ގާސިމް މަރާލީ ކުލި ދައްކަން ފައިސާ ފޭރެން އުޅުމުގެ ތެރޭގައި: އަދުހަމް

ގާސިމް މަރާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް މިއަދުގެ އަޑުއެހުމަށް ކުރިމިނަލް ކޯޓަށް ވައްދަނީ --- ސަން ފޮޓޯ: މުއާވިޔަތު އަންވަރު

ހުޅުމާލޭގައި ވަޅިން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލީ، ކުލި ދައްކަން ފައިސާ ނެތިގެން ފޭރިގެން ފައިސާ ހޯދަން ނުކުމު އުޅުމުގެ ތެރޭގައި ކަމަށް ގާސިމްގެ ގާތިލު އަދުހަމް މުހައްމަަދު ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވާކަން ހާމަަވެއްޖެ އެވެ.

ގާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ.

އަދުހަމްގެ ކިބައިން ގިސާސް ހިފަން ގާސިމްގެ ވާރިސުން ބޭނުން ނަމަ އޭނާއަށް އަންނާނީ މަރުގެ ހުކުމެކެވެ. އެކަމަކު، ގިސާސް ހިފަން ބޭނުން ނޫން ނަމަ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަދުހަމްއާ ދެމެދު ހެދިފައިވާ އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އޭނާއަށް އަންނާނީ 17 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެ އިއުތިރާފު އެއްބަސްވުން މިއަދު ޝަރީއަތުން ވަނީ ބަލައިގެންފަ އެވެ.

މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވި އިރު އަދުހަމް ހުރީ ފެހި ކުލައިގެ އަތް ދިގު، ގޮޅިޖެހިގަމީހަކާއި ފައިކުރި އޮޅާލާފައި ހުރި މަޑު ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. އަރައިގެން ހުރީ އާދައިގެ ފެން ފައިވާނަކަށެވެ. އިސްތަށިގަނޑު ހުރީ ސްޕައިކް ޖައްސާފަ އެވެ.

އެ އަޑުއެހުމުގައި ޕީޖީއިން ވަނީ އަދުހަމް ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ދައްކާފައި ހުރި ވާހަކަތައް އިއްވައިފަ އެވެ. އެ ބަޔާނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ދިން ސައްހަ މައުލޫމާތެއް ކަމަށް އަދުހަމް މިއަދު ކޯޓުގައި ބުނެފައިވެ އެވެ.

އަދުހަމް ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ އޭނާ މީގެ ކުރިން ތަންފީޒު ކުރަމުން ދިޔަ ޖަލު ހުކުމެއް ހަމަވުމަށް ފަހު އޭނާ މާލޭ ގެއެއްގައި ކުލި ދައްކައިގެން ދިރިއުޅުނު ކަމަށެވެ. އަދި އޭނާ ކުލި ދައްކަމުން ދިޔައީ ރައްޓެހިން ދޭ ފައިސާއިންނާއި، މަގުމަތިން މީސް މީހުންގެ ފޯނު ފަަދަ އެއްޗެހި ފޭރިގެން، އެ އެއްޗެހި ވިއްކައިގެން ލިބޭ ފައިސާއިން ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުން ގާސިމް މަރާލި އިރު އޮތީ ކުލި ނުދައްކައިގެން ގެއިން ބޭރު ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެހެންވެ، އެ ދުވަހު ޕިކަޕެއްގައި އޭނާ ހުޅުމާލެއަށް ދިޔައީ ރައްޓެއްސެއްގެ އަތުން ފައިސާ ނުލިބިއްޖެ ނަމަ ފޭރިގެން ކުއްޔަށް ފައިސާ ހޯދާށެވެ.

ރަހުމަތްތެރިއެއްގެ އަތުން ފައިސާ ނުލިބުމުން އޭނާ މަސް ކަނޑަން ކަމަށް ބުނެ ކެފޭއަކުން ވަޅިއެއް ހޯދީ އެވެ. އެ ވަޅިން ބިރުދައްކައިގެން ފޭރެން ހުޅުމާލެއިން ފުރުސަތެއް ނުލިބިގެން އެއާޕޯޓަށް ގޮސް އެތަނުންވެސް ފޭރެން ފުރުސަތު ނުލިބުމުން، ގާސިިމް ޓެކްސީ ކިއުގައި އިންދާ އަދުހަމް އޭނާގެ ކާރަށް އެރީ އެވެ.

ޓެކްސީގެ ފަހަތުގައި އިނދެގެން ގާސިމްއަށް ހަ އިންޗީގެ ވަޅިން ބިރު ދައްކަން އުޅުމުން ގާސިމް ހަޅޭއްލަވަން ފެށީ އެވެ. އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަރަށް ވަޅި ޖެހީ ކަމަށް އަދުހަމް ބުނެފައިވެ އެވެ. އޭނާ ކާރުން ނުކުމެ ދުއްވައިގެން އިރު ގާސިމްވެސް ކަރުގައި ހިފައިގެން ކާރުން ނުކުމެ އެހީއަށް އެދެމުން ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ.

އަދުހަމްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ހާމަ ކުރި އިރު އެނގިގެން ދިޔައީ، އަދުހަމް އޭނާގެ ވަޅި އެއްލާލީ ވަޅުގަނޑެއްގެ ތެރެއަށް ކަމަށެވެ. އޭނާގެ ގަމީހުގައި ލޭ ހޭއްކިފައި ހުރުމުން ގަމީހެއް ހޯދަން ދިޔައީ ރައްޓެއްސެއްގެ ގާތަށެވެ. ދައުލަތުން ބުނާ ގޮތުގައި، އަދުހަމް އެ ރައްޓެހި މީހާ ގާތުގައި ބުނީ އޭނާ ހާސްވެފައި ހުރީ ބިދޭސީއެއްގެ ގައިގައި ތަޅައިގަނެފައި އައުމުން ކަމަށެވެ. އަދި ރައްޓެހި މީހާ އަތުން އޮރެންޖު ކުލައިގެ ގަމީހެއް ހޯދައިގެން ދިޔައީ ކަމަށް ބުންޏެވެ. ލޭ ހޭކިފައި ހުރި ގަމީސް އަދުހަމް ލީ ހުސް ބިމެއްގައި އޮތް ކުނޑި ހިލަ ބަސްތާއެއް ތެރެއަށެވެ.

އޭނާ އިތުރަށް ބުނީ ގާސިމް މަރާލި އިރު އޭނާ ހުރީ އަމިއްލަ އިހްތިޔާރުގައި މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުގެ ހާލުގައި ކަމަށެވެ. ގާސިމް މަރާލުމަށް ހޭވެރިކަން އައުމުން ދެރަވެ، ރޮއި، ތައުބާވި ކަމަށް އަދުހަމް ބުންޏެވެ. އަދި ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް އޭނާ ބުންޏެވެ. އެވަގުތު ލޮލުން އައި ކަރުނަތައް ގަމީހުގެ އަތްކުރިން ފޮހެމުން ދިޔަ އެވެ.

ދައުވާއަށް އަދުހަމް އިއުތިރާފުވެފައިވީ ނަމަވެސް، ދައުލަތުން ވަނީ އޭނާގެ އިއުތިރާފަށް ބާރުދޭ ގިނަ ހެކިތަކެއް މިއަދު ހުށަހަޅައިފަ އެވެ. ދައުލަތުން އެދުނީ އަދުހަމް ހެކިތަކާ މެދު ސުވާލު ނުއުފައްދާ ނަމަ ޝަފަވީ ހެކީންގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށްގެންދާށެވެ.

ގާސިމް މަރާލީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގަ އާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައިވެސް މީގެ ކުރިން އިއުތިރާފުވެފައިވެެ އެވެ.

އަދުހަމް ދައުވާއަށްވެސް އިއުތިރާފުވެފައިވާތީ އޭނާގެ މައްސަލައިގައި އަވަސް ނިޔާގެ ގޮތުގައި ނިންމަން ވަނީ ތާވަލުކޮށްފަ އެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 11:30ގައި އެ މައްސަލައިގައި ހުކުމް އިއްވަން މިއަދު ގާޒީ ވަނީ ތާވަލް ކުރައްވައިފަ އެވެ.

comment ކޮމެންޓް