ގާސިމްގެ ގާތިލު އަދުހަމްއަށް ހުކުމް ކުރުން މި މަހު 18ގައި

ޑިސެމްބަރ 4، 2019 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު ހަތިޔާރުން ހަމަލާދީ މަރާލި ގާސިމް ހަސަން ހުޅުމާލެ ހޮސްޓަލުން ނެރެ އެމްބިއުލައިނސްއަށް އަރުވަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ވަޅިއަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވެފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 18 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.

ގާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ.

އަދުހަމްގެ ކިބައިން ގިސާސް ހިފަން ގާސިމްގެ ވާރިސުން ބޭނުން ނަމަ އޭނާއަށް އަންނާނީ މަރުގެ ހުކުމެކެވެ. އެކަމަކު، ގިސާސް ހިފަން ބޭނުން ނޫން ނަމަ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަދުހަމްއާ ދެމެދު ހެދިފައިވާ އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އޭނާއަށް އަންނާނީ 17 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލު ދައުވާ އިއްވުމަށް ފަހު، ދައުވާއާ މެދު ވާހަކަ ދައްކަމުން އަދުހަމް ބުނެފައި ވަނީ ދައުވާގައި ދައްކާފައި ވަނީ އޭނާ ކުރި ކަންތައްތަކުގެ ވާހަކަ ކަމަށެވެ.

އަދުހަމް ދައުވާއަށްވެސް އިއުތިރާފުވެފައިވާތީ އޭނާގެ މައްސަލައިގައި އަވަސް ނިޔާ ކަނޑައަޅަން ވަނީ ތާވަލުކޮށްފަ އެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 11:30ގައި އެ މައްސަލައިގައި ހުކުމް އިއްވަން މިއަދު ގާޒީ ތާވަލު ކުރި އެވެ.

އަދުހަމް ބުނީ ގާސިމް މަރާލި އިރު އޭނާ ހުރީ އަމިއްލަ އިހްތިޔާރުގައި މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުގެ ހާލުގައި ކަމަށެވެ. ގާސިމް މަރާލުމަށް ފަހު ހޭވެރިކަން އައުމުން ދެރަވެ، ރޮއި، ތައުބާވި ކަމަށް އަދުހަމް ބުންޏެވެ. އަދި ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް އޭނާ ބުންޏެވެ.

ފުލުހުންގެ ތަހުގީގަށް އަދުހަމް ބުނެފައި ވަނީ އޭނާ ގާސިިމް މަރާލީ ގޭގެ ކުލި ދައްކާނެ ފައިސާއެއް ނެތިގެން، ފައިސާ ހޯދުމަށް ފޭރެން އުޅުމުގެ ތެރޭގައި ކަމަށެވެ. އޭނާގެ ބަޔާނުގައި ބުނެފައި ވަނީ، އޭނާ މީގެ ކުރިން ތަންފީޒު ކުރަމުން ދިޔަ ޖަލު ހުކުމެއް ހަމަވުމަށް ފަހު އޭނާ މާލޭ ގެއެއްގައި ކުލި ދައްކައިގެން ދިރިއުޅުނު ކަމަށެވެ. އަދި އޭނާ ކުލި ދައްކަމުން ދިޔައީ ރައްޓެހިން ދޭ ފައިސާއިންނާއި، މަގުމަތިން މީސް މީހުންގެ ފޯނު ފަަދަ އެއްޗެހި ފޭރިގެން، އެ އެއްޗެހި ވިއްކައިގެން ލިބޭ ފައިސާއިން ކަމަށެވެ.

ގާސިމް މަރާލީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ރޭ 9:06 އެހާކަންހާއިރު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައި އާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައިވެސް މީގެ ކުރިން އިއުތިރާފުވެފައިވެެ އެވެ.

comment ކޮމެންޓް