މާފުށީ ކައުންސިލްގެ ނިންމުމުގައި ގާނޫނީ މައްސަލަތައް އެބަހުރި: އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް --- ފޮޓޯ/ މަޖިލިސް

ކ. މާފުށި ސަރަހައްދުގައި އަޅާފައިވާ ސަފާރީތައް ނެގުމަށް ނިންމި ނިންމުމުގައި ގާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މާފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މާފުށީ ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އިހުތިސޯސް އިން ބޭރަށް ގެންދިޔުމަށް އަންގާ ކަމަށެވެ.

އެކަމާ ގުޅިގެން އުޝާމް މިރޭ ސަން އަށް ވިދާޅުވީ އިހުތިސޯސް އާ ގުޅޭގޮތުން ކައުންސިލަަށް ބާރު ފޯރުވޭނީ ރައީސުލްޖުމްހޫރިއްޔާ އިހްތިސޯސު ކަނޑައެޅުމުން ކަމަށެވެ.

"ގާނޫނުވެސް ބުނަނީ ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެކަން ކުރަން ޖެހޭނެ. ރައީސް އަދި އެކަމެއް ކުރައްވާފައެއް ނުވޭ،" އުޝާމް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ވަނީ ދާދި ފަހުން އިސްލާހު ގެނެސްފައެވެ. އެކަމާ ގުޅިގެން ރައީސް އަދި ސަރަހައްދު ކަނޑައަޅުއްވާފައި ނުވާ ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.

"އޭގެ ކުރިއަކުން ނުބުނެވޭނެ އެއްނު އަމިއްލަ ސަރަހައްދު ކަނޑައަޅައި އެއްޗެހި ނަގާކަށް،" އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރަށު ކައުންސިލްގެ އިހުތިސޯސް އަކީ އެ ރަށެއްގެ އުރަފަތުން ފެށިގެން 700 މީޓަރު ކަމަށެވެ. ނަމަވެސް އެ އިހްތިސޯސަށް އަމަލު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ސަރަހައްދު ކަނޑައެޅުއްވުމުންނެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މާފުށީ ކައުންސިލްގެ އިހުތިސޯސްގައި އެއްވެސް ސަފާރީއެއް ބަނދަރުކޮށްފައިވާނަމަ، މިމަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ސަފާރީ އެއް އެތަނުން ނަގަން އަންގާ ކަމަށެވެ.

comment ކޮމެންޓް