މަޝްހޫރު ފޮޓޯގްރަފަރު އަލީ ނިޝާން (މިލްޒީރޯ) 2016 ވަނަ އަހަރުގެ ތެރޭގައި ނެގި، ލަވަކިޔުންތެރިޔާ އައިމިނަތު ބަތޫލްގެ ފޮޓޯއެއް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ހުއްދައާ ނުލައި ބޭނުންކޮށް، އެ ފޮޓޯގެ އަގު ނުދިން މައްސަލައިގައި މިލްޒީރޯގެ ކޮޕީރައިޓް ހައްގަކަށް އުނިކަން އައިސްފައިވާ ކަމަށް ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މަޓާޓޯއާ ދެކޮޅަށް މިލްޒީރޯ ދައުވާ ކުރީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޖަރުމަނުވިލާތުގައި ބޭއްވި އައިޓީބީ ބާލިން ފެއާ ފަދަ ފެއާތަކުގައި ބަހަން މަޓާޓޯއިން ހެދި މަޖައްލާއެއް ކަމަށްވާ "މޯލްޑިވްސް ފައިންޑާ"ގެ ހަ ވަނަ އަދަދުގައި މިލްޒީރޯގެ ހުއްދަ ނެތި އޭނާ ނެގި ފޮޓޯއެއް ޝާއިއުކޮށްފައި ވާތީ އެވެ. އެ ފޮޓޯ އަކީ އޮންލައިން ނޫހެއް ކަމަށްވާ "އަވަސް"އިން 2016 ވަނަ އަހަރުގެ ތެރޭގައި ގެނެސްދިން "އަވަސް ވީކެންޑް" ސެގްމެންޓަށް މިލްޒީރޯ ނެގި ބަތޫލްގެ ފޮޓޯއެކެވެ.
މަޓާޓޯ އިން އެ މައްސަލާގައި މީގެ ކުރިން ބުނެފައި ވަނީ އެ ފޮޓޯ ބޭނުން ކުރުމުގެ ހުއްދަ ދިނީ ބަތޫލް ކަމަށެވެ. ރައްދުގައި މިލްޒީރޯގެ ފަރާތުން ބުނެފައި ވަނީ ކޮޕީރައިޓާ ބެހޭ ހުއްދަ ދެވޭނީ އެ އުފެއްދުމެއްގެ މުސައްނިފަށް ކަމަށެވެ.
އެ ފޮޓޯ ޝާއިއު ކުރިކަން އެނގުމުން އޭގެ އަގަށްވާ 10،000 ރުފިޔާ މިލްޒީރޯ މަޓާޓޯއަށް އިންވޮއިސް ކުރި އެވެ. އެ ފައިސާ ދައްކާނެ ކަމަށް މަޓާޓޯ އިން އެއްބަސްވެސްވި އެވެ. އެކަމަކު އެ ފައިސާ ނުދައްކައި ގިނަ ދުވަސްތަކެއްވާން ފެށުމުން މިލްޒީރޯ މައްސަލަ ކޯޓަށް ވެއްދީ އެވެ.

މަޝްހޫރު ފޮޓޯގްރާފަރު އަލީ ނިޝާން (މިލްޒީރޯ): އޭނާ ނެގި ބަތޫލްގެ ފޮޓޯގެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ ކޮޕީ ރައިޓް ހައްގަކާ މަޓާޓޯއިން ހިލާފުވެފައި ނުވާ ކަމަށް -- ފޮޓޯ/ މިލްޒީރޯ ފޭސްބުކް
ކޮޕީރައިޓާއި ގުޅޭ އެހެނިހެން ހައްގުތަކާ ގުޅޭ ގާނޫނުގެ ދަށުން މިލްޒީރޯ ހުށަހެޅި ދައުވާގައި އެދިފައި ވަނީ މަޓާޓޯގެ ފަރާތުން އޭނާގެ ކޮޕީރައިޓް ހައްގަށް އަރައިގަނެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ އިތުރުން މައާފަށް އެދެން ވެސް މަޓާޓޯގެ މައްޗަށް ހުކުމް ކުރުމަށް ދައުވާގައި އެދިފައިވެ އެވެ.
މިއަދު އެ މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު ކުރެއްވި ހުކުމުގައި ކަނޑައަޅާފައި ވަނީ އެ މައްސަލައިގައި ކޮޕީރައިޓް ހައްގެއް ނަގާލުމުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ މައްސަލައަކީ އެ ފޮޓޯގެ އަގަށްވާ 10،000 ރުފިޔާ ނުދައްކައި ކޮންޓްރެކްޓާ ހިލާފުވި މައްސަލައެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް މަޓާޓޯގެ މައްޗަށް ހުކުމް ކުރި އެވެ.
އެ ހުކުމާ ގުޅިގެން މިލްޒީރޯގެ ފަރާތުން "ސަން"އަށް ބުނީ ދައުވާ ކުރީ ކޮޕީރައިޓް ހައްގު ގެއްލުވާލައިގެން ކަމަށާއި، ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް މަޓާޓޯ އިން ފައިސާ ދައްކާފައި ނެތުމުން ދެފަރާތުގެ މެދުގައި ކޮންޓްރެކްޓެއް ބަނދެވުނު ކަމުގައި ނުދެކޭ ކަމަށެވެ.
ކޮޕީރައިޓް ހައްގަކަށް އުނިކަމެއް އައިސްފާ ނުވާ ކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމާއި އެ މައްސަލައިގައި ހިމެނޭ އެހެނިހެން ގާނޫނީ ނުކުތާތައް ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވެސް މިލްޒީރޯގެ ފަރާތުން ބުންޏެވެ.