ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން 'ޖެންގޯ ގާރލްސް މާލެ'ގެ ނަމުގައި އަންހެނުންނަށް ވެބްސައިޓް ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަށަން ތައްޔާރުވެއްޖެ އެވެ.
މި ހަފްތާ ބަންދު ދެ ދުވަހު ކުރިއަށްގެންދާ އެ ވޯކްޝޯޕް ހާއްސަކޮށްފައިވަނީ 16 އަހަރުން މަތީގެ އަންހެނުންނަށެވެ.
ދިރާގުން ބުނީ މި ވޯކްޝޮޕަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ކޯޑު ކުރަން ދަސްކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމުގައިވާ ޖެންގޯ ގާރލްސްގެ ވޯރކްޝޮޕެއް ކަމަށެވެ.
މާލޭގައި ހިންގާ ވޯކްޝޮޕުގައި ޕައިތަން އަދި ޖެންގޯ ފްރޭމްވޯރކު ބޭނުންކޮށްގެން ބައިވެރިންނަށް ވެބްސައިޓް ހަދަން ދަސްކޮށްދޭނެއެވެ. މި ވޯކްޝޮޕުގައި ވެބްސައިޓް ހަދަން ދަސްކޮށްދޭ ކޯޗުންނަކީ ވިމެންޓް އިންޓެކްއިން މިދިޔަ އަހަރު ޖެންގޯ ކޯޗުން ތައްޔާރުކުރަން ހިންގި ޕްރޮގްރާމުގެ ބައިވެރިންނެވެ.
ދިރާގުން ބުނީ ވޯކްޝޮޕުގައި ބައިވެރިން ވެބްސައިޓް ހަދާނީ ކޯޗުންގެ އިރުޝާދާއެކު ކަމަށް ވުމުން ޕްރޮގްރާމިންގްގެ އެއްވެސް ތައުލީމެއް އަދި ތަޖުރިބާއެއް ނެތް ފަރާތްތަކަށް ވެސް އެ ވޯކްޝޮޕުގައި ބައިވެރިވެވޭނެ ކަމަށެވެ.
ޖެންގޯ ގާލްސް މާލޭގެ އިތުރުން ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއި އަދި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި 'ގަރލްސް ޓު ކޯޑް' ނަމުގައި އަންހެނުންނަށް ކޯޑުކުރަން ދަސްކޮށްދޭ ސިލްސިލާ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދެ އެވެ.
އެ ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމު ބޭއްވީ މިދިޔަ އަހަރުގެ ތެރޭގައި ފުވައްމުލަކުގަ އެވެ. ދިރާގުން ބުނީ އެފަދަ އިތުރު ޕްރޮގްރާމުތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ހިންގަން ރާވާފައިވާ ކަމަށެވެ.