ބޭނުންވީ މިނިވަންވެ ތިބެ ހިދުމަތްކުރަން، އެ ފުރުސަތެއް ނުލިބުނު: ހެރީ

ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް --- ފޮޓޯ/ ރޮއިޓާސް

ބޭނުންވީ މާލީ ގޮތުން މިނިވަންވެ ތިބެ ޝާހީ ހިދުމަތުގައި ދެމިތިބުމަށް ކަމަށާއި ނަމަވެސް ބޭނުންވި ގޮތަށް އެ ފުރުސަތު ނުލިބުނުކަމަށް އިނގިރޭސި ޝާހީ އާއިލާގެ ރަސްމީ މަސައްކަތުން އެކަހެރިވުމަށް ނިންމަވާފައިވާ ޕްރިންސް ހެރީ ވިދާޅުވެއްޖެއެވެ.

ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް ޝާހީ އާއިލާއިން އެކަހެރިވެ، މާލީ ގޮތުން މިނިވަން ބަޔަކަށް ވުމުގެ އިތުރުން އިނގިރޭސިވިލާތުގެ އިތުރުން ކެނެޑާގައި ދިރިއުޅުމަށް ނިންމެވި ނިންމެވުމާއެކު އެގައުމުގެ ޝާހީ އާއިލާއަށް ކުރިމަތިވީ ބޮޑު ނުތަނަވަސްކަމަކާއެވެ.

ޝާހީ އާއިލާގެ ބޮޑުންގެ ބައްދަލުވުމަކަށްފަހު އިނގިރޭސި ރާނީ އެލިޒަބަތު ވަނީ ހެރީގެ ދެކަނބަލުން އެދިވަޑައިގަންނަވާ ގޮތަށް ޝާހީ އާއިލާއާ ވަކިން ދިރިއުޅުމަށް އެއްބާރުލުން ދެއްވާނެކަމާށް ވިދާޅުވެފައެވެ.

ނަމަވެސް އިއްޔެ ޝާހީ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި އަހަރުގެ ރަބީއު މޫސުމުގެ ތެރޭގައި ހެރީއާއި މޭގަންގެ ޝާހީ ލަގަބުތައް ބޭނުންކުރުން ހުއްޓާލާނެއެވެ. އަދި އެ ދެކަނބަލުން އަސްކަރީ އަދި ޝާހީ ޒިންމާތަކުން ވީއްލިވަޑައިގަންނަވާނެއެވެ.

މި ކަންކަން ހިނގައިދިޔަ ފަހުން ޕްރިންސް ހެރީ ރޭ ފުރަތަމަ ފަހަރަށް ވަނީ އާންމު ތަނެއްގައި، ހިނގައިދިޔަ ކަންކަމާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. އެފްރިކާ ބައްރުގައި އެޗްއައިވީ ޖެހިފައިވާ ކުޑަކުދިންނަށް އެހީ ހޯދާ، އަދި ހެރީގެ ބައިވެރިވުންވެސް ބޮޑު ވެރިޓީ "ސެންޓެބޭލް"ގެ ހަފްލާއެއްގައި ރޭ ވާހަކަދައްކަވަމުން ޕްރިންސް ހެރީ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ގިނަ ވާހަކަތަކެއް ރައްޔިތުންނަށް އަޑު އިވިފައިވާނެ ކަމަށާއި، ނަމަވެސް ކަމުގެ ހަގީގަތް އޭނާގެ ފަރާތުން އެންމެންނަށް ހާމަކޮށްދޭން ބޭނުންވާ ކަމަށެވެ.

https://sun.mv/130385

މާމާފުޅު ރާނީ އެލިޒަބެތަށް ނުހަނު ބޮޑަށް އިހުތިރާމްކުރައްވާކަމަށް ވިދާޅުވަމުން، ހެރީ ވިދާޅުވީ އޭނާއާއި އަނބިކަނބަލުން މޭގަންގެ އުންމީދަކަށްވީ ދައުލަތުގެ ފައިސާއިން އެއްކިބާވެ ހުރެ ރާނީއަށާއި ކޮމަންވެލްތަށް ހިދުމަތްކުރުމުގެ އިތުރުން ހެރީގެ އަސްކަރީ ހިދުމަތްތަކުގައި ދެމިހުރުމަށް ކަމަށެވެ.

"ނަމަވެސް މިކަން ވާ ގޮތެއް ނުވި. އަހަރެން މިކަން ގަބޫލުވެސް ކޮށްފިން. އެކަމަކުވެސް އަހަރެންނަކީ ކާކު ކަމާއި އަހަރެންގެ ނިޔަތަށް ބަދަލެއް ނާދޭ،" ހެރީ ވިދާޅުވިއެވެ.

ބަކިންހަމް ޕެލެސްއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ހެރީއާއި މޭގަން ރަސްމީ ހައިސިއްޔަތުން ޝަހީ އާއިލާއާއި ރާނީ ތަމްސީލުކުރެއްވުން ހުއްޓާލައްވާނެ ކަމަށެވެ.

އަދި އެ ދެކަނބަލުން މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ގެކޮޅަށް މީގެ ކުރިން ހިނގާފައިވާ މަރާމާތެއްގެ ހަރަދު ކަމުގައިވާ 2.4 މިލިއަން ޕައުންޑު ދައުލަތަށް އަނބުރާ ދެއްކެވުމަށްވެސް އެއްބަސްވެވަޑައިގެންފައިވާކަމަށް އެ ބަޔާނުގައި ބުނެއެވެ.

ހެރީ ވިދާޅުވި ގޮތުގައި އޭނާއާއި މޭގަން މާކަލް ކައިވެނި ބައްލަވައިގެންނެވި އިރު ތިއްބެވީ ވަރަށް އުފަލާއި އުންމީދުން ފުރި، އަދި ހިދުމަތުގައި ދެމިތިބުމަށް ތައްޔާރަށް ކަމަށެވެ.

އެހެން ނަމަވެސް ކަންކަން ހިނގަމުން ދިޔަ ގޮތާއެކު މިފަދަ ދަނޑިވަޅެއް ކުރިމަތިވެފައިވުމަކީ ބޮޑު ހިތާމައެއް ކަމަށް ބުންޏެވެ.

"އަހަރެންނާއި އަހަރެންގެ އަނބިމީހާ ފަހަތަށް ފިޔަވަޅެއް އެޅުމުގެ ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން. މިއީ އެތައް އަހަރެއްގެ ގޮންޖެހުމަކާ މެދު އެތައް އަހަރުތަކެއް ވަންދެން ވާހަކަ ދައްކައިގެން ނިންމި ނިންމުމެއް. މި ނޫން އެހެން ގޮތެއް ނެތިގެން،" ހެރީ ވިދާޅުވިއެވެ.

ހެރީ ވިދާޅުވީ އޭނާގެ މަންމާފުޅު އަވަހާރަވި ދުވަހު އޭނާއަށް ކުލުނާއި ލޯބި ދިނީ އޭނާގެ ގައުމާއި އާއިލާއިން ކަމަށާއި، ނަމަވެސް މީޑިއާގެ ބާރު އެއަށްވުރެ ގަދަ ކަމަށެވެ. ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާއަށް އިނގިރޭސި މީޑިއާއިން ވަރަށް ބޮޑަށް ފާޑު ކިޔައި ހެދި އިރު، ހެރީގެ އަނބިކަނބަލުން މޭގަން މާކަލްއަށް ނިސްބަތްކޮށްވެސް މީޑިއާ ދިޔައީ ހަމަލާ ދެމުންނެވެ.

"އަހަރެންގެ އުންމީދަކީ އެއް ދުވަހަކުން އަހަރެމެން އެކަކު އަނެކަކަށް ދޭ ހިތްވަރަކީ އެއަށްވުރެ ވަރުގަދަ އެއްޗަކަށް ވާނެކަމަށް،" ހެރީ ވިދާޅުވިއެވެ.

comment ކޮމެންޓް