އައްޑޫ ދަމަނަވެށިން ގެއްލުނު ވެކްސިން ތައްގަނޑު ފަޅުރަށަކުން ފެނިއްޖެ

އައްޑޫ ދަމަނަވެށިން ގެއްލުނު ވެކްސިން ތައްގަނޑު ފުލުހުން ހޯދާފައި -- ފޮޓޯ/ ޕޮލިސް

އައްޑޫ ސިޓީގައި ހުންނަ ދަމަނަވެށިން ގެއްލިގެން އުޅުނު ވެކްސިން ދިނުމަށް ފަހު ޖަހާ، އެ ސެންޓަރުގެ ރަސްމީ ތައްގަނޑު ގދ. އަތޮޅުގެ ފަޅު ރަށަކުން ފެނިއްޖެ އެވެ.

އައްޑޫ ސިޓީގައި ހުންނަ ދަމަނަވެށިން ވެކްސިން ދިންކަން އަންގައިދިނުމަށް ފަހު ޖަހާ ތައްގަނޑެއް ވަގަށް ނެގި މައްސަލައެއް ވަނީ ދާދި ފަހުން ފެންމަތިވެފަ އެވެ.

ދަމަނަވެށި ހިންގެވުމާ ހަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު އިހުތިޝާމް ނަޖީބު އިއްޔެ "ސަން" އަށް ވިދާޅުވީ ދަމަނަވެށިން ވައްކަން ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ ވަގަށް ނެގި ދަމަނަވެށީގެ ތައްގަނޑު ފެނިފައިވަނީ ގދ. ކުރިކޭމާހުއްޓާ ނަމަކަށް ކިޔާ ފަޅުރަށަކުން ކަމަށެވެ. އަދި އެ ފެނިފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު އެ ރަށަށް ގޮސް އުޅުނު އާންމުންތަކަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ތައްގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހަށް ލިބިފައިވަނީ މިއަދު ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީ ހިތަދޫގައި ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް ހުންނަ ކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ. އިހުތިޝާމް ވިދާޅުވީ މިފަދަ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު ވެކްސިން ތައްގަނޑާއި ވެކްސިން ކާޑުތަކުގެ ކޮޕީގެ އިތުރުން އޮފީހުގެ ރަސްމީ ލިޔުންތަކެއް ހުރި ސީޕީޔޫއެއް ވަގަށް ނަގާފައިވާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

އަދި އެ ތަކެތީގެ ނާޖާއިޒް ފައިދާ ބަޔަކު ނެގުމަކީ، ނުވަތަ މިހާރުވެސް ނަގާފައި ވުމުގެ ކަންބޮޑުވުމެއް ކަމަށް ވެސް އިހުތިޝާމް ފާޅުކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު