ކުރިއަށް އޮތް ދެ ދުވަހުވެސް ދިރާގުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރާނެ

ދިރާގު ހެޑްއޮފީސް--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބިޒްނަސް ސަޕޯޓު ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައި ވާތީ މި މަހުގެ 10 ވާ ހޯމަ ދުވަހާ ހަމައަށް ދިރާގުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބިޒްނަސް ސަޕޯޓު ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މަސައްކަތްތައް ފަށާފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. ދިރާގުން ބުނީ އެ މަސައްކަތްތައް ނިންމާލެވޭނީ 10 ވަނަ ދުވަހު ކަމަށެވެ.

އެހެންކަމުން އަންނަ ހޯމަ ދުވަހާ ހަމައަށް ވަކި ވަގުތުތަކެއްގައި ބައެއް ހިދުމަތްތައް މެދުކެނޑިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ރޭ ދަންވަރު 12 އިން ފެށިގެން 10 ވަނަ ދުވަހުގެ ރޭގަނޑު 23:00 އާ ހަމައަށް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތާއި ބިލް ދެއްކުމުގެ ހިދުމަތް މެދުކެނޑިގެންދާނެއެވެ.

ދިރާގުން ބުނީ މި މުއްދަތުގައި ބިލު ނުދައްކައިގެން އެއްވެސް ހިދުމަތެއް މަދުކަނޑާނުލާނެ ކަމަށެވެ.

ރޭ ވަނީ އެޑް އޮން ޕެކޭޖްތައް ނެގުމާއި ޕެކޭޖް ބަދަލު ކުރުމާއި ރީލޯޑުކުރުމާއި މޯބައިލް ބިލް ދެއްކުމުގެ ހިދުމަތް މެދުކެނޑިފައެވެ.

ބައެއް ހިދުމަތްތައް މެދުކެނޑުނު ނަމަވެސް، ފޯނުން ގުޅުމާއި އިންޓަނެޓާއި ފިކްސްޑް ލައިން ބޭނުން ކުރުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ދިރާގުން ވަނީ ދީފައެވެ.

ދިރާގުން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

comment ކޮމެންޓް