ވެއްޓުނު ބޯޓަށް މިސައިލެއް އަރާ ވީޑިއޯއެއް އާންމުވެއްޖެ

ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓް ވެއްޓިފައި --- ފޮޓޯ : ބިޒްނަސް އިންސައިޑާ

އީރާނުގެ ވެރިރަށް ތެހެރާނުން ނައްޓާލައިގެން ދަތުރުކުރި ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންސްގެ މަތިންދާ ބޯޓު ވެއްޓުމުގެ ކުރިން އެއަށް މިސައިލެއް އަރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގައި މިސައިލް އަރާފައިވަނީ އިރާނުގެ ސިޓީއެއް ކަމަށްވާ ޕަރަންދުގެ މަތީން އެ ބޯޓު ދަތުރުކޮށްފައި ދަނިކޮށްކަމަށް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓު ޕީއެސް752 އަށް މިސައިލެއް އަރާފައިވާ ކަމަށް ބުނެ އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ ނިއ ޔޯކް ޓައިމްސްއާއި ސީއެންއެންއިންނެވެ. ކެނެޑާއާއި އިނގިރޭސިވިލާތު އަދި އެމެރިކާގެ އިންޓެލިޖެންސުން ވަނީ މިސައިލެއްގެ ހަމަލާ، ފްލައިޓަށް ކޮށްފައިވާކަމުގެ އިޝާރާތެއް ދީފައެވެ. ނަމަވެސް އިރާނުން ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ.

އިންޓެލިޖެންސުން ބުނީ އެ މިސައިލަކީ އޮޅިގެން ފޮނުވި މިސައިލަކަށް ވެދާނެ ކަމަށެވެ.

ނިއުޔޯކް ޓައިމްސްއިން ބުނާގޮތުގައި އީރާނުގެ ޕަރަންދު މަތީން އެއްޗެއް ގޮވި މަންޒަރު ފެންނަ ކަމަށެވެ. އެއީ ޔޫކްރެއިިންގެ މަތިންދާ ބޯޓުގެ ސިގްނަލް ދިނުން ހުއްޓުނު ހިސާބުކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މިސައިލް ފެންނަ ވީޑިއޯއަކީ އިރާނު ރައްޔިތެއްގެ ފަރާތުން އިންޓަނެޓުގެ ރީސާޗަރަކަށް ލިބުނު ވީޑިއޯއެކެވެ. އޭނާ ފަހުން ސީއެންއެންއާ ވީޑިއޯ ހިއްސާކުރީއެވެ.

އިމާމް ޚޮމައިނީ އެއާޕޯޓުން ނައްޓާލި އެ ބޯޓުގައި ތިބީ 180 މީހުންކަމަށް ބައެއް މީޑިއާތަކުން ފުރަތަމަ ރިޕޯޓު ކުރިއެވެ. ނަމަވެސް ފަހުން އީރާނުގެ ނޫހަކުން ރިޕޯޓުކުރި ގޮތުގައި ބޯޓުގައި ތިބީ 170 މީހުންނެވެ. އެ ބޯޓުގައި ތިބި އެންމެންވެސް މަރުވިއެވެ.

comment ކޮމެންޓް