ގއ. ގެމަނަފުށި ސާފު ރަށެއްގެ ގޮތުގައި ބޭއްވުމަށް އެ ރަށުގެ ރައްޔިތުންގެ މެދުގައި ކުނި ސާފުކުރުމުގެ މުބާރާތެއް ބާއްވައިފި އެވެ.
ގެމަނަފުށި ކައުންސިލުގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ އެ ހަރަކާތަކީ އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ރަށުގެ ބައެއް މުއައްސަސާތައް ގުޅިގެން ހިންގާ ހަރަކާތެއް ކަމަށެވެ. އެ ހަރަކާތަށް ކިޔަމުންދާ ދެ ނަމެއް އޭނާ ފާހަގަކުރެއްވި އެވެ. އެއީ "ސާފު ގެމަނަފުށި"، އަދި "ރީތި ގެމަނަފުށި" އެވެ.
އެ ހަރަކާތުގައި ރައްޔިތުންގެ ފަސް ޓީމެއް ބައިވެރިވެ އެވެ. އެ ފަސް ޓީމުގެ ތެރެއިން އެންމެ ގިނައިން ރަށުގެ ވޭސްޓްމެނޭޖްމަންޓު ސެންޓަރަށް ކުނި ގެންދާ ތިން ޓީމަށް ފައިސާގެ އިނާމު ދޭނެ އެވެ. އިނާމު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު އެވެ.
"ބައިތައް ވަކި ވަކިން ވޭސްޓް މެނޭޖެމަންޓު ސެންޓަރަށް ގެނެސްފައި އެ އެއްޗެހި ވަކިން ކިރާފައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އަޅުގަނޑުމެން މިދެނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް. ދެވަނަ ފަރާތަކަށް 3000 ރުފިޔާ. އަދި ތިން ވަނަ ފަރާތަކަށް 2000 ރުފިޔާ،" ޝިޔާން ވިދާޅުވި އެވެ.
ޝިޔާން ވިދާޅުވި ގޮތުގައި އެ މުބާރާތުގައި ފަސް ޓީމަކުން ގާތްގަނޑަކަށް 80 އާއި 100އާ ދެމެދުގެ އަދަދަކަށް މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ އިތުރުން ހަރަކާތް އިންތިޒާމު ކުރާ ފަރާތްތައް ލައިގެން ގާތްގަނޑަކަށް 130 މީހުން މުޅި ހަރަކާތުގައި ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާން ވިދާޅުވި ގޮތުގައި އެ މުބާރާތުގައި ސާފު ކުރަނީ ގޭބީސީތަކުގައި އުފެދޭ ކުންޏެއް ނޫނެވެ. ޓީމުތަކުން ސާފުކުރަމުން ދަނީ ރަށުގެ އާންމު ސަރަހައްދުތަކުގައި ނުނެގި ދުވަސްވެފައި ހުރި ދަނގަޑާއި ޕްލާސްޓިކު ފަދަ ބޮޑެތި ކުނިތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދިވެސް ކުނިތައް އެބަ ގެނޭ. ގެންނަ ވަރަކަށް ކިރަމުން މިދަނީ. މިހާތަނަށް 5 ވަރަކަށް ޓަނު ކިރިފައި ވަނީ،" ޝިޔާން ވިދާޅުވި އެެވެ.
މަސްވެރިކަމަށް މަޝްހޫރު ގެމަނަފުށީގެ އާބާދީ އަކީ ގާތްގަނޑަކަށް 1700 މީހުންނެވެ. އެ ރަށުގައި ވޭސްޓް މެނޭޖްމަންޓު ނިޒާމެއް ގާއިމް ކުރުމަށް މި އަހަރު ސަރުކާރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.