ގދ. ތިނަދޫގައި ބިދޭސީއެއްގެ ސައިކަލުން ޖެހި އެކްސިޑެންޓްވި އަށް އަހަރުގެ ފިރިހެން ކުއްޖެއްގެ ފައި އޮޕަރޭޝަން ކުރަން ކަރަންޓް ބުރުމާއަކުން ތޮރުފި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
މިދިޔަ ޖޫން މަހު ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި ފަޔަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އުމުރުން އަށް އަހަރުގެ ކުއްޖެއްގެ ފައި ކަރަންޓް ބުރުމާއަކުން ތޮރުފާފައި ވަނީ ހޮސްޕިޓަލުގައި ތޮރުފަން ބޭނުން ކުރާ ހޭންޑް ޑްރިލްގެ ބަދަލުގަ އެވެ. އަދި ކަރަންޓް ބުރުމާ އިން އެކުއްޖާގެ ފައި ތޮރުފާފައި ވަނީ ޑޮކްޓަރުގެ އެންގުމަށް ކަން ވަނީ ސަން އަށް މައުލޫމާތު ލިބިފަ އެވެ. އެ އެ އޮޕަރޭޝަން ކުރި ވަގުތު ޑޮކްޓަރުގެ އިތުރުން ތިއޭޓަރުގައި ތިބީ ދިވެހި ތިން ނަރުހަކާއި ބިދޭސީ ނަރުހެކެވެ.
އެކްސިޑެންޓްވި ކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި ކުއްޖާގެ ދޮންބައްޕަ މުހައްމަދު ނަސީމް މޫސާ މިއަދު ބުނީ މި އަހަރުގެ ޖޫން 27ގައި ހިނގި އެކްސިޑެންޓްގައި ކުއްޖާގެ ވައަތު ފައިގެ ކަކުލުހުޅުގެ ތިރީ ކަށިގަނޑު މެދުން ބިނދިފައިވާ ކަމަށެވެ. އަދި ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ދެއްކުމުން ފައިގެ އޮޕަރޭޝަނެއް ކުރުމުން ހަފްތާއެއް ތެރޭ ހިނގޭނެ ކަމަށް ޑޮކްޓަރުން އޭރު ވިދާޅުވި ކަމަށެވެ.
"ހޮސްޕިޓަލުން ބުނީ އޮޕަރޭޝަން ކޮށްލާ ބޯލްޓް އަޅައިލީމާ ހަފްތާއެއް ތެރޭ ހިނގާލެވޭނެ ކަމަށް. އެހެންވީމަ އަޅުގަނޑުމެން ބެލީ ވީހާ އަވަހަށް ރަނގަޅުވާނެ ގޮތެއް،" ނަސީމް ބުންޏެވެ.
ނަސީމް ބުނީ ކުއްޖާގެ ފައި އޮޕަރޭޝަން ކުރިތާ ހަފްތާއެއް ފަހުން ބޭސް އަޅަން ހޮސްޕިޓަލަށް ގެންގޮސް ބޭސްގަނޑުނެގި އިރު ފައިގައި އަޅާފައި އިން ހަތަރު ބޯލްޓް ވެސް ފެންނަން ހުރި ކަމަށާއި އަދި އާއިލާ އިން އެކަމާ ސުވާލު ކުރުމުން އެއީ މައްސަލައެއް ނޫން ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ.
ނަސީމް ބުނީ އޭނާގެ ދޮންދަރިފުޅުގެ ފައިގައި ދެ ވަނަ ފަހަރަށް ބޭސް އަޅަން ދިޔައިރު ވެސް ފައިގައި އަޅާފައި ހުރި ބޯލްޓްތައް ފެންނަން ހުރުމުން ތަކުރާރުކޮށް ޑޮކްޓަރާ ސުވާލު ކުރުމުން ވިދާޅުވީ ފައިގެ ޕްލާސްޓިކް ސާޖަރީއެއް ހެދުމަށް މާލެ ދިއުމަށް ކަމަށެވެ. އަދި މާލެ އައިސް އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދެއްކުމުން ވަގުތުން ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގުޅައި ކުއްޖާގެ ފައިގެ އޮޕަރޭޝަން ކުރިގޮތް އޮޅުންފިލުވި ކަމަށް ވެސް ނަސީމް ބުންޏެވެ.
ކުއްޖާގެ ދޮންބައްޕަ ނަސީމް ބުނީ ކުއްޖާގެ ފައިގައި އަޅާފައި ހުރި ބޯލްޓުތަކަކީ ބޮޑެތި މީހުންގެ ފައިގައި ބޭނުން ކުރާ އެއްޗެހިތަކެއް ކަމަށް ޑޮކަޓަރުން ވިދާޅުވި އިރު ކަރަންޓް ބުރުމާ އިން ފައި ތޮރުފާފައި ހުރިކަން އެނގުނީ އައިޖީއެމްއެޗްގެ ޑޮކްޓަރު އެވާހަކަ ވިދާޅުވުމުން ކަމަށެވެ.
ނަސީމް ބުނީ ކުއްޖާގެ ފައި މިހާރު މަޑުމަޑުން ރަނގަޅު ވަމުން އަންނަ އިރު މުޅި އަހަރުގެ ކިޔެވުން އެ ކުއްޖާއަށް ގެއްލިގެން ދިޔަ ކަމަށެވެ. އަދި ފައިގައި އަޅާފައި ހުރި ބޯލްޓްތަކުގެ ސަބަބުން ފައި އިތުރަށް ހަލާކުވެފައި ވާތީ އެއް މަހާ 10 ދުވަސް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އިންޖެކްޝަންތައް ޖަހަން ޖެހުނު ކަމަށެވެ.
އަޕާ ސައުތު ހެލްތު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ލުތުފީ މިއަދު ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި އެކަން މިހާރު މެޑިކަލް ކައުންސިލުންނާއި ނާސިން ކައުންސިލުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރެއްވި ބިދޭސީ ޑޮކްޓަރަކީ އައިޖީއެމްއެޗްގައި ކަށީގެ ޑޮކްޓަރުން ހެއްދެވި އޮރިއެންޓޭޝަނަކަށް ފަހު ތިނަދު އަށް ފޮނުވާފައި ހުރި ޑޮކްޓަރެއް ކަމަށެވެ.
"މި ކޭސްގައި ހަމައެކަނި ތަފާތުވެފައި އިނީ އޮޕަރޭޝަން ތިއޭޓަރަށް ހާއްސަ ނޫން އެއްޗެއް ބޭނުން ކުރުން. އެތަނުނގައި ބޭނުން ކުރާ ހޭންޑް ޑްރިލްގެ ބަދަލުގައި އެހެން އެއްޗެއް ބޭނުން ކުރިކަން. ދޭތީގައި ތަފާތަކީ ހޭންޑް ޑްރިލް އެއީ މެޑިކަލީ ބޭނުން ކުރާ އެއްޗެއްކަން،" ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ އިރު އޮޕަރޭޝަން ކުރެއްވި ޑޮކްޓަރު އަމިއްލަ ކަމެއްގައި ފުރާފައިވާ ކަމަށެވެ.