އާ ސީޕީއާއެކު ޖަލު އޮޑިޓް ތަންފީޒުކުރުން ހަލުވި ވާނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--- ފޮޓޯ: ހޯމް މިނިސްޓްރީ

އަލަށް އައްޔަނުކުރެއްވި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅާއެކު، ޖަލުތަކުގެ އޮޑިޓު ރިޕޯޓުގެ ރިކޮމެންޑޭޝަން ތަންފީޒުކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަބްދުﷲ މުނާޒު މާގާމުން ވަކި ކުރައްވައި އެ މަގާމަށް އަހުމަދު މުހައްމަދުފުޅު ހަމަޖައްސަވާފައިވަނީ މިއަދެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުނާޒު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވިއިރު ކޮށްދެއްވާފައިވާ ހިދުމަތް ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

މިހާރު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަނުކުރައްވާފައިވާ އަހުމަދު މުހައްމަދުފުޅަކީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައި ކުރިން ހުންނެވި ބޭފުޅެވެ.

މުނާޒު މަގާމުން ވަކި ކުރީ ރޭވުމެއްގެ ދަށުން ކަމަށް މިއަދު އޭނާ ވަނީ ވިދާޅުވެފައެވެ.

މަގާމުން ވަކިކުރެއްވުމާ ގުޅިގެން މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ކަރެކްޝަންސްގައި ހުންނެވި އިރުގައި ޖަލު ހިލުވާލަން ކޯލިޝަނާއި ކޯލިޝަނުގެ ބޭރުން ގުޅިގެން "ކުޅިގަނޑެއް" ކުޅުނު ކަމަށެވެ.

ނަމަވެސް އެ ކުޅިގަނޑު ކާމިޔާބު ނުވުމުން މިއަދު ވަޒީފާއިން ވަކި ކުރެއްވި ކަމުގެ ތުހުމަތު ވަނީ މުނާޒު ކުރައްވާފައެވެ.

comment ކޮމެންޓް