އަބްދުﷲ ގާޒީއަށް ފިޔަވަޅު ނާޅަން އަމުރެއް ނެރުމުން މަޖިލީހަށް ގަރާރެއް

ސިވިލް ކޯޓުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފި އެވެ.

އެ ގަރާރަށް، ފޭދޫ ދާއިރާގެ އަލްހާން ފަހުމީ ވަނީ ތާއީދު ކުރައްވާފަ އެވެ.

އިމްތިޔާޒުގެ ގަރާރުގައި ބުނަނީ ޖޭއެސްސީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އަދާކުރުމަށް، ވަކި ފަރާތަކުން ހުރަސް އަޅަމުން ގެންދާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެން ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ ސުލޫކީ މައްސަލާގައި ޖޭއެސްސީ އިން ފިޔަވަޅު އަޅަން ނިންމާފައި ވަނިކޮށް، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ނެރުއްވެވި އަމުރެއްގައި އަބްދުﷲ ގާޒީއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ބުނެފައި ވަނިކޮށެވެ.

އެ ވަގުތީ އަމުރު ނެރުއްވެވީ ޖޭއެސްސީގެ ނިންމުން ބާތިލު ކުރުމަށް އެދި އަބްދުﷲ ގާޒީ ސިވިލް ކޯޓުގައި ދައުވާ ކުރެއްވުމުންނެވެ.

ޖޭއެސްސީއަށް ލިބިގެންވާ ބާރެއްގެ ގޮތުގައި ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި އެ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތަކަށް އެފަދަ މީހުން މަގާމުން ވަކިކުރުމަށް ހުށަހެޅުމުގެ ގާނޫނީ ބާރު ގާނޫނު އަސާސީން ކޮމިޝަނަށް ލިބިދީފައިވީ ނަމަވެސް، ފަނޑިޔާރުން އަމިއްލަ އަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ކޯޓުގައި ނުބެލޭނެ ގޮތަށް އޮންނަ ގާނޫނީ އުސޫލާ ހިލާފަށް، އަދި ސުޕީރިއާ ކޯޓެއްގެ ފަނޑިޔާރެއްގެ މައްސަލަ ހަމަ އެ ލެވެލްގެ ކޯޓެއްގައި ބެލުމަކީ ވެސް ގާނޫނީ އުސޫލާ ހިލާފު ކަމެއް ކަމަށް ވެސް ގަރާރުގައި އިމްތިޔާޒު ވިދާޅުވެފައި ވެއެވެ.

އަދި ވެސް ބުނެފައި ވެއެވެ: "... އެ އުސޫލާ ވެސް ހިލާފަށް، އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތުތަކާއި ބާރުތައް ނިގުޅައިގަނެ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބާރުވެރިކަން ގެއްލޭ ގޮތަށް، އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ޖުޑީޝަލް ސާވިސް ކޮމިޝަނެއް އުފެއްދުމުގެ ބޭނުމާއި މަގުސަދު ވެސް ގެއްލޭ ގޮތަށް، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ފަނޑިޔާރުން ހިމެނޭ ކޯޓުން އަމިއްލަ އަށް ބަލައި ގޮތްތައް ނިންމަމުން ގެންދާތީ، މިކަމަކީ ދައުލަތުގެ އެއްބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ އުސޫލު ނެގެހެއްޓުމަށާއި ގާނޫނު އަސާސީ ނެގެހެއްޓުމަށްޓަކައި ދައުލަތުގެ އަނެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުން އިންތިހާ އަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށްވާތީ، އެގޮތުން ކަންބޮޑުވުން ފާޅުކޮށް މި ގަރާރު ހުށަހަޅަމެވެ،"

އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ، އެންމެހައި މީހުންނާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ކޮންމެ ފަރާތެއްގެ މައްޗަށް ޖޭއެސްސީގެ އިހުތިސާސް ހިނގާނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށް ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު