއި.." ރާހިލް އަނގަ ވަށްކޮށްލިއެވެ.

"ބައްޕަގެ އަރްސަން ގަވައިދުން ޖިމް ޖައްސާކަން އެބައެނގޭ. އެހެން ކުދިންނަށްވުރެ މުލަދަނޑީގެ ބާރު އެބަހުރިކަމާއިމެދު ޝައްކެއްނެތް..." މައިމޫން ބުނުއްވިއެވެ.

"އަޅުގަނޑުގެ ބާރު ހުރިވަރު އަދި ބައްޕައަށް އެނގިނުލައްވަނީ. ސީރިޔާއަށް ދާންކަމަށް މި ޕްލޭންކުރަނީ......" ރާހިލް ލާނެތް ގޮތަކަށް ހީލިއެވެ. ޝާމްގެ ވާހަކަ އެގޭގައި ދެއްކުން މަނަލެވެ.

"ދަރިފުޅާ....." ސުކައިނާ އަޑުލާ ވައްތަރަކަށް ގޮވައިލީ ލޯ ބޮޑުކޮށްލަމުންނެވެ.

"ކުކީއަށް ހަގުރާމައަށް ގޮސް ކެތްވާނީ ކިހިނެއް؟ ސިރިންޖެއް ފެނުނަސް ބިރުން ރޭސްޖަހާފައި ގޮސް އެނދު ތަންދޮށަށްވަންނަ ކުއްޖާ. އެތަނަށްގޮސް ހަގުރާމަކޮށްގެން ހަމައެކަނި ވަގުތުން މަރުވަނީއެއް ނޫނޭ ދަރިފުޅާ. ބޮޑެތި ޒަޚަމްތަކާއިއެކު ނިކަމެތި ހާލުގައި އެކަނިމާ އެކަނި އޮވެ މަރުއެބަވޭ. ބައްޕަމެންނަށް ވީޑިއޯތަކާއި މަންޒަރު ފެނިފައި ހުރީމަ މިބުނަނީ. ޕެއިން އަށް އެހާ ސެންސިޓިވް ކުއްޖަކަށް ހަގުރާމައާއި ކައިރިވާން ކެރޭނެތަ؟" މައިމޫންގެ ނަޒަރު ދަރިފުޅުގެ މޫނަށް ހުއްޓުނެވެ. ރާހިލް ސަމާސާއަކަށް ނަމަވެސް އެފަދަ ބަހެއް ބުނުމުން ހިތުގައި ބިރުވެރިކަން ހިނގައިގެންފިއެވެ.

"އިސްލާމިކް ސްޓޭޓާއި ދެކޮޅަށް ހަގުރާމަކުރަން ދާން ހިތަށްއެރީ އެކަމަކު އައި ގެސް ހަމަ އެކަނި ގޭމުން ޓެރަރިސްޓުން ބަލިކުރެވޭނީ...." ރާހިލް ލޯ ބޮޑުކޮށްލިއެވެ. އައި ވިލް ޑެފިނިޓްލީ ޑިފީޓް ދެމް......އެވަރުވެސް ރަގަޅުވާނެ."

"ދެޓްސް ރައިޓް މައި ޑާލިން" ސުކައިނާ ހިނި އައެވެ. ހުރިހާ އެންމެނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ކައި ނިމިގެން ސިޓިންރޫމްގައި ވާހަކަދައްކަން ތިބެފައި އެންމެން އެތެރެއަށް ވަނުމުންވެސް ރާހިލް ގޭމް ކުޅުމުގެ ފޯރީގައި ސޯފާއިން ތެދުވާން ކަންނެތްވެފައި އޮތެވެ. ހޭވިފައިވާ ވަރުގަދަ އިސްތަށިގަނޑުގައި ފުނާ އެޅުމަކީ އޭނަ ދުވަހަކު ކުރާކަމެއްނޫނެވެ. އަރްސަންއާއި ޖިބްރީލް ގަދަކަމުން އޭނަ ނަގައިގެން އެމީހުންނާއެކު ބިލިއާޑް ކުޅެން މަތީބައިގެ ކޮޓަރިއަކަށް ގެންދިޔައެވެ. ރާހިލްގެ ގޭމަށް ދެވިހިފުމުގެ ބައި ކަނޑުވައިލަން އެހީތެރިވާން ޖެހޭ ވަގުތު ކައިރިވެއްޖެކަމަށް ޖިބްރީލްވަނީ ބުނެފައެވެ. ގަދަކަމުން އެހެން ކަންތައްތަކާއި ބައިވެރިކޮށް ކަސްރަތުކުރުވަންވެސް ވީއެވެ. އެއްވެސް ކަސްރަތެއް ހަރަކާތެއްނެތި ގޭމްކުޅުމާއި ކެއުމުގެ ސަބަބުން ރާހިލްގެ ދުޅަހެޔޮކަމަށްވެސް އަސަރުކުރާނެއެވެ. މިހާރު ތަންކޮޅެއް ފަލަވާހެންވެސް ހީވެއެވެ. ބައްޕައަށް ވެރިކަން ލިބުމުން ލަންޑަނުގައި މަންމައާއި ނުލައި އުޅެން ބޭނުން ނުވުމުން މާލޭ ކޮލެޖަކަށް ބަދަލުވާން ބުނި ކުއްޖާ އަދިވެސް ކިޔެވުން މެދުކަނޑައިލިގޮތަށް ހުންނާތީ އެކަމާވެސް އާއިލާއިން ވިސްނައެވެ.

***

ކަޅުކުލައިގެ އަބާޔާއެއްލާފައި މޫނު ނިވާކޮށްގެން ހުރި އަންހެންކުއްޖާ އޭނަގެ މާމަ އަތުލަފިކޮށްގެންގޮސް "ގެޒެއިނިއާ" ބޯޑު ޖަހާފައިވާ ގެއެއްގެ ދޮރާށި ހުޅުވާލާފައި ވަނެވެ. މެދުގޯތި ކުޑަނަމަވެސް ދެފަރާތުގައި ކޮންމެވެސް ވަރަކަށް މާ ގަސް އިންދާފައިވެއެވެ. ޗާންދަނީ ހުސްނުހީނާ ދެތަނޑިމާ ގާޑެނިއާ އަދި ފިނިފެންމާތަކުގެ އެކި ކުލައިން ހުވަދުލެވިފައިވާއިރު ތިރިކޮށް ހެދިފައިވާ އަނބުގަހުގެ ގޮފިތައް އަތް ފޯރާފަށުގައެވެ.

"މާމަ ދެން އެކަނި ނުނިކުންނައްޗޭ. ބިރުން މޭގަނޑު އަނގަޔަށް އައޭ މާމަ ކޮޓަރީގައި ނެތީމަ. މާމަ އައިސްކްރީމެއް ގަންނަންތަ ދިޔައީ.؟" އަންހެންކުއްޖާ ވާހަކަދެއްކީ ކުޑަކުއްޖަކާއި ވާހަކަދައްކާނެހާ ލޯބިންނެވެ. އޭނަ މޫނުގައިވާ ފޮތިކޮޅު ނަގާލަމުން އުނދޯލީގައި މާމަ ބޭންދިއެވެ. މާމަގެ އުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްގެން އުޅޭކަން ފާހަގަވިތާ މިވަނީ ހަފްތާއެއްހާ ދުވަހެވެ.

"ހީރާ. މާމަ ދެންމެ ދިޔައީ ހީރާ ނުކުތީމަ ފަހަތުންނޭ.."

"މާމާ މިއީ އާލިޔާ..."

"އާލިޔާއޭ. މާމަ ހީކުރީ ހީރާކަަމަށް. މާމަ ވަރަށް ބަނޑުހައި. މާމައަށް މިއަދު މެންދުރު ކާން ނުދެމެއްނު................"

"މާމާ. އޭރު މާމައަށް އެންމެ މީރު ފިހުނު މަހާއި މަސްބަތް ކެއީ. އަދި ކަށިކެޔޮ ޕިރިނީ........................." އާލިޔާ މާމަގެ މޫނުގައި އަތުން ހިފެހެއްޓިއެވެ. އޭނަގެ މާމައަށް މިވީ ކިހިނެއްހެއްޔެވެ؟ މާމަގެ ސިކުނޑި ރަގަޅުހެއްޔެވެ؟ އޭނަގެ މުނިމާމަ ފަދައިން މާމަވެސް އަލްޒެއިމާސްގެ ޝިކާރައަކަށް ވީބާވައެވެ.

"މާމާ. އެއޮތް އަސުރުވަގުތު ޖެހެނީ. ވުޟޫކުރަން އެހީވާނަން..." އާލިޔާ މާމަ ތެދުކުރާން އުޅުނެވެ.

ގެޒެއިނިއާގެ އާއި އިންވެގެން ހުންނަނީ ސްކައި ޕެލްސްއެވެ. ރާއްޖޭގެ ރައީސްގެ އަމިއްލަ ގެކޮޅެވެ. އެގޭގެ އަހުލުވެރިން އެގޭގައި ދިރިއުޅެން ފަށާފައިވާތާ ފަސްވަރަކަށް މަސް ފާއިތުވެގެން ދިޔައިރުވެސް އެގޭގެ އެއްވެސް ބަޔަކު ފެނުމުގެ ނަސީބެއް އާލިޔާއަށް ލިބިފައެއް ނުވެއެވެ. ރައީސްގެ ދަރިފުޅު މާޒިން ޓެރަރިސްޓް އަމަލެއްގެ ޝިކާރައަކަށްވުމާއި ގުޅިގެން އެދުވަސްކޮޅު ނޫސްތަކުގައި އެ ޒުވާނާ މަޝްހޫރުވިއެވެ. މާޒިންގެ ޒުވާންކަމާއި އުމުރުން ހަނގުކަމާއިއެކު ގައިވެސް އަންހެންކުދިން ހިތްތައް އަޅައިގަންނާނެ ފަދަ ހިތްގައިމު ސިފަތަކެއް އޭނަގެ ވެއެވެ. ފިރިހެނެއްގެ ފޮޓޯތައް ފެނިގެން އަޅައިގަނެގެން އުޅުމަކީ އާލިޔާ ގަބޫލުކުރާގޮތުން ފާފައެކެވެ. ބެލުން ތިރިކުރަން ދީނުގައި އަންގަވާފައިވާއިރު ރީތި މަޝްހޫރު މީހެކޭ ކިޔާފައި އެފޮޓޯތަކަށް ބަލަންވީއެއް ނޫނެވެ. އާލިޔާ މަސައްކަތްކުރަނީ އަޅުވެރި ރަގަޅު އަންހެންކުއްޖަކަށް ވުމަށެވެ. އޭނަގެ ގާތް އެކުވެރިއަކު ކެންސަރު ބަލީގައި ނިޔާވިފަހުން ކުރިއަށްވުރެވެސް ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުކުރިއެވެ.

"މާމަ ބަނޑުހައިވަނީ އާލިޔާ. އައިސްކްރީމެއް..."

"އޯކޭ މާމާ.." އާލިޔާ މާމަ ގެންގޮސް މަންމައާއި ހަވާލުކޮށްފައި ނުކުތީ އައިސްކްރީމް ތަށިގަނޑެއް ގަނެލާށެވެ. މޯލަށް ވަދެފައި އައިސްކްރީމްތައް ލާފައި ހުރި ބިއްލޫރި ކޭސް ކައިރީ ހުއްޓުނުތަނާ ލުއި ސެންޓެއްގެ ވަސް ނޭފަތުގައި ޖެހުނެވެ. އަދި ކައިރީގައި މީހަކު ހުއްޓިލިކަމުގެ އިހުސާސްވިއެވެ. އެމީރުވަސް ދުވަނީ އެ މީހަކު ޖަހާފައި ހުރި ސެންޓުންކަން އާލިޔާއަށް ޔަގީންވިއެވެ.

(ނުނިމޭ...)

comment ކޮމެންޓް
ގުޅޭ ޚަބަރު