މުނާޒުގެ ވާހަކަތައް ދިމަލެއް ނުވި! ފޮރުވަނީ ކޮންކަމެއް؟

ޖެނުއަރީ 8، 2020: މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާ ތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް އަށާރަ ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އަބްދުﷲ މުނާޒް މީޑިއާ އާ ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ އިއްޔެ އެވެ.

މަގާމާ ހަވާލުވެވަޑައިގަތްތާ އަހަރު ދުވަސް ފާއިތުވެ ދިޔަ ފަހުން މުނާޒް ނޫސްވެރިންނާ ބައްދަލުކުރައްވަން މަޖުބޫރުކުރުވީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޖަލުތަކުގައި ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

ފަސް ވަރަކަށް ސޮފްހާގެ ލިޔުމަކާއެކު މުނާޒް ޕްރެސް ދޭން ފެއްޓެވުމުން ނޫސްވެރިން އުންމީދުކޮށްގެން ތިބީ އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން މުނާޒްއާ ކުރަން ބޭނުންވެފައި ތިބި ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ.

ޖަލުތަކުގެ ކަންކަން ބޮއްސުން ލައިގެން ދިޔައީ ކުރީ ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނެތުމުގެ ސަބަބުން ކަމަށް ވިދާޅުވެ ކުރީ ސަރުކާރަށް ފާޑުކިޔައި، އަދި މި ސަރުކާރުން ޖަލުތައް އިސްލާހުކުރަން އަޅާފައިވާ ގިނަ އަދި ވަރުގަދަ ފިޔަވަޅުތަކުގެ ވާހަކަ ފަރިތަކަމާއެކު ކިޔާލެއްވި އެވެ.

މުނާޒް ދައްކަވަން ހުރި ވާހަކަތައް ނިންމަވާލެއްވުމާއެކު ސުވާލުތައް ބަންޑުންކޮށްލަން ނޫސްވެރިން ތައްޔާރުވި އެވެ. ނަމަވެސް އެ ފުރުސަތު ނޫސްވެރިންނަށް ދެއްވަން މުނާޒް ބޭނުންފުޅެއް ނުވި އެވެ. ސުވާލުތަކަށް ފުރުސަތު ހުޅުވާލައްވަމުން މުނާޒް ވިދާޅުވީ ކޮންމެ ނޫސްވެރިއަކަށް ވެސް ކުރެވޭނީ ހަމަ އެންމެ ސުވާލެއް ކަމަށެވެ. މާގިނައިން ސުވާލުކުރަން ވެއްޖެނަމަ މުޅި ދުވަސް ދާނެ ކަމަށް ވިދާޅުވެ ބަހަނާ ދެއްކެވި އެވެ.

މުނާޒްގެ ވާހަކައާ ގުޅިގެން ނޫސްވެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ. އަދި މިއީ މުނާޒް ނޫސްވެރިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށް، އިތުރު ފުރުސަތު ދިނުމަށް ވެސް އެދުނެވެ.

އެންމެ ފުރަތަމަ ފުރުސަތު ލިބުނު ނޫސްވެރިޔާ ވަނީ ކަމާބެހޭ އެހެން އިދާރާތަކުން ދައްކާ ވާހަކައާއި މުނާޒްގެ ވާހަކަތައް ފުށޫއަރާކަމާއި، ހުދު މުނާޒް އަމިއްލައަށް ދައްކަވާ ވާހަކަވެސް ދެކޮޅު ނުޖެހޭކަން ފާހަގަކޮށްފަ އެވެ. އަދި ޖަލުގައި ހިނގައިގެން އުޅޭ ކަންކަމުގެ ހަގީގަތް ސިއްރުކުރައްވަން މަސައްކަތް ކުރައްވަނީތޯ ސުވާލު އުފައްދައިފަ އެވެ.

ޖެނުއަރީ 8، 2020: މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާ ތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ނޫސްވެރިޔާއަށް ލިބުނު ފުރުސަތުގައި ދެވަނަ ސުވާލެއް ކުރަން މަސައްކަތް ކުރުމުން މުނާޒް ވަނީ އެކަން ހުއްޓުވައިފަ އެވެ. އަދި ނޫސްވެރިޔާ ކުރި ސުވާލަށް ވެސް މާ އެދެވޭ ޖަވާބެއް ނުދެއްވި އެވެ. ނަތީޖާއަކަށް ވެގެންދިޔައީ އެހެން ނޫސްވެރިން ވެސް އެ ސުވާލު ތަކުރާރުކުރަން ޖެހުމެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ނޫސްވެރިންގެ އެންމެ ބޮޑު ސުވާލަކަށްވީ މުނާޒް އާއި، ފުލުހުން، އަދި ޖަލު އިންސްޕެކްޓަރު ދައްކަވާ ވާހަކަތަކުގައި ވެސް ފުށޫއެރުންތަކެއް ހުރުމެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެ ފުލުސް އޮފިސަރަކު ޖަލަށް ޒިޔާރަތް ކޮށްފައިވަނީ ރިމާންޑުގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން ބަޔަކު އަނިޔާކުރި މައްސަލައެއް "ތަހުގީގު ކުރުމަށް" ކަމަށެވެ.

ކަރެކްޝަންސް އިން ބަޔާނެއް ނެރުނީ، މުނާޒް އާއި ފުލުހުންގެ ހާޒިރުގައި ޖަލު އޮފިސަރުން ގައިދީންތަކަކަށް އަނިޔާކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއަކާ ގުޅިގެންނެވެ.

އެ ބަޔާން ނެރުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ފުލުހުން ބުނީ ފުލުހުންގެ ދެ އޮފިސަރަކު ޖަލަށް ދިޔައީ ބައްދަލުވުމަކަށް ކަމަށެވެ.

ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައި ވަނީ ޖަލު އޮފިސަރުންނާ ގައިދީންނާ އެއްވެސް ކަހަލަ ކުރިމަތިލުމެއް ހިނގާފައި ނުވާކަމަށެވެ. ނަމަވެސް އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮފިސަރުން ބާރުގެ ބޭނުންކުރި ކަމަށެވެ. އަދި ބާރުގެ ބޭނުންކުރީ އޮފިސަރުންގެ ވާޖިބަށް ގައިދީން ހުރަސްއެޅުމުން ކަމަށެވެ.

މި އޮޅުންތައް ފިލުވައިދިނުމަށް ނޫސްވެރިން ތަކުރާރުކޮށް އެދުމުން ވެސް މުނާޒް ދެއްވީ އެންމެ ޖަވާބެކެވެ. އެއީ އެއްވެސް މީހަކު ދޮގު ނުހަދާ ކަމަށެވެ.

"އެބޭފުޅުން ވަޑައިގެންނެވީ ބައްދަލުވުމަކަށް. އެބޭފުޅުން އެތަނުގައި ތިއްބަވަނިކޮށް ޖަލުގައި ހަމަނުޖެހުމެއް ހިނގުމުން، އެކަން ބެއްލެވުމަށޭ އެބޭފުޅުން ގޮޅިއަށް ވަޑައިގެންނެވީ،" މުނާޒް ވިދާޅުވި އެވެ.

މުނާޒްގެ ފަރާތުން އިއްޔެ ފެނިގެން ދިޔައީ ނޫސްވެރިން ދެކެ ޖެހިލުންވެ އިންނެވި ކަހަލަ މަންޒަރެކެވެ. ނޫސްވެރިން ކޮށްފާނެ ސުވާލުތަކަށް ބިރުން އިންނެވި ކަހަލަ އެވެ. އަހަރެއް ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު، ވަޑައިގެންނެވީ ހަމައެކަނި ޖަލުތަކުގައި މިހާރު ހިނގަމުން އަންނަ ކަންކަމާ ގުޅޭ މައުލޫމާތު ހިއްޕަވައިގެންނެވެ. އަމާޒުވެދާނެ އިތުރު ސުވާލަކަށް އެއްވެސް ވަރަކަށް ތައްޔާރުވެވަޑައިގެންފައެއް ނުވެ އެވެ.

އެހެންކަމުން ހަމައެކަނި ޖަލުގައި ހިނގައިގެން އުޅޭ ކަމާ ގުޅޭގޮތުން ސުވާލުކުރުމަށާއި އެކަމާ ނުގުޅޭ ސުވާލު ނުކުރުމަށް ވެސް އެންމެ ފަހުން އެދިވަގަޑައިގަތެވެ.

ނަމަވެސް ނޫސްވެރިން ވަނީ ޖަލުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ހާސިލްވި މިންވަރާ ގުޅޭގޮތުން ސުވާލުތައް އަމާޒު ކޮށްފަ އެވެ.

ޖަވާބުގައި ވިދާޅުވީ ޕްރެސް އަށް ވަޑައިގަތީ އެ ސުވާލަށް ތައްޔާރުވެގެން ނޫން ކަމަށެވެ. އަދި އެވާހަކަ ދައްކަން ފަށައިފި ނަމަ ޕްރެސް ދިގުލައިގެން ދާނެ ކަމަށާއި، ތައްޔާރުނުވެ އިންނަވައި ޖަވާބުދެއްވަން ހައްދަވައިގެން ކުށެއް ދެންނެވިދާނެ ކަމަށެވެ.

ޖެނުއަރީ 8، 2020: މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާ ތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑު އެހެން ގޮތެއް ހަދާނީ. އަޅުގަނޑަށް އެނގޭ ވަރަށް ގިނަ ސުވާލު ހުރިކަން. އެހެންވީމަ ވަކިވަކިން ކޮންމެ ނޫހަކަށް އަޅުގަނޑުމެންގެ މީޑިއާ އޮފިޝަލް މެދުވެރިކޮށް ޖަވާބު ފޯރުކޮށްދެވޭނެ،" ނޫސްވެރިންގެ ސުވާލުތަކުން ރެކެމުން މުނާޒް ވިދާޅުވި އެވެ.

ނަމަވެސް ތަނެއްގެ ވެރިޔަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި ވަޑައިގަތުން ބަލައިނުގަނެވޭނެ ކަމަށް ބައެއް ނޫސްވެރިން ފާހަގަ ކުރި އެވެ. އަދި ބައެއް ސުވާލުތަކަކީ މީޑިއާ އޮފިސަރަށް ޖަވާބު ނުދެވޭނެ ސުވާލުތައް ކަން ވެސް ނޫސްވެރިން ފާހަގަކުރި އެވެ.

"މީޑިއާ އޮފިޝަލަށް ޖަވާބު ނުދެވޭ ސުވާލެއް ވިއްޔާ އެބޭފުޅުން އަޅުގަނޑުމެން ކައިރީ އަހައިގެން ޖަވާބު ދެއްވާނެ،" މުނާޒް ވިދާޅުވި އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ނުދެއްވައި، ކޮންމެ ނޫސްވެރިއަކަށް އެއް ސުވާލުކުރުމުގެ ފުރުސަތު ދިނީ މުނާޒް ބޭނުންވާ ވާހަކަތައް ސުރުހީތަކުގައި ޖައްސަވަން ކަމަށް ވެދާނެއެވެ. ނަމަވެސް ނޫސްވެރިން ވެސް ގޮތް ދޫނުކުރުމުން އެންމެ ފަހުން ޕްރެސް ކުރުކޮށްލައްވައި، ދެން ގިނަގިނައިން ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމުގެ ވައުދާއެކު އަވަހަށް އެތަނުން ނުކުމެވަޑައިގެންނެވީ އެވެ.

ޖަލުގެ ކަންކަން ހައްލުކުރަން މިހާރު ބާރު ބޭނުން ނުކުރާނެ ކަމަށާއި، ކަންކަން ހައްލު ކުރާނީ ނަސޭހަތް ދީގެން ކަމަށް މުނާޒް އިއްޔެ ވިދާޅުވި އެވެ. އަދި ގައިދީން މިހާރު ނަސޭހަތް ގަބޫލުކޮށްފައިވާ ކަމަށާއި ގައިދީން ބަސް އަހާފައިވާކަމަށް ވިދާޅުވީ ފަހުރުވެރިކަމާއެކު އެވެ.

އެހެން ނަމަވެސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ރޭ ނެރުނު ބަޔާނަކާއެކު މުނާޒް ދައްކަވާ ވާހަކަތަކާ މެދު އަނެއްކާވެސް މިވަނީ ސުވާލު އުފެދިފައެވެ. އެޗްއާރްސީއެމް އިން ބުނީ ޖަލުތަކުގައި ހިނގަމުން އަންނަ ކަންކަމުގެ މައުލޫމާތު އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައި ވަނީ މީޑިއާގެ ޒަރީއާއިން ކަމަށެވެ.

އަދި މިހާރު އެކަމުގެ ތަހުގީގު ފަށާފައިވާއިރު، ކަރެކްޝަންސްގެ ފަރާތުން އެންމެ އެދެވޭ މިންވަރުން އެއްބާރުލުން ނުދޭ ކަމަށާއި އަދި ތަހުގީގަށް ސައްހަނޫން މައުލޫމާތު ވެސް ދީފައިވާ ކަމަށް ބުންޏެވެ.

އެޗްއާރްސީއެމް އިން ވަނީ ގައިދީންތަކެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާ ކަމަށާއި، ޖަލުގެ ތިން ތަނެއްގައި ރޯކޮށްލާފައިވާ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ކަރެކްޝަންސް އިން ބުނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ނުކުރާ ކަމަށާއި، ރޯކޮށްލީ ބެޑްޝީޓެއްގައި ކަމަށެވެ.

މިއާއެކު އަނެއްކާވެސް މުނާޒް އާ ކުރަންޖެހޭ އިތުރު ސުވާލުތަކެއް މިވަނީ ފެންމަތިވެފައެވެ. ކަރެކްޝަންސް އިން އެޗްއާރްސީއެމްގެ ތަހުގީގަށް ދޮގު މައުލޫމާތު ދިނީ ކީއްވެ ހެއްޔެވެ؟ ފޮރުވަން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ގައިދީން ހަމަ ހަގީގަތުގައި ވެސް ބަސް އަހައިފި ހެއްޔެވެ؟ ޖަލުގެ ކަންކަން ހަމައަކަށް އެޅިއްޖެ ހެއްޔެވެ؟ ޒިންމާ އެބަ އަދާކުރެވޭ ހެއްޔެވެ؟

ގައިދީންނާ މެދު ބާރުގެ ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވި ނަމަވެސް ނޫސްވެރިންނާ ދޭތެރޭ މުނާޒް މި ގެންގުޅުއްވީ އެއާ މުޅިން އިދިކޮޅު އުސޫލެކެވެ. މުނާޒް ބޭނުންވީ ނޫސްވެރިން ކޮންޓްރޯލްކޮށް، ސުވާލުތައް ވެސް ހިފަހައްޓާށެވެ. ނޫސްވެރިން ހޯދަން ބޭނުންވި ޖަވާބަށް ވުރެ، މުނާޒް ދެއްވަން ބޭނުންވި ޖަވާބު ދެއްވާށެވެ. މިފަދަ ހަރުކަށި އުސޫލަކުން ނޫސްވެރިން "ބަސްއަހާނެ" ކަމަށް މުނާޒަށް ގަބޫލުކުރެއްވޭ ނަމަ އެއީ ކުށްހީއެކެވެ.

comment ކޮމެންޓް