ދިވެހި އަސްކަރިއްޔާގައި ބޭރުގެ ބަޔަކު ނުތިބޭނެ: މާރިޔާ

ރައީސް އޮފީހުގައި ސިފައިން ދެއްވި ޕްރެސް ކޮންފަރެންސްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދިވެހި ރާއްޖޭގެ އަސްކަރިއްޔާގައި އެހެން ގައުމެއްގެ ބައެއް ނުތިބޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ބައެއް ފަރާތްތަކުން ދަނީ ރާއްޖޭގެ އަސްކަރިއްޔާގައި ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ބުނަމުން ކަމަށާއި ނަމަވެސް ރާއްޖޭގެ އަސްކަރިއްޔާގައި ތިބޭނީ ދިވެހިން ކަމަށެވެ.

"އެ ބޭފުޅުން ދައްކަވާ ވާހަކައަކީ ހަމަޖެހޭ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި ނޯންނާނެ ބޭރު ފަރާތެއްގެ އަސްކަރީ ބޭސް އެއްވެސްް. އެއީވެސް ހަމަ އެ ބޭފުޅުން ރައްޔިތުންނަށް އޮޅުވާލަން ދައްކުވާ ވާހަކަ،" މާރިޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އަސްކަރިއްޔާގައި އިންޑިއާގެ ފަރާތްތައް ހިމެނޭ ކަަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވާހަކަދައްކާފައެވެ. އެކަމަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވީ އިންޑިއާއަކީ ފެށުނީއްސުރެ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ.

"އެކި އެކި ހާލަތްތަކުގައި، މި ދޭތެރެއިން ރާއްޖެ ފެނަށް ޖެހުނީމަވެސް ހަމަ އެމީހުން ފެން ހިފައިން އެންމެ ފުރަތަމަވެސް އައީ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެކި ފަރާތްތަކުން އިންޑިއާގެ ބޭސް އެއް ރާއްޖޭގައި އޮންނަ ކަމަށް އިޝާރާތް ކުރަނީ އިންޑިއާގެ ޕައިލެޓުން އޮޕަރޭޓުކުރާ ހެލިކޮޕްޓަރުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ހެލިކޮޕްޓަރުތަކުގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑެތި އެހީތައް ލިބޭ ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް