ބަލަބަލާ ތިއްބާ ރަށްތައް ގެއްލެނީ! ސަލާމަތްވާނެތަ؟

ބ. ކުޑަރިކިލު، އަބްދުލްހައްނާން ޔޫސުފްމެން ކުޑައިރު ބ. އަތޮޅުގައި އޮންނަ ގަސްބޯ ފަޅު ރަށެއް ކަމަށްވާ ބަތަލާއަށް ދަރުހޮވަން ގޮސް އުޅުނެވެ. އެއީ އޭރު ނިސްބަތުން ބޮޑު ރަށެކެވެ. ބިޔަ ގަސްތައް ހުރި، ކާއްޓަށް ތިޔާގި ރަށެކެވެ. އެކަމަކު، ވިހި ތިރީސް އަހަރު ފަހުން މިއަދު ބަތަލާގައި އެންމެ ރުކެއްވެސް ނެތެވެ. އަބްދުލްހައްނާނު ބުނާ ގޮތުން އެ ރަށް މިހާރު އޮތީ ފިނޮޅަކަށްވެފަ އެވެ.

ބަތަލާ އެކަންޏެއް ނޫނެވެ. ބ. ކިހާދޫ، މުހައްމަދު ޝަރީފް ހަނދާން ހުންނަ ގޮތުގައި އެ ރަށް ކައިރީގައި އޮތް ވެޔޮފުއްޓަކީ ރުކާއި ފުނަގަސް ބޯކޮށް އޮތް ރަށެކެވެ. އެ ރަށަކީ ކުރިން ދަނޑުވެރިކަމަށް ބިން ހެޔޮ ރަށެކެވެ. އެކަމަކު، އެރަށް މިހާރު އެއްކޮށް ޗާޓުން ފޮހެވިގެން ގޮސްފި އެވެ. ކުރިން އެ ރަށް އޮތްތާ ކައިރީގައި މިހާރު އޮންނަނީ ކުޑަ ކުޑަ ފިނޮޅެކެވެ.

ރާއްޖޭގެ ރަށްތަކަކީ ގުދުރަތީގޮތުން ގިރައި، ވޮޑޭ ރަށްތަކެކެވެ. އިރުވައިގައި ގިރާނީ އިރުންނެވެ. ހުޅަނގު މޫސުމުގައި ހުޅަނގުންނެވެ. އެކަމަކު ބަތަލާ އާއި ވެޔޮފުށި ދެ އަހަރެއްހާ ދުވަސް ތެރޭ ލޯމަތިން ގެއްލިގެން އެ ދިޔައީ، އެ ދެ ރަށް ގިރަމުން އައިވަރާ ގާތަށް ވެސް ވޮޑެމުން ނުދިޔައިމަ އެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ.

މީހުން ދިރިއުޅޭ ރަށްތަކަށްވެސް މި ނުރައްކާ ވަނީ ކުރިމަތިވެފަ އެވެ. ގއ.، ގދ.، ރ.، ބ.، އަދި ނ. އަތޮޅުގެ ބައެއް ރަށްތައްވެސް އާދައާ ހިލާފަށް ދަނީ ގިރަމުންނެވެ. ހޭޅިފަށުގައި ހުރި ބިޔަ ގަސްގަހާއި ރުއްތަކުގެ މޫތަކަށް ރަށުގެ ފަސްގަނޑު އޮބަހެއްޓޭ ގޮތެއް ނުވެ އެވެ. މަޑުމަޑުން ރަށްރަށުގެ ތެރެއަށް ފިރުކެމުންދާ މޫދު ދަނީ ގޮނޑުދޮށްތަކުގައި އެތައް ސަތޭކަ އަހަރު ވަންދެން ހުރި ގަސްތައް ޝިކާރައަށް ހަދަމުންނެވެ. އެއީ ރަށުގެ މީހުންނަށް ހިތްދަތި، ބިރުވެރި މަންޒަރެކެވެ.

ވެލި ދައުރުވުމުގެ ހުރަހަކަށް ބަނދަރު

"ރަށް ގިރުމުގައި އެބަ އުޅޭ ދެ ކަމެއް. އެއީ އިންސާނުން ވެއްޓަށް ގެންނަ ބަދަލުތަކާއި މޫސުމަށް އަންނަ ބަދަލުތައް،" އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. އިބްރާހިމް މުހައްމަދު "ސަން"އަށް ވިދާޅުވި އެވެ.

ޑރ. އިބްރާހިމް ކިޔައިދެއްވި ގޮތުގައި ރާއްޖޭގެ ރަށްތައް އުފެދިފައި އޮތީ ގުދުރަތީ ގޮތުން ފަޅު ތެރޭގައި ވެލި އުފެދޭ ގޮތަށެވެ. އެ ވެލިތައް އޮޔާ އެކު ފަޅު ތެރޭގައި ދައުރުވެ އެވެ. އޮއި ހުންނަ ގޮތުން ރަށުގެ އެއް ފަރާތުން ގިރާ ނަމަ އެ ވެލި ދައުރުވެގެން ގޮސް ރަށުގެ އެހެން ފަރާތެއްގައި ޖަމާވެ އެވެ. ކަނޑަށް މަދުން ވެލި ފޭދުނަސް، ފަރުން ވެލި އުފެދޭތީ ރަށް ވަކި ވަރެއްގައި އޮވެ އެވެ.

"މިވާގޮތަކީ އަހަރެމެން އިންސާނުން ރަށްރަށުގެ މި ޑައިނަމިކްސްއަށް [ގުދުރަތީ ނިޒާމް] ނުވަތަ، ވޮޑި ގިރުމަށް ބަދަލު ގެންނަނީ. މިސާލަކަށް ބަނދަރު ހެދުމާއި ފަޅުތަކުގައި އެހެނިހެން ސްޓްރަކްޗާތައް ހެދުމުން ވެލިގަނޑު ދައުރުވުމަށް ހުރަސްތަކެއް މި އެޅެނީ،" އިބްރާހިމް ވިދާޅުވި އެވެ.

ގިނަ ފަހަރު ބަނދަރުތައް ހަދަނީ ރަށުގެ ގުދުރަތީ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ދީގެނެއް ނޫނެވެ. ނަތީޖާއަކަށް ވަނީ އިރުވައިގައި ރަށް ގިރާލާ ސަރަހައްދުގެ ވެލިތައް ރަށުގެ އެހެން ތަނަކަށް ޖަމާވެ ވޮޑެމުން ދިޔަ ނަމަވެސް، ހުޅަނގު މޫސުމުގެ އޮއިގައި އެ ވެލިތައް ގިރަމުން ދިޔަ ކޮޅަށް އަނބުރާ ޖަމާނުވުމެވެ. އެ ހުރިހާ ވެއްޔެއް އަނބުރާ އައި ތަނަށް ދައުރު ނުވުމުން އަނެއްކާވެސް އިރުވައި މޫސުން އަންނަ އިރު ކުރިން ގިރާފައި އޮތް ސަރަހައްދު އިތުރަށް ގިރައި ރަށުން ބޮޑު ބައެއް ގެއްލެނީ އެވެ.

ބައެއް ރަށް ރަށުގައި ބަނދަރު ތެރެއަށް ވެލި ޖަމާވެ އެވެ. ނުވަަތަ ކަނޑަށް ފޭދިގެންގޮސް ގޮނޑުދޮށުން އަބަދުގެ އަބަދަށް ވެލި ގެއްލިގެންދެ އެވެ.

ފަރުތައް ހަލާކުވުމުގެ އަސަރު

ރަށްރަށުގެ ގޮނޑުދޮށުގައި ހުންނަ ވެއްޔަކީ ފަރުން އުފެދޭ އެއްޗެކެވެ. އެ ވެލި އުފެދެނީ، ފަރުތަކުގައި ހުންނަ މުރަކަތައް ފުނޑުފުނޑުވުމާއި، މަސްތައް އެ މުރަކަތަކުގެ ބައިތައް ކެއުމަށް ފަހު ބޮޑުކަމުދާތަކެތީގެ ގޮތުގައި ބޭރު ކުރުމުންނެވެ.

ޑރ. އިބްރާހިމް ވިދާޅުވި ގޮތުގައި، ރަށްތައް ގިރާ އެންމެ މައިގަނޑު އެއް ސަބަބަކީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރަށުގެ ފަރު މަރުވުމެވެ. އަދި އެކަމުގެ ސަބަބުން ވެލި އުފެދުމުގެ ނިޒާމު ހުއްޓުމަކަށް އައުމެވެ.

ގއ. އަތޮޅުގެ ފަޅު ރަށެއް ގިރުމުގެ ސަބަބުން ރުއްތައް މޫދަށް ވެރިފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވެ، ފަރުގައި ހުންނަ ބޮޑެތި މުރަކަތައް މަރުވުމަކީވެސް ރަށް ގިރުމަށް މެދުވެރިވެދާނެ ސަބަބެއް ކަމަށް ޑރ. އިބްރާހިމް ވިދާޅުވި އެވެ. އެ މުރަކަތަކަކީ ގޮނޑުދޮށުގެ އައްޑަނަ ފަދަ އެއްޗެކެވެ. ގަދަ އޮޔާއި ބިޔަ ރާޅުތަކުން ގޮނޑުދޮށް ސަލާމަތްކޮށްދޭ އެއްޗެކެވެ. އެ މުރަކަތައް މަރުވުމުން ރަށް ބަލިކަށިވެގެންދެ އެވެ. އީއައިއޭ ހަދާ ވޯޓާ ސޮލިއުޝަންސް ކުންފުނީގެ މާހިރެއް ކަމަށްވާ އަހުމަދު އަލީމްވެސް ވިދާޅުވީ އެހެންނެވެ.

"ބައެއް ރަށްރަށުގައި ކޮންސްޓްރަކްޝަން މަސައްކަތަށް ރީފް ކްރެސްޓުން ގަލާ އެއްޗެހި ނަގާފައި ހުންނާނެ ބާޖު އެއްޗެހި ވައްދަން ވެގެން. އެ ދިމަ ދިމައިން ފާހަގަވާނެ ވަރަށް ބޮޑަށް ގިރާފައި ހުންނާނެ،" އަލީމް ވިދާޅުވި އެވެ.

ވެލި ނެގުމުގެ ނުރައްކާ ބޮޑު

ބަތަލާ އަދި ވެޔޮފުށި ފަދަ ރަށްތަކަކީ ފުރިހަމައަށް ނުއުފެދޭ ރަށްތަކެވެ. ގަސްމަދު ކަމުން ވެލިގަނޑުގައި ބާރު ނުހުންނަ ރަށްތަކެވެ. އަލީމް ވިދާޅުވި ގޮތުގައި، އެފަަދަ ރަށަކުން ވެލި ނަގައިފި ނަމަ ވަރަށް އަވަހަށް ރަށް ގިރައި ހުސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ޑިވޮލޮޕްވަމުން އަންނަ ރަށްތައް. ރަނގަޅަށް މެޗުއާ ނުވަނީސް ވެލި ނަގަން ފައްޓައިފިއްޔާ އެ ވަރަށް ފަސޭހައިން ދާނެ [ގިރައިގެން]." އަލީމް ވިދާޅުވި އެވެ.

ފަޅު ރަށްރަށުގެ ގޮނޑުދޮށްތަކުން ވެލި ނެގުމަކީ އަދިވެސް ކުރާ ކަމެކެވެ. ރިސޯޓުތަކުން ބީޗުތައް ރީތި ކުރަން އަދިވެސް އެގޮތަށް ވެލި ނަގަ އެވެ.

ބަތަލާ އަދި ވެޔޮފުށި ގިރައިގެން ދިޔައީ އެތަނުން ވެލިނަގާތީ ކަމަށް ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ބައެއް މީހުން ތުހުމަތު ކުރެ އެވެ. ތުހުމަތުގެ އިނގިލި އަމާޒުވާ އެއް ފަރާތަކީ ބަތަލާ ކައިރީގައި އޮންނަ ލަނޑާގިރާވަރު ރިސޯޓެވެ.

މިދިޔަ ވެރިކަމުގައި އެ ރިސޯޓުގެ މީހުން ޓޫރިޒަމަށް ދުވަހަކުވެސް ދޫނުކުރާ ބަތަލާ އަމިއްލަ ތަނަކަށް ހަދައިގެން، ގެސްޓުން ގެންގޮސް އުޅުނު ކަމަށް ކުޑަރިކިލު ކައުންސިލުން ބުންޏެވެ. އަދި އޭރު އާންމުން އެ ރަށަށް އެރިޔަ ނުދޭ ކަމަށްވެސް ބުންޏެވެ. ރަށް ގިރަން ފެށުމުން އެ ރިސޯޓުން ބަތަލާގައި ޖިއޯ ބޭގުވެސް ޖެހި ކަމަށް ކައުންސިލުން ބުންޏެވެ. އެކަމަކު، ލަނޑާގިރާވަރުގެ ބޭނުމަށް ބަތަލާއިން ވެލި ނެގި ކަމެއް އެނގިފައެއް ނުވެ އެވެ.

ވެޔޮފުށި ކައިރީގައި އޮންނަނީ ޑްރީމްލޭންޑު ރިސޯޓެވެ. އެ ރިސޯޓަށްވެސް ތުހުމަތުގެ އިނގިލިތައް އަމާޒުވެ އެވެ. އެކަމަކު، ވެލި ނެގި ކަމުގެ ހެއްކެއް ނެތެވެ.

މިހާރު ހިނގަމުން ދަނީ އާދައިގެ ކަމެއް ނޫން

ރަށްރަށް އަބަދުވެސް ގިރަ އެވެ. އެކަމަކު، އެކަން ހިނގަމުން ދަނީ އާދައާ ހިލާފަށްކަން އެނގެނީ 200 އަހަރުވަންދެން ގޮނޑުދޮށެއްގައި ހުރި ގަހެއް ރަށް ގިރުމުގެ ސަބަބުން މޫދުތެރެއަށް ވެއްޓި ގިރާލައިގެން ދިޔުމުންނެވެ. ރ. ފައިނަށް ދިމާވެފައި އޮތީ މިކަހަލަ ނާޒުގު ހާލަތެކެވެ. އެ ހާލަތުން ބުނެދެނީ، މިދިޔަ 200 އަހަރުވެސް ފައިނު ނުގިރާ ވަރަށް މިހާރު ގިލާރާފައިވާ ކަމެވެ.

"ދެހާސް ސަތާރަ އަދި އަށާރަ ވެސް ދިޔައީ ރަނގަޅަށް. ގިރުމުގެ ކަމަކާ ދިމައެއް ނުވޭ. އެކަމަކު މިދިޔަ އަހަރުގެ ވަކި ހިސާބަކުން ފެށިގެން މިކަންތައް އެބަ ދިމާވޭ. މިހާރު ވަކިން ބޮޑަށް އެކަން ފާހަގަވޭ. ގިރަމުންގޮސް 200 އަށް ވުރެ ގިނަ އަހަރު ވެފައި ހުރި ގަސްތައްވެސް ވެއްޓިއްޖެ،" ފައިނު ކައުންސިލުގެ ރައީސް އިބްރާހިމް ނާސިރު "ސަން"އަށް ވިދާޅުވި އެވެ.

ފައިނުގެ އިތުރުން ދެން އެންމެ ބޮޑަށް ގިރަމުންދާ އެއް ރަށަކީ ބ. ދަރަވަންދޫ އެވެ. އެ ރަށުގެ އުތުރު ފަރާތު ގޮނޑުދޮށަކީ ރީތި ކަމަށް މަޝްހޫރު ގޮނޑުދޮށެކެވެ. އެއީ މީހުން އެއްވެލައި، ހިތްހަމަޖައްސާލަން ނުކުތް ތަނެކެވެ. މިހާރު އެ ގޮނޑުދޮށް މޫދު ތެރެއަށް ދަމައިގަނެ ވަނީ ގެއްލިފަ އެވެ. ދޮން ވެލި ހުންނަންވީ ތަނުގައި ހުރީ ގަލެވެ. ރަށުގެ މުޅި މަލަމަތި ހަރާބުވެއްޖެ އެވެ.

ބ. ދަރަވަންދޫގެ ބީޗެއް ގިރާލާފައި: މިއީ ކުރިން މީހުން ހިތްފަސޭހަކޮށްލަން ގޮސް އުޅުނު ތަނެއް --

"އަޅުގަނޑުމެން މިހާރު ހިނގަމުންދާ ކަންކަމުގެ ރިޕޯޓު މިދަނީ ވަރަށް ގާތުން ބަލަމުން އެކަން ދިރާސާ ކުރަމުން. ކުރެވެން ހުރި ކަންތައްތައް ބަލަމުން އަޅުގަނޑުމެން މިދަނީ،" ރަށް ގިރުމާ ބެހޭގޮތުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވި އެވެ.

ޑރ. ނަސީރުވެސް، ޑރ. އިބްރާހިމްވެސް އަދި އަލީމްވެސް އެއްބަސްވާ އެއް ކަމެއް އެބަ އޮތެވެ. އެއީ މިހާރު ރަށްރަށް ގިރަމުން މިދާ ސަބަބުތައް ބަލައި ހައްލު ހޯދުމަށް ދިރާސާ ކުރަން ޖެހޭ ކަމެވެ.

"ދިގު މުއްދަތަކަށް ރަށު ފެންވަރުގައި ވަކި ވަކިން ދިރާސާކޮށްގެން ހައްލު ހޯދުމަކީ މުހިންމު ކަމެއް. ކުއްލިއަކަށް ގޮސް ހަމަ ހައްލު ހޯދުމަކީ ދަތި ކަމެއް ވަރަށް އުނދަގޫ ކަމެއް. އަޅުގަނޑަށް ހިޔެއް ނުވޭ ކިތަންމެ ވަރަކަށް އަޅުގަނޑުމެން ގޮސް ތަންތަން ބަލާފައި މިހެންނޭ ހަދާނީ ހިތައް އެރިޔަސް އެހެން ވާނެހެންނެއް. ކޮންމެވެސް ވަރަކަށް ދިރާސާވެސް ކުރެވިގެން ހައްލު ކުރެވޭނީ،" ޑރ. ނަސީރު ވިދާޅުވި އެވެ.

ދުނިޔެއަށް ބަދަލު އެބަ އާދޭ، މިއީ ހަގީގަތެއް!

އިންސާނުން ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތަކުގެ ސަބަބުން ދުނިޔެ ހޫނުވެ އެވެ. އަދި އެކަމުގެ ސަބަބުން ގަނޑުފެން ވިރި ކަނޑުގެ ލޮނުގަނޑު މަޑުމަޑުން އުފުލެމުން އެބަދެ އެވެ. ކަނޑުތަކުގެ އޮއިވަރަށްވެސް ބަދަލު އާދެ އެވެ. މިއީ ދިރާސާތަކުން ފެންނަން ހުރި ހަގީގަތްތަކެކެވެ.

ނޭޗާ ކޮމިއުނިކޭޝަންސް މަޖައްލާގައި ކްލައިމެޓު ސެންޓްރަަލްއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޝާއިއު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 2050 ވަނަ އަހަރު އަންނަން ވާއިރަށް ކުރީގެ ދިރާސާތަކުން އަންދާޒާ ކުރި ވަރަށް ވުރެ، ތިން ގުނަ މީހުންނަށް ކަނޑުގެ ލޮނުގަނޑު އުފުލުގެ އަސަރު ކުރާނެ އެވެ. އަދި 2050 ވަނަ އަހަރު ކަނޑުގެ ލޮނުގަނޑަށް ވުރެ ތިރީގައި އޮންނާނެ ކަމަށް ދައްކާ ސަރަހައްދުތަކުގައި މިހާރުވެސް ގާތްގަނޑަކަށް 150 މިލިއަން މީހުން ދިރިއުޅެމުންދާ ކަމަށް އެ ދިރާސާއިން ދައްކަ އެވެ.

އެ ދިރާސާގެ ހިސާބުތަކުން ދައްކާ ގޮތުގައި 2050 ވަނަ އަހަރު ކަނޑުގެ ލޮނުގަނޑު އޮންނާނީ މާލޭގެ ބޮޑު ބަޔަކަށް ވުރެ މަތީގަ އެވެ. ރާއްޖޭގެ ގިނަ ރަށްތައް އޮންނާނީ އެ ހާލުގަ އެވެ.

ނޭޗާ ކޮމިއުނިކޭޝަންސް މަޖައްލާގައި ކްލައިމެޓު ސެންޓްރަަލްއިން ޝާއިއު ކުރި ދިރާސާގެ ޑޭޓާތަކުން ދައްކާ ގޮތުގައި 2050 ވަނަ އަހަރު މާލޭގެ ބޮޑު ބައެއް އޮންނާނީ ކަނޑު ލޮނުގަނޑަށް ވުރެ ތިރީގައި: ރަތް ކުލައިން ފެންނަނީ ނުރައްކަލުގައިވާ ސަރަހައްދު --

އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަމިއްލަ ބާރުގައި ކުރެވޭނެ ކަންތައްތައް ވަރަށް މަދު ކަމަށެވެ. އަމިއްލަ ބާރުގައި ކުރެވެން ހުރި މަސައްކަތްތައް މިހާރުވެސް ސަރުކާރުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތު ކުރުމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ހިމާޔަތް ކުރަން ޖެހޭ ރަށްރަށް ހިމާޔަތް ކުރުމަކީ މިހާރު ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތައްވެސް އަޅުގަނޑުމެން މިދަނީ ކުރަމުން އެހެންނޫންތޯ. ރަށްރަށް ހިމާޔަތް ކުރުމާއި ރަށްރަށް ޕްރޮޓެކްޓު ކުރުމަށް ސަރުކާރުންވެސް ވަރަށް ބޮޑު ހޭދަތަކެއް ކުރައްވާފައިވޭ. ހާއްސަގޮތެއްގައި ހިމާޔަތް ކުރަން ޖެހޭ ތަންތަން ހިމާޔަތް ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހއ. ކެލާގައި ގިރާ ސަރަހައްދު ތިމާވެށީގެ މިނިސްޓަރު، ޑރ. ހުސެން ރަޝީދު ބައްލަވާ ލައްވަނީ -- ފޮޓޯ/ އެންވަޔަރުމަންޓް މިނިސްޓްރީ

ރަށް ގިކުރުމުގެ މައްސަލަ މިހާރު މި ވަނީ މުޅިން އެހެން ނުރައްކާ ދަރަޖައަކަށް ބަދަލުވެފަ އެވެ. ރަށް ގިރުމަކީ މީގެ ކުރިން ގުދުރަތީ ގޮތުން ވަރަށް އާދައިގެ ކަމަކަށް ވިޔަސް، ރަށްރަށް ނެތި ދިޔުމުގެ ނުރައްކާ މި ވަނީ ބޮޑުވެފަ އެވެ. މިކަންކަމުން އަރައިގަންނަން އެންމެން އެކުވާން ޖެހެ އެވެ. އެއްވާހަކައެއް ދައްކަަން ޖެހެ އެވެ. އެކަމަކު ސުވާލަކީ މި ރަށްތައް ގެއްލި ދިޔުމުގެ ކުރިން އެ މަސައްކަތް ފަށައިގަނެވޭނެ ހެއްޔެވެ؟ އަހަރުމެން ހޭ އަރާނީ ކޮންއިރަކުން ހެއްޔެވެ؟

comment ކޮމެންޓް