"ޑަކުޓަރުގެ"އިން ދަރުމަވަންތައަށް: 72 އަހަރުގެ ކާމިޔާބު ދަތުރެއް!

ދަރުމަވަންތަ ކޮމްޕްލެކްސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ސަރުކާރުން ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފެށިތާ މިވަނީ 72 އަހަރު ފުރިފަ އެވެ. ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައީ "ޑަކްޓަރުގޭ" ގެ ނަމުގައި ހުޅުވި ވަރަށްވެސް އާދައިގެ ސިއްހީ ހިދުމަތްދޭ ތަނަކާއެކު 1948 ވަނަ އަހަރު އެވެ.

ޑަކުޓަރުގޭގައި ޒަމާނީ ސިއްހީ ހިދުމަތްދޭ ނިޒާމެއްގެ ކުލަވަރުޖެހި، ސަރުކާރު ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ބަދަލުވެގެންދިޔަ އެވެ. މާލޭގައި ޑޮކްޓަރީ ބޭހުގެ ހިދުމަތްދޭން ފެށިނަމަވެސް އަތޮޅު ތެރޭގެ ރަށްތަކަށް އެ ހިދުމަތް ތައާރަފްކުރީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައެވެ.

އޭގެ ފަހުން މިދާއިރާ ތަރައްގީވަމުން އައިސް މިއަދު ރާއްޖޭގެ ކޮންމެ ރަށެއްގައި ސިއްޙީ ހިދުމަތް ލިބޭނެ ގޮތް ސަރުކާރުންވަނީ ހަމަޖައްސާފައެވެ.

ސެންޓްރަލް ހޮސްޕިޓަލުގެ ނަމުގައި ހިންގަމުން ގޮސް، ސަރުކާރުގެ މައި ހޮސްޕިޓަލްގެ އާ އިމާރާތް އެޅި އެތަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރެވިގެން ދިޔައީ 1995 ވަނަ އަހަރުއެވެ. އަދި ސިއްހީ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެމުން ދިޔައެވެ.

އައިޖީއެމްއެޗް -- ސަން ފައިލް ފޮޓޯ

ސަރުކާރުން ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފެށިތާ 72 އަހަރު ވެފައިވާއިރު، މިހާތަނަށް ސިއްހީ ނިޒާމުގެ ވަރަށް ގިނަ ލަނޑުދަނޑިތަކެއް ހާސިލް ކުރެވިފައިވާކަމަށް އައިޖީއެމްއެޗް އިން ގަބޫލުކުރެއެވެ.

އެގޮތުން މެދުނުކެނޑި ރާއްޖޭގެ ބޮޑު އާބާދީ އަކަށް ފަސޭހަ ކަމާއެކު ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި މިދިޔަ ސަރުކާރުން އެޅި 25 ބުރީގެ އިމާރާތެއްކަމަށްވާ ދަރުމަވަންތަ ކޮމްޕްލެކްސް ގައި ގިނަ އޯޕީޑީ ހިދުމަތްތަކެއް މިހާރު ފޯރުކޮށްދެމުން ދާކަން ފާހަގަކުރިއެވެ.

އޭގެ ތެރޭގައި ރޭޑިއޮލޮޖީ، ނާރުގެ ބަލިތަކަށް ހާއްސަ، ކަށީގެ ބަލިތަކަށް ހާއްސަ، ކުޑަކުދިންގެ ބަލިތަކަށް ހާއްސަ، އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ، ޖެނަރަލް ސާޖަރީ، ފިޒިއޮތެރަޕީ، ހަމުގެ ބަލި ތަކަށް ހާއްސަ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، ކަރުންމަތީ ބަލިތަކަށް ހާއްސަ، އަދި ލޮލުގެ ބަލިތަކަށް ހާއްސަ އޯޕީޑީ ހިމެނެއެވެ.

ދަރުމަވަންތަ ކޮމްޕްލެކްސް އިން އޯޕީޑީ ގެ ހިދުމަތްތައް ފޯރު ކޮށްދެމުންދާއިރު، އައިޖީއެމްއެޗްގައި ބައިތިއްބައިގެން ބަލިމީހުންނަށް ފަރުވާދެމުން ދިއުމާއި ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ފަރުވާކުރަމުންދެއެވެ.

ދަރުމަވަންތަ ކޮމްޕްލެކްސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗްގައި ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުންގެ ތަމްރީން ޕްރޮގްރާމްތައް ހިންގަމުން ދާއިރު މީގެތެރެއިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިން ވެސް މިވަނީ އުފެދިގެން ގޮސްފައެވެ.

އުފެދެމުން އަންނަ ޑޮކްޓަރުންގެ އަމަލީ ތަޖުރިބާ ދިނުމުގެ ގޮތުން އައިޖީއެމްއެޗްގައި މިހާރު މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްތައް ވެސް އަންނަނީ ހިންގަމުންނެވެ. ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނު ދިނުމުގެ އިތުރުން، އައިޖީއެމްއެޗް ގައި އެހެނިހެން އާއިލާތަކުން ހިދުމަތްފޯރު ކޮށްދޭ ފަރާތްތަކަށްވެސް ދާއިމީ ގޮތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން އަންނަކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ކުރިން ރާއްޖޭގައި ލިބެންނެތްފަދަ ސްޕެޝަލިޓީ ހިދުމަތްތައް އައިޖީއެމްއެޗްގައި މިހާރު ރައްޔިތުންނަށް ވަރަށް ފުޅާކޮށް ފޯރުކޮށްދެމުން ދާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އޭގެ ތެރޭގައި ނާރުގެ ބަލިތަކުގެ އޮޕަރޭޝަން، ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ފަރުވާ، ހިތުގެ ބަލިތަކަށް ހާއްސަ ފަރުވާ، ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާ، ގޮހޮރުގެ ބަލިތަކަށް ހާއްސަ ފަރުވާ، ކަކުލުހުޅުގެ އޮޕަރޭޝަންތައް، އަދި ކެންސަރުގެ ބަލިތަކަށް ހާއްސަ ފަރުވާކުރުން ހިމެނެއެވެ. އަދި އޭގެ އިތުރުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސީޓީ ސްކޭން، އެމްއާރުއައި، އެކްސްރޭ، މެމޯގްރަމް އަދި ތަފާތު އެތައް އޮޕަރޭޝަންތަކެއް މިހާރު ކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައިޖީއެމްއެޗްގައި ގާއިމުކުރި ސެންޓަރ ފޯރ މެންޓަލް ހެލްތު ހުޅުވައިދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އައިޖީއެމްއެޗްގައި މިހާރު ނަފްސާނީ ބަލިތަކަށް ހާއްސަ މެންޓަލް ހެލްތު ސެންޓަރު ވެސް ގާއިމްކޮށްފައެވެ. އަދި އަވަސް މުސްތަގްބަލެއްގައި ސްޓްރޯކް ސެންޓަރަކާއި ހަކުރު ބަލިތަކަށް ހާއްސަ ސެންޓަރެއް ހުޅުވުމުގެ މަސައްކަތްތައް ވެސް އޮތީ ރާވައިފައެވެ. ހަމަ އެގޮތުން ކިޑްނީ ޓްރާންސްޕްލާންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި އޯޕަން ހާޓް ސާޖަރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

ހަމައެއާއެކު 24 ގަޑި އިރުގެ އިމަޖެންސީ ހިދުމަތާއި، އެކި އެކި ކުއްލި ކާރިސާތައް ދިމާވުމުން އަވަސް ފަރުވާ ދިނުމުގައި އައިޖީއެމްއެޗް ގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ޓްރައިސިސް މެނޭޖް ކުރުމުގެ ގާބިލުކަން ފުރިހަމަގޮތުގައި ފޯރުކޮށްދޭ ކަމަށާއި އައިޖީއެމްއެޗްގައި ހަދާ ލެބް ރިޕޯޓްތައް ހިދުމަތް ހޯދާ ފަރާތްތަކަށް އޮންލައިން ނުވަތަ ފޯނު މެދުވެރިކޮށް ފަސޭހަކަމާއިއެކީ މިހާރު ލިބޭނެ ކަމަށެވެ.

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އައިޖީއެމްއެޗް އެކްރެޑިޓް ކުރުމުގެ މަސައްކަތްތަކެއްވެސް މިހާރު ވަނީ ފަށައިފައެވެ. ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ހޮސްޕިޓަލްސް އެންޑް ހެލްތްކެއް ޕްރޮވައިޑްރިސް (އެންއޭބީއެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ޓެސްޓިންގް އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒް (އެންއޭބީއެލް) ގެ އެކްރެޑިޓޭޝަންއަކީ އައިޖީއެމްއެޗްއިން ހިދުމަތް ހޯއްދަވާފަރާތްތަކަށް އިތުރަށް އިތުބާރު ލިބިދޭނެ ކަމަކަށް ވެގެންދާނެއެވެ.

comment ކޮމެންޓް