ސީއެސްސީގެ ހަތަރު މެމްބަރުން ލިޔުމުން ޖަވާބުދާރީވާން ފުރުސަތު ދެނީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ވަކި ކުރަން ނިންމާފައިވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހަތަރު މެމްބަރުން އާދިއްތަ ދުވަހުގެ ކުރީން ލިޔުމަކުން ޖަވާބުދާރީ ވާން އަންގަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައިފިއެވެ.

ފެބްރުއަރީ 10 ވަނަ ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދައުލަތުގެ ވަޒީރުން ހާޒިރުކޮށް ސުވާލުކުރުމުން، ސިވިލް ސާވިސް ކޮމިޝަނުން ކުރަންޖެހޭ ކަންކަން ނުކުރުމުގެ ސަބަބުން މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ދަތިވެ، ހުރަސްތަކެއް އެޅޭ ކަމަށް ވަޒީރުން ވަނީ ވިދާޅުވެފަ އެވެ.

އެ ދުވަހު މިނިވަން މުއައްސަސާ ކޮމިޓީން ނިންމީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްވެސް ހިމެނޭ ގޮތަށް ހަތަރު މެމްބަރުން ވަކިކުރާށެވެ. ޝަމީމްގެ އިތުރުން ވަކިކުރަން ފެންނަކަމަށް ނިންމީ ކޮމިޝަނުގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި ކޮމިޝަން މެންބަރު ޒަކަރިއްޔާ މުހައްމަދު އަދި އިބްރާހިމް ޝަހީގެވެ.

އެ ހަތަރު މެމްބަރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު ފަށާފައިވާ އިރު، މިނިވަން މުއައްސަސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މެމްބަރުން ޖަވާބުދާރީ ކުރާނެ ގޮތަކާ މެދު މަޝްވަރާކުރިއެވެ. މެމްބަރުން ހާޒިރުކޮށްގެން ޖަވާބުދާރީކުރުވަންވެސް މަޝްވަރާކުރެވުނެވެ.

ކޮމިޓީގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ގޮތުން އެ މެމްބަރުން ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުން މުހިންމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް މިނިސްޓަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް ފުރުސަތެއް ދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަނުން މަޖިލީހުގައި އެދިފައިވާތީ، ކޮމިޓީން ނިންމީ ޖަވާބުދާރީވުމަށް ފުރުސަތު ދޭށެވެ. އަދި ކޮމިޝަނުގެ މެމްބަރުން އަންނަ އާދީއްތަ ދުވަހުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް ކޮމިޓީން މިއަދު ފާސްކުރިއެވެ.

comment ކޮމެންޓް